ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެ ސިޓީގެ ބަނދަރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާނެ އެވެ.
ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާތީ މިދިޔަ އޮކްޓޫބަރު މަހު ފުވައްމުލަކަށް ކުރެއްވެވި ދަތުރުފުޅެއްގައި ނައިބް ރައީސް ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ.