ޕީޕީއެމް

އިންތިހާބު އޮޅުވާލީ މައްސަލަ އަލުން ބެލުމަށް ގޮވާލައިފި

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް މިކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާ އަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުލާވާފައިވާ ކަމަށް ބުނާ މައްސަލައެއް މީގެކުރިން ވެސް ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން އޭރު ނިންމީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލަތަކެއް އިންތިހާބުގެ ތެރޭގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަލުން ވާހަކަދައްކަން ފަށާފައި މިވަނީ އިންތިހާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި އާންމުވެގެން ދިއުމާ ގުޅިގެންނެވެ. އެކަމަކު އެ ރިޕޯޓަކީ ސައްހަ ލިޔުންތަކެއް ހިމެނޭ ރިޕޯޓެއް ކަމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ބުނެފައެއް ނުވެ އެވެ.

މި ރިޕޯޓާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ ރިޕޯޓުގައި ދިވެހި ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު، އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެއިތުރުން އިންތިހާބަށް އޮފިޝަލުން ނަގާފައި ވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމާއި، އިންތިހާބުގެ މަސައްކަތަކުގެ ތެރޭގައި އިންތިހާބު އޮޅުވާލުމުގެ އެތައް އަމަލެއް ހިނގާފައިވާ ކަން ހާމަވާ ކަމަށްވެސް ބުނެފައިވެ އެވެ. ބޭރުގެ ފަރާތްތަކަކާއި ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިހާބު ވަގަށް ނާގަފާއިވާކަން ޕީޕީއެމުން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލަމެވެ. އަދި މިކަމާއި ގުޅޭ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް ގޮވާލަމެވެ." އިދިކޮޅު ބަޔާނުގައިވެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހްމަދު ޝަރީފާއި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އޭރު ހުންނެވި އަހްމަދު އަކްރަމް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ 134،128 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 58.4 ޕަސަންޓެވެ. އެމަނިކުފާނާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 95،631 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 416 ޕަސަންޓެވެ.