މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާ އެކު ދެ ރަށަކުން ފަސް މީހުން ހައްޔަރުކޮށްފި

Sep 12, 2022
1

ސ. ހިތަދޫ އަދި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި، ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ރަށު މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.

މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ހިތަދޫ ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ތިން މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ 24 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ރަށު ފަޅުގައި އޮތް ދޯންޏަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އޭނާ 10 ދުވަހު ބަންދު ކުރުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.