(9 ޑިސެމްބަރ 2021 އާ ގުޅޭ)
މަންމަގެ މޫނަށް އޭނާއަށް ބަލާ ވެސް ލެވުނެވެ. ބުނާނީ ކޮންއިރަކުން ބާއެވެ. ޔޫކް ނުހުންނަ ވަގުތަކަށް ވާނީ އެކުއްޖާ ނިދީމައެވެ. އެހެންނޫނީ އޭނާ ހޫރައިން ނުފެންނަ ހިސާބަކު ނީންނާނެއެވެ. މިވަގުތު ނޫނިއްޔާ މަންމަ އެ މަޑުކުރީ މިރެއަށްތާއެވެ.
ސްކޫލު ދޮށަށް ޔޫކް ބަލާ އައިސް ހޫރައިން ހުއްޓެވެ. މީހުންނާ އެކުނުވާ ފަދަ އެކަހެރި ކަމެއްގައެވެ. އެއްވެފައި ތިބި ބެލެނިވެރީންނާ މާ ދުރުގައެވެ. ދޮރޯށި ހުޅުވޭއިރަށް އެކަކުއަނެކަކުގެ ގައިގާ އުނގުޅުމުން، ރޭހަކަށް ވާދަކުރާހެން އެންމެ ކުރީން ވަދެވޭތޯއެއް އޭނާ ނޫޅޭނެއެވެ. މަންމަ ނޫނީ މާމަ އަންނާނެކަމުގެ ޔަގީންކަމުގައި ޔޫކް ކެތްތެރިވެ ހުންނާނެކަން ހޫރައިނަށް ޔަގީންވެއެވެ. އެކަމަކު މިއަދު އޭނާގެ ސަމާލުކަން ކުޑަވެފައިވާ ކަހަލައެވެ. ވަށައިގެން އަވަސް ނަޒަރުތަކެއް ހިންގާތީއެއް ނުފެނެއެވެ. ތަފާތު ހިމޭންކަމެއްގައި ވާކަހަލައެވެ. ނަޒަރު ތިރިކޮށްލައިގެން ހުރިއިރު ފުން ހިޔާލެއްގައިވާ ފަދައެވެ. އެގޮތުގައި ވަނިކޮށް ހިލަންވެގެން ހޫރައިން އިސް އުފުލާލިއިރު ބެލެނިވެރީންތައް އިސްކޫލަށް ވަންނަނީއެވެ.
ލޯއުކަމުން ދިޔަ ޔޫކަށް މަންމަ ފެނުމާއެކު ފުޅާ ހިނިތުންވުމެއް އެ މޫނަށް ވެރިވިއެވެ. އާންޓީ ގޮވާލުމުގެ ކުރީން ހަލުވިކޮށް އައިސް އާންޓީގެ ގާތުގައި ޔޫކް މަޑުކޮށްފިއެވެ. ސަލާމްކުރަން އަތް ދިއްކޮށްގެން ހުރެއެވެ. ޔޫކްއާ ސަލާމްކޮށް އެ އަތުން ދޫކޮށްނުލާ ހުރެ އާންޓީ ހޯދާލިއެވެ. ހޫރައިން ކައިރިވެލިތަން ފެނުނީ ދެނެވެ. ދަރިފުޅު ގޮވައިގެން ހޫރައިން އިސްކޫލުން ނުކުތެވެ.
ގެއަށް އައި މަގުމަތީ ދަރިފުޅަށް ގޮވާލުން ފިޔަވައި ހޫރައިން ވާހަކައެއް ނުދައްކައެވެ. ދެން އޭނާގެ އަޑު އިވިލީ ގެއަށް ވަންނަން އުޅުނު ޔޫކަށް ދުޢާ ކިޔަން ހަނދާންކޮށްދިން ވަގުތެވެ. ދެމައިން ގޭތެރެއަށް ވަންއިރު ސުމައްޔާ އިނީ ސޯފާގައެވެ. ހޫރައިންގެ އަންގިއެއް ކުޑަކޮށްދިނުމުގެ މަސައްކަތް ކުރުމުގައެވެ. މަންމަ ފެނުމުން ހޫރައިން ގޮވާލިއެވެ. ތަބީއަތަށް އައިސްގެން އުޅޭ ބަދަލުގެ އަސަރު އެ އަޑުގައި އެކުލެވިފައި ވިއެވެ. ނަމަވެސް ސުމައްޔާގެ ފަރާތުން ބަދަލެއް ނުފެނެއެވެ. ދަރިފުޅާއި މާމަދަރިފުޅަށް އޭނާކީ ހޫނު މަރުޙަބާއެކެވެ.
ކޮޓަރީގައި ޔޫކްގެ ޔުނީފޯމް ބަދަލު ކުރުވަން ހޫރައިން އުޅެއެވެ. މިއަދު އޭނާ އެނބުރި މަސައްކަތަށް ނުކުންނަ ހިތެއް ނެތެވެ. ދަރިފުޅާއެކު ގޭގައި މަޑުކުރާން ބޭނުންވަނީއެވެ. އޮށޯވެލައިގެން އެއްވެސް ކަމެއްނުކޮށް އޮންނަން ބޭނުންވަނީއެވެ. މަޑުމަޑުން ހަރަކާތްތައް މަޑުޖެހުނެވެ. އަތުގެ ތެރޭގައި އޮތް ޔޫކްގެ ޔުނީފޯމް ގަމީހާއެކު ހޫރައިންއަށް އެނދުގައި އިށީނދެވުނެވެ. އޭނާއަށް ބަލަން ކުޑަކުޑަ ޔޫކް ހުރިކަން ވެސް މިފަހަރު ވިސްނާނުލެވުނެވެ. ފުންނޭވާއަކާއެކު ހޫރައިންއަށް އިސްޖަހާލެވިއްޖެއެވެ. ދެ ލޯ މަރާލިއެވެ.
"މަންމީ... ދެރަވީތަ؟." ޔޫކްގެ ދެއަތްތިލަ ޖައްސާލީ ހޫރައިންގެ ކޯތާފަތުގައެވެ. އެ ކުޑަކުޑަ ދެއަތުން ހޫރައިންގެ މޫނު އުފުލާލައި އެކުއްޖާއާ ނަޒަރު ސީދާކުރަން މަޖުބޫރުކުރުވިއެވެ. ވަރުބަލިކަން އެކުލެވޭ ބެލުމަކުން ހޫރައިން ދަރިފުޅަށް ބަލަން އިނެވެ. ދެން ހިނިތުންވެލިއެވެ. ދެފަރާތަށް ބޯހޫރާލިއެވެ.
"ނުވޭ ދެރައެއް." ހޫރައިން ބުނެލިއެވެ. ނަމަވެސް ޔޫކްގެ މޫނުގައިވީ މާޔޫސްކަން ނުފިލައެވެ. އެކުއްޖާ ހޫރައިންގެ ގައިގާ ބައްދާލިއެވެ. ދެން އޭނާގެ އާންމު އުޅުމަށް ރުޖޫޢަވީއެވެ. އިތުރު އެއްވެސް ވާހަކައެއް ދެއްކުމެއް ނެތިއެވެ.
ފޯނު ރިންގުވާ އަޑު އިވުނީ މެންދުރު ނަމާދުން ފައިބާ އެނދުގައި ހޫރައިން އޮށޯވެލައިގެން އޮއްވައެވެ. ފޯނަށް ބަލާނުލާ އެމީހަކު ދެވަނަ ފަހަރަށް ގުޅަންދެން ހޫރައިން އޮތެވެ. ދެން އަމިއްލަ ނަފްސަށް ނިހާޔަތަށް މަޖުބޫރުކުރަމުން އޭނާ ތެދުވެއްޖެއެވެ. ހަސީނާގެ ފޯނުކޯލު ނެގިއެވެ. އެ ގުޅީ ކީއްވެކަން އެނގި ހުރެއެވެ. މިއަދު ހޫރައިން އެނބުރި އައުން މާ ލަސްވީކަން ދެނަހުއްޓެވެ. ހަސީނާ އެ ގުޅީ ވީގޮތެއް ބަލަންކަން ޔަގީނެވެ. ފޯނުކޯލު ބޭއްވުމާއެކު ހޫރައިން އެނދުން ތެދުވެއްޖެއެވެ. އެނބުރި ޔުނިވަރސިޓީއަށް ނުކުންނަން ތައްޔާރުވާންފެށިއެވެ. އިހްސާސްކުރެމުންދިޔަ މަޖުބޫރެއްގެ ސަބަބުން އެ ދެ ލޯ ފެންކަޅިވެއްޖެއެވެ. މިއީ އޭނާއަށް އާ އިހުސާސެއް ނޫނެވެ. އޮތްތަނުން ތެދުވުމާއި ކައިބޮއެ ހެދުމަށް ފޫހިވެ އަމިއްލަ ނަފްސަށް މަޖުބޫރުކުރި ދުވަސްތަކެއް މާޒީވެ ހިނގައްޖެއެވެ. އޭރު ކޮންމެ ކަމެއް ކުރެވެނީ ރޮމުންނެވެ. މަޖުބޫރުންނެވެ. މަންމަގެ އެތައްހާސް ހިތްވަރަކާއެކުއެވެ. ގިނައީ މަންމަގެ ހިއްސާއާއެކު މަންމަކޮށްދިނުމުން ކުރަން ފަސޭހަވީ ކަންކަމެކެވެ.
ލޯގަނޑު ކުރިމަތީ ހުއްޓިލަމުން ބުރުގާ އެޅުމުގެ ކުރީން ލޯ ކައިރި ހޫރައިން ފުހެލިއެވެ. ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. ކާމޭޒުދޮށުގައި މަންމައާއެކު ޔޫކް ތިއްބެވެ. ފެންވަރުވައި ނަމާދަށް އެރުވުމަށްފަހު މަންމަ ޔޫކަށް ކާންދޭން އިނެވެ. އުމުރުން ފަސް އަހަރަސް މަންމައާއެކު ޔޫކް ނަމާދަށް އަރުވައެވެ. މުހިންމު ހުރިހާ ދުޢާއެއްހެން އެކުއްޖާ ހިތުދަހެވެ. ބުނެލަންވާއިރަށް ކިޔާދޭނެއެވެ. އެކަމުގެ ޝުކުރު ހައްގުވަނީ ސުމައްޔާއަށެވެ. ހޫރައިންގެ މަޖުބޫރުކަމަށް ހިނިތުންވުމެއް އިތުރުކޮށްލިއެވެ. މަންމައާއި ދަރިފުޅުގެ ކައިރިއަށް އައެވެ. ދަރިފުޅުގެ މޫނުގައި ހޫރައިން ބޮސްދިނެވެ.
"ގަރުދިޔަގަނޑެއްހެން ހީވަނީ..." ހޫރައިން ބުނެލިއެވެ. ކުޑަކުޑަ ޔޫކް ހީނލިއެވެ. އެކުއްޖާގެ ދިފާއުގައި ސުމައްޔާ ވެސް އެއްޗެކޭ ބުނެލިއެވެ.
"ދަނީ މަންމާ. ޔޫކް، ބަސްއަހައްޗޭ." ހޫރައިން ބުނެލިއެވެ. އަނގައި ފުރައިގެން އިނދެ ބޮޑުވައި އިނގިލި ދައްކާލަމުން ޔޫކް ބޯޖަހާލިއެވެ. މަންމަގެ އޯގާތެރިކަމުގެ ހިނިތުންވުން ހޫރައިނަށް ހުއްޓިފައި ވިއެވެ. ބަލައިގެން ދިއުމަށް ނަސޭހަތްތެރިވިއެވެ.
ހަލުވިކޮށް އައިސް ޔުނިވަރސިޓީއަށް ވަދެވުމާއެކު ހޫރައިން ދަބަހުން ޓިޝޫއެއް ނެގިއެވެ. ނިތްކުރި ފުހެލާފައި މޫނުފޮތިކޮޅުގެ އަޑިން ތުންފަތްމަތި ފުހެލިއެވެ. ހަތަރު އިމާރާތް ހުންނައިރު އެ ހަތަރު އިމާރާތަށް ދެވޭނެހެން ވަނީ ދިގު ސަރައްކާލިއަކުން ގުޅިފައެވެ. އެހެންވެ އެންމެ ކައިރިން ޖެހުނު ލިފްޓަށް އަރަން ހޫރައިން މަޑުކުރިއެވެ.
"ހޫރައިން." ހުޅުވުނު ލިފްޓުގެ ތެރޭގައި ހުރީ ތަހާނީއެވެ. ކޮށްލި ސަލާމެއް ފަދައިން ހޫރައިން ބޯޖަހާލީއެވެ.
"ވަގުތެއްވީމަ އަންނައްޗޭ. ކޭކެއް ފަޅައިގެން މިއުޅެނީ." ދާން އުޅެފައި ވެސް ތަހާނީ ހުއްޓި ބުނެލިއެވެ. މިފަހަރު ވެސް ހޫރައިން ބޯޖަހާލީއެވެ.
ތަހާނީ ދަޢުވަތު ދިން ނަމަވެސް ދިއުމުގެ ޝައުގެއް ހޫރައިންގެ ނެތެވެ. އޭނާ ބެލީ ހަސީނާއާ ބައްދަލުކުރެވޭތޯއެވެ. އަތުވެއްޖެއިންކަން އަންގާލުމަށެވެ.
"މަންޖޭ އަވަހަށް އާދޭ!... މިތަނުން ވައްތަރެއްގަ ހިފާލަންވާނެ." ސައިކޮޓަރިއަށް އެންމެން ޖަމާވެފައި ތިއްބެވެ. ހޫރައިން ފެންނައިރަށް ގޮވައިފިއެވެ. ހަސީނާ ވެސް ގޮވިއެވެ. ކޮންމެވެސް ޓީޗަރެއްގެ އުފަން ދުވަހެވެ. ޓީޗަރުންގެ މެދުގައި އެކަން ފާހަގަކޮށް އެތަނުން ގެނައި ބައެއް ތަށިތަކެވެ. ހޫރައިން ނޫނެކޭ ބުނެ ހިނގައިގަތީ އެތަނުން ނުކުންނާށެވެ.
"ހޫރް..." އެކަނިމާއެކަނި ގަހުގެ ހިޔަލުގައި އިން ހޫރަށް ހަސީނާ ގޮވާލިއެވެ. ޑީ ބުލޮކްގެ ބިއްދޮށުގައިކަން ހޫރައިން އިންނާނީ އެނގިގެން ހަސީނާ އެތަނަށް އައީއެވެ.
"ކިހިނެއްވީ؟." ހަސީނާ އަހާލިއެވެ. ހޫރައިން ތަފާތުކަމަށް ފެންނާތީއެވެ.
"ކަމެއްނުވޭ... އެތާ މާ މީހުން ގިނަވީމަ." ހޫރައިން ދެއްކީ ގަބޫލުކުރެވޭ އުޒުރެކެވެ.
"އެމީހުން ކުރާ ކަންތައްތަކުގައި ހޫރައިން ވެސް ވާނެ ދޭތެރެއަކުން ބައިވެރިވާން. އަމިއްލައަށް އެކަހަލަ ކަންކަމުގަ އިސްނަގަންވާނެ. އެހެންނޫނީ އަބަދުވެސް ހުންނާނީ ބާކީވެފަ. ގުޅުން ބަދަހިކުރިވަރަކަށް އެހެން މީހުންނާއެކު އުޅޭން ފަސޭހަވާނެ. ދަރިފުޅު ވެސް މީހުންގެ ތެރެއަށް އާދަވާނީ އޭރުން." ހަސީނާ ބުންޏެވެ. އެ ވާހަކަ ގަބޫލުކުރާ ފަދައިން ހޫރައިން ބޯޖަހާލިއެވެ.
"ހަސިންތަ ކައިރީ މަންމަ އެއްވެސް ވާހަކައެއް ބުނިތަ؟." ވަގުތުކޮޅަކަށް ބަހެއް ނުބުނެ އިނދެފައި ހޫރައިން ވާހަކަދެއްކިއެވެ.
"މަންމަ ވަރަށް ގިނަ ވާހަކަދައްކާނެ. އަނެއްކާ ކޮންވާހަކައެއް. ބުނެބަލަ... އޭރުން އެނގިދާނެ." ހަސީނާ ބުންޏެވެ. ދެން އޭނާ ކާން އިން ޖަބުލާނީ ހޫރައިނަށް ދިއްކޮށްލައިފިއެވެ. ހޫރައިންގެ ނަޒަރު ހަސީނާއަށް ހުއްޓިފައި ވިއެވެ. އޭނާގެ ސުވާލުން ހަސީނާގެ މޫނުގައިވީ އަސަރަށް ބަދަލެއް ނާންނަކަން ފާހަގަވިއެވެ.
"ތިހެން ނީނދެ ބުނެބަލަ. ކޮންވާހަކައެއް މަންމަ ދެއްކީ." ހިމޭންކަން ދިގުލައި ދާތީ ހަސީނާ ބުނެލިއެވެ.
"ދިރިއުޅުމާ ބެހޭ ގޮތުން. މަންމަ ދުވަސްވެފައި ހުރިކަން... މަރުވެދާނެކަން. އަހަންނާއި ޔޫކަށް އަޅާލާނެ މީހަކު ނުހުންނާނެކަން." ހޫރައިން ފާހަގަކުރީ މަންމަގެ ވާހަކައިން ތަންތަންކޮޅެވެ. އެވަރުން ވެސް ހަސީނާ ދެނެގެންފިއެވެ.
"ކައިވެނީގެ ވާހަކަ ދެއްކީތަ؟." ހަސީނާ އަހާލިއެވެ.
ހޫރައިން ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އޭނާ ކަމަކާ މަޝްވަރާކުރަން ވިޔަސް އޭނާއާ އެއް އުމުރެއްގެ އެކުވެރިއެއް ނެތެވެ. އެއްވެސް ރަހުމަތްތެރިއަކު ނެތީއެވެ. ތިބި ބަޔަކީ އާއިލާއެވެ. އެއީ ކުޑަކުޑަ އާއިލާއެކެވެ. އާއިލާކަމުގައި ހޫރައިންގެ ތިބިހާ ވެސް ބަޔަކީ މަންމައާއި ހަސީނާ އެކަންޏެވެ. އޭނާގެ ހުރިހާ ކަމެއް އެނގި ތިބީ އެ މީހުންނެވެ.
"އެކަމާ ދޯ ތި ވިސްނަނީ. ދަރިފުޅު ތައްޔާރުނޫންކަން މަންމައަށް ނުވިސްނެއޭ ހީނުކުރައްޗޭ. ރެޔާދުވާލު އޭނާގެ ވެރި އިލާހު ފިޔަވައި އެ ހިތާއި ސިކުނޑީގައިވާ ފަރާތަކީ ހޫރް. ސުމައްޔާ ދުނިޔޭގަ ހުއްޓާ ހޫރް ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދުށުން އޭނާ ވަރަށް އެދޭ. އެއީ މިހާރު އޭނާ ދުށް ހުވަފެނެއްނޫން. ފަސް އަހަރު ކުރީން ވެސް އޭނާ ދެކެމުން އައި ހުވަފެނެއް. ދަރިފުޅަށް އުފާވެރި ހަޔާތެއް ލިބުން. ހޫރް ވިސްނާލަބަލަ... ތިގެއަކީ ފިރިހެނަކު ހުރި ގެއެއްނޫން. މަންމައާއި ދަރިފުޅަށް ކަމެއް ވިއްޔާ ދުވަން ހުރި މީހަކީ ތީ. ހަސިންތައަށް އެނގޭ ހޫރް ކޮންމެ ހާލަކައިގެން ވެސް އެމީހުންގެ ކަންކަން ކުރާނެކަން. އެކަމަކު ހޫރަށް އަޅާލާނީ ކާކު؟."
"އެކަމަކު... ގޭގައި ފިރިހެނަކުނެތި މަންމައާއި ދަރިފުޅާއެކު އުޅޭ ކިތަންމެ އަންހެނުންނެއް އުޅޭ... ފިރިހެނަކު ނެތަސް، މިހާ ދުވަހު ވެސް މި އުޅުނީ. ކަމެއްނުވެފައި ނެތް. މިހާރު އަހަރެން ވަޒީފާއެއް ވެސް އަދާކުރަން. އަލްޙަމްދުލިއްﷲ! ފައިސާގެ ދަތިކަން ވެސް ފިލައިފި. ކައިވެނި ނުކުރިޔަސް މިއޮއް އުޅެވެނީނު."
"އެކަނިވެރި ދިރިއުޅުމެއް އުޅޭން ތިވިސްނަނީ މާ އަވަހަށް." ހަސީނާއަށް ބުނެވުނެވެ. ހޫރައިން މީހަކާއިންނަން ބޭނުންނުވާ ސަބަބު ހަސީނާއަށް އެނގެއެވެ. އެކަމާ ގުޅުވާ އެއްޗެއް ބުނަން ހަސީނާ ނޭދެއެވެ. ހޫރައިން ކަންބޮޑުވެފައި އިންދާ އެ ވާހަކަ ފެށިއްޖެނަމަ އެކުއްޖާގެ ޠަބީޢަތް މިހާރަށްވުރެ ގޯސްވެގެން ހިނގައިދާނެތީއެވެ.
ކޮޓަރީގައި ދަރިފުޅު ކައިރިއަށް ލައިގެން އޮތް ހޫރައިންގެ މޫނުގައިވަނީ ދުވަހުގެ ވަރުބަލިކަމެއް ނޫނެވެ. ދިރިއުޅުމާމެދު ހޫރައިން ނުވިސްނަންތޯ މަންމަ ކުރި ސޫވާލުން ހިތްނުވަތަސްވީގޮތަށް ހަމަޖެހުމެއްނުލި އެ ފިކުރުގައި އޭނާ ވަރުބަލިވެފައި ވެއެވެ.
"ކައިވެންޏެއް ކުރަނިކޮށް އިންޝާﷲ، ހޫރައިންނަށް ރަނގަޅުވާނެ. އެނގޭ އެކަހަލަ ކަމަކާ ހޫރް އަދި ނުވިސްނާކަން. މަންމައަށް ހިޔެއްނުވޭ ހޫރް ކައިވެންޏެއް ކުރާން ބޭނުންވާހެން. އެހެންވެ މިވާހަކަ ދައްކާލަން ހިތަށް އެރީ. ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދަން ދަތިވަންޏާ މަންމަ މިހުރީ އެކަމުގައި ހޫރަށް އެހީވާން. މަންމަ ރަނގަޅު ކުއްޖަކު ހޯދަފާނަން. ޔޫކްއާއި ދަރިފުޅު ބަލައިގަންނާނެ ފަދަ ޒުވާނެއް."
ސުމައްޔާގެ އަޑު ހޫރައިންގެ ކަންފަތުގައި ހަރުލާފައި ވެއެވެ. ނިދިފައި އޮތް ޔޫކް ގަޔާ ދުރުކޮށްލާފައި ހޫރައިން އެނދުން ތެދުވިއެވެ.
"މަންމައަށް ވެސް އެނގުނީ މިވަގުތު އެވާހަކަދައްކަން. ޔާ ﷲ! މީ ކޮންކަހަލަ އިއްތިފާގެއް... އޭނާ ވެސް އަހަރެންގެ ކުރިމައްޗަށް އައިސް އެ ބަސްތައް ބޭރުކޮށްލީ... އަހަންނަކީ ކާކުކަމެއް ވެސް ނޭނގި." އަލަމާރި ކައިރިއަށް އައިސް ހުއްޓުނު ހޫރައިންގެ ހިޔާލުގައިވިއެވެ.
ދެބަޔަށް ހުރި ދަމާ ދޮރުފަތްލީ ބޮޑު އަލަމާރީގެ އެއް ދޮރުފަތް ހޫރައިން ކަހާލިއެވެ. ފެންނަން ހުރި ވަތްގަނޑު ހުޅުވާލުމާއެކު އޭގެ ތެރެއިން އޭނާ ނެގީ ވާކޮޅެއްލާފައި އޮތް ނޫކުލައިގެ މަހުމާ ކުޑަ އުރައެކެވެ. އެ ހިފައިގެން ހޫރައިން އިށީނީ އަލަމާރި ބުޑުގައެވެ. ކޮތަޅުގެ ވާކޮޅަށް ދޫ ދީ ފުޅާކޮށްލުމާއެކު އޭގައިވީ އެއްޗެއް އަތަށް ވެއްޓޭނެހެން އަރިކޮށްލިއެވެ. ހޫރައިންގެ ކާނާއަތްތިލައިގެ ތެރެއަށް ވެއްޓުނީ ރަން ކަންފަތު މުދިއެއްގެ އިތުރުން އަތުގާ އަޅާ ރަން ކެވެލިކޮޅެކެވެ.
"މޫސުމަށްވުރެ އަވަހަށް މީހުން ބަދަލުވެދޭ." ހޫރައިންގެ ހިތް ބުނެލިއެވެ.
އަޒްހަދާއި ހޫރައިން ބައްދަލުވީ އުމުރުން ފަނަރަ އަހަރުގައެވެ. އިސްކޫލުންނެވެ. އަޒްހަދަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް ފާހަގަކުރެވޭ މޮޅު ދަރިވަރެކެވެ. އަންހެންކުދީންގެ މެދުގައި މަގުބޫލުވެފައި މަޝްހޫރު ފިރިހެން ކުއްޖެކެވެ. ފުރާވަރުގައި ވެސް އޭނާއަށް ލިބިފައިވީ އަންހެން ކުދީންގެ ހިތްތައް ކަތިލާފަދަ ފިރިހެންވަންތަ ސޫރައެކެވެ. ޖެލްލާ ތަތްކޮށްލާފައި ހުންނަ އިސްތަށިގަނޑާއި ބަދަލުކޮށްލާ "ސެކްސީ" ހިނިތުންވުމެވެ. އަޒްހަދަކީ ކާކުކަން ހޫރައިނަށް އެނގެއެވެ. އޭނާއާ ބެހޭ އެތައް ވާހަކައެއް ތުންތުން މަތިން އޭނާއަށް ވެސް އަޑު އިވެއެވެ. އެ ރީތިކަން އޭނާއަށް ވެސް ފާހަގަވެއެވެ. އެކަމަކު އެހެން އަންހެންކުދީންނާ ތަފާތަކީ އޭނާ އެކަމަށް ސަމާލުކަން ނުދިނުމެވެ. އެކަށީގެންނުވާ ކަމަކަށް ހިތް ދޫވުމަކީ ބޭކާރުކަމަކަށް ވާނެތީއެވެ. އަނެއްކޮޅުން އަޒްހަދު ގަޔާވެ ވާހަކަދައްކާ އުޅޭ އަންހެންކުދީންގެ ގޮތް ހޫރައިނަށް ފެނެއެވެ. އެފަދަ ކެރުންތެރިކަމާއި ޖެހިލުންކުޑަކަމެއް ހޫރައިންގެ ނެތެވެ. އޭނާއަކީ ސާދާ އަންހެންކުއްޖެކެވެ. ކިޔެވުމުގައި މެދުމިނެވެ. ކުލަބެއްގައި އަދި ކުޅިވަރެއް ކުޅުމުގައި އޭނާ ނޫޅެއެވެ. ސްކޫލުގެ ހަރަކާތެއްގައި ބައިވެރިވީ ހަމައެކަނި މިނިވަންދުވަހެއްގެ ޕްރޮގްރާމުގައެވެ. އޭނާ އުޅޭކަމުގެ ހިލަން ކައިރީގަ އުޅޭ ދަރިވަރުންނަށް ވެސް ވާނޭހެން ހިޔެއްނުވެއެވެ.
ޖެހިގެން ހުރި ކުލާހުން ނަފީޒު އައީ ހޫރައިން ހޯދާށެވެ. އޭނާއަށް ދިނީ ފަތްޖަހާލާފައި އޮތް ކުޑަ ނޯޓެކެވެ. އެ ދެމުން ފޯނު ގެންގުޅޭންތޯ އޭނާ އަހާލިއެވެ. އަނގައިން ބުނަން ނޭނގިފައި ހުރައިން ހުއްޓާ އޭނާ ހީނލާފައި އެނބުރި ދިޔައީއެވެ. ފުރުސަތަކަށް ބަލަބަލާ އިން މައިރާ ދުވެފައި އައިސް ހޫރައިންގެ ގާތުގައި މަޑުކުރިއެވެ.
"ޔޫ އެން ނަފީޒް... ހޫރް..." އަނގަ ޗޭ ކުރަމުން ގޮތްބޮޑު ކުރާ ފަދައިން މައިރާ ބުނެލިއެވެ. އޭނާ މާނަ އެކުރީ ކިހިނެއްކަން ހޫރައިނަށް އެނގެއެވެ. މައިރާއަކީ ހޫރައިންއާ އެންމެ އެއްކޮށް އުޅޭ އެކުވެރިޔާއެވެ.
"ދައްކަބަލަ... ކީކޭ އޮތީ." ހޫރައިން އަނގައިން ނުބުނެ ކުލާސްރޫމު ތެރެއަށް ވަންނަން އުޅުމުން އޭނާ އަތުގައި މައިރާ ހިފިއެވެ. އޭނާ އެ ނޯޓުކޮޅު އަތުލަފާނޭކަން ހޫރައިން ހުރީ ވިސްނައިގެންނެވެ. މުށްބާރުކޮށްލީ ވަގުތުންނެވެ. މައިރާ އާދޭސްކޮށްގަތެވެ. ފަހުން އޭގައި އޮތް އެއްޗެއް ދައްކާނެކަން ހޫރައިން ބުންޏެވެ. ގަޑިފެށުމާއެކު މައިރާގެ އުނދަގުލުން ހޫރައިން ސަލާމަތްވިއެވެ. ސިއްރުން ނޯޓުކޮޅު ހޫރައިން ބަލާލީ ދެނެވެ. އޭގައި އޮތީ ފޯނު ނަންބަރެކެވެ. ފޯނެއް ގެންގުޅެންޏާ އެ ނަންބަރަށް މެސެޖުކޮށްލުމަށެވެ. ހޫރައިންއާ ވާހަކަދައްކާލަން ބޭނުންވާ ކަމަށެވެ. އަދި ގުޅެން ނެތްނަމަ ބައްދަލުކޮށްލަން ބޭނުންވާކަމެވެ. ދާންވީ ކޮންތާކަށްކަން ވެސް ލިޔެފައި އޮތެވެ. ނަފީޒުގެ ނަމުގެ ބަދަލުގައި އޭގައި އޮތީ އަޒްހަދުގެ ނަމެވެ. ސުކޫލުގެ އެންމެ ރީތި އަދި މަޝްހޫރު ފިރިހެން ކުދީންގެ ތެރޭގައި ހިމެނޭ އެއް ނަމެވެ. އޭނާގެ ސަމާލުކަން ހޫރައިނަށް ލިބެންވީ ކިހިނެއްބާއެވެ. ދެމީހުން ކިޔަވަނީ އެއްކުލާހެއްގަ ނޫނިއްޔާއެވެ. ހޫރައިންއާ ބައްދަލުވަނީއެއްނޫނެވެ. އޭނާއާ ގުޅުންހުރި ކުއްޖަކާ ވެސް އަޒްހަދު ރައްޓެއްސެއް ނޫނެވެ. ވީއިރު މީ ހޫރައިން އަޖައިބުވެ އަންތަރީސްވީ ކަމެކެވެ.
ބަޔަކު ރާވައިގެން ކަމެއް ކުރަން އުޅެނީބާއެވެ. ހޫރައިންއަށް ލަނޑެއްދޭން ރާވަނީ ކަންނޭނގެއެވެ. އަޒްހަދުގެ ނަން ބޭނުންކުރީ ހޫރައިނަށް އޮޅުވާލަން ނޫންކަމެއް ނޭނގެއެވެ. އޭނާގެ އަތަކު ފޯނެއް ނޯވެއެވެ. އޯ ލެވެލް ނުހަދަނީސް ފޯނެއް ނުލިބޭނެކަން ބައްޕަ އޮތީ ނިންމާފައެވެ. ދެން އޮތީ އެ ބުނާ ގަޑިއެއްގައި އެތަނަކަށް ބައްދަލުކުރަން ދިއުމެވެ. އެކަމަކު އެކަހެރި ބައްދަލުވުމެއްބާއެވެ. ނޫނީ އެތައްބައެއްގެ ތެރެއަށް އޭނާ ގެންދަނީބާއެވެ. ލަދުގަންނަވާލާ ގަނާކުރަންބާއެވެ. ހަގީގަތް ނުބަލާ ދިއުން ބުއްދިވެރިކަމަކަށް ނުވާނޭ ހޫރައިންއަށް ވިސްނުނެވެ. ކުލާސްތައް ނިމި ގެއަށްދާ ގަޑި ޖެހުމުން ހޫރައިން ނިންމީ އަޒްހަދާ ބައްދަލުކޮށް އެ ނޯޓުކޮޅު ދައްކާށެވެ. އޭގައި އޭނާގެ ނަން އޮތީމައެވެ.
ދަބަސް ހިފައިގެން ތެދުވި ހޫރައިން އެކުވެރިޔާ ގާތު ދޮގެއް ހަދައި އޭނާއާއެކު ދާން މަޑުނުކުރުމަށް ބުނެލިއެވެ. ކުލާހުގެ އެހެން ކުދީންތަކަކާއެކު މައިރާ ނުކުމެގެން ދިޔައެވެ. ހޫރައިން އަވަހަށް އައިސް ޖެހިގެން ހުރި ކުލާސްރޫމުތެރެ ބަލާލިއެވެ. އަޒްހަދާއި އާއި ނަފީޒުގެ އިތުރުން އެހެން ދެ ފިރިހެން ކުދީން އެކުގައި ތިއްބެވެ. އަޒްހަދަށް ގޮވާލަން ހިތަށް އަރާފައި ވެސް ހޫރައިނަށް ނުކެރުނީއެވެ. އަޒްހަދު ބަލާލީ ހަމައެވަގުތެވެ. ކުއްލިއަކަށް ހޫރައިނަށް އަތް ހިއްލާލެވުނެވެ. "ހާއި" ޖަހާލާ ފަދައިންނެވެ. ނަމަވެސް އަޒްހަދު ނަޒަރު ވަކިކޮށްލީއެވެ. އޭނާއަށް ހޫރައިން ފެނުނު ކަމަށް ނުހެދިއެވެ. ދެވަނަ ފަހަރަށް ހޫރައިންއަށް ބަލާ ވެސް ނުލިއެވެ. އެމީހުން ކުލާހުން ނުކުންނަން އައި ވަގުތު ނަފީޒަށް ހޫރައިން ފެނުނެވެ. އަޒްހަދުގެ ކޮނޑަށް އަތްވައްޓާލާ ކައިރިކޮށްލަމުން ނަފީޒު ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި މެސެޖު ލިބިއްޖެ ދޯ އޭ އަހާލިއެވެ. (ނުނިމޭ)