ހަބަރު

ސަރުކާރުގެ ކޮންސަލްޓެންޓަކަށް އާޒިމާ!

  • އެއީ ސިޔާސީ މަގާމެއް ނޫން
  • އަހަރުތަކެއް ވަންދެން ހުންނެވީ ދައުލަތުގެ ހިދުމަތާ ދުރުގައި
  • އަބަދުވެސް ގައުމަށް ހިދުމަތް ކުރުމުގައި ހުންނާނަން

ގިނަ ދުވަސްތަކެއް ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި، އަދި ގާނޫނީ ދާއިރާ އިން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ތަޖުރިބާކާރު ވަކީލް، އާޒިމާ ޝުކޫރު ކޮންސަލްޓެންޓެއްގެ ގޮތުން ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

އަމިއްލަ ލޯ ފާމްގެ މަސައްކަތްތަކަށް ހުސްވެގެން، ސަރުކާރާއި ދުރުގައި ދެ އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު، އާޒިމާ ސަރުކާރުގައި މަސައްކަތް ފެއްޓެވުމާ ގުޅޭ ގޮތުން މުއާޒު މިއަދު ވިދާޅުވީ ސަރުކާރަށް އެކި ކަންކަމުގައި ލަފާދޭ ކޮންސަލްޓެންޓެއްގެ ގޮތުގައި އެކަމަނާ މަސައްކަތްޕުޅު ފެއްޓެވީ މީގެ ދެތިން ހަފްތާ ކުރިން ކަމަށެވެ. މުއާޒު ވިދާޅުވި ގޮތުގައި އާޒިމާ ރައީސް އޮފީހުގެ ކޮންސަލްޓެންޓަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެކަމަނާ ހުންނަވަނީ ސިޔާސީ މަގާމެއްގައެއް ނޫނެވެ.

"އެކަމަނާ މަސައްކަތް ކުރައްވާނީ ކޮންސަލްޓެންޓެއް ގޮތަށް. ސިޔާސީ މަގާމަކަށް އައްޔަނެއް ނުކުރައްވާ. އެކި މައްސަލަތަކުގައި ސަރުކާރަށާއި ރައީސްއަށް ބޭނުންފުޅުވާ ލަފާފުޅުތައް ދެއްވުން އެކަމަނާގެ މަސައްކަތަކަށް ވާނީ،" މުއާޒު ވިދާޅުވި އެވެ. 

މިފަހުން ރައީސް ބައިވެރިވެ ވަޑައިގެން ރަސްމީ ހަފްލާތަކުގައި ރައީސް އޮފީހުގެ ޑެލިގޭޝަންގައި އެކަމަނާ އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އެކަމަނާ އަލުން ދައުލަތުގެ ހިދުމަތަށް ނިކުމެ ވަޑައިގަތުމާ ގުޅޭ ގޮތުން، "އަވަސް" އަށް މިއަދު ވިދާޅުވީ ކޮންސަލްޓެންޓެއްގެ މަސައްކަތް ސަރުކާރާ އެކު ފެއްޓެވީ ގައުމަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގައި އަމާނާތްތެރިކަމާއި އެކު އެ ހިދުމަތެއްގައި ދެމި ހުންނަވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އާޒިމާގެ ގައުމީ ހިދުމަތްތައް

  • 1986 : ފޮރިން އެފެއާޒްގެ ސެކްރެޓަރީ
  • ހޯމް މިނިސްޓްރީގެ ނައިބުކަން
  • 2004 : ހާއްސަ މަޖިލީހުގައި ރައީސްގެ މެންބަރުކަން
  • 2007 : ރައީސް މައުމޫންގެ ބަންޑާރަ ނައިބުކަން
  • 2013 : ޖެންޑާ މިނިސްޓަރުކަން އަދި ބަންޑާރަ ނައިބުކަން

"އަޅުގަނޑަކީ ގައުމުގެ ހަރަދުގައި ކިޔަވައިދީފައި ހުރި ދަރިއެއް. އެހެންވީމަ އަޅުގަނޑުގެ ހިދުމަތް ގައުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަޅުގަނޑު ހުންނާނީ ހިދުމަތްކުރަން ތައްޔާރަށް. އެގޮތުގެ މަތިން އަޅުގަނޑު މި މަސައްކަތް ވެސް މި ފެށީ،" ކަމަށް އާޒިމާ ވިދާޅުވި އެވެ. 

އެކަމަނާ ދައުލަތުގެ ހިދުމަތާ ފެއަށް ޖެހިވަޑައިގަތީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ބަންޑާރަ ނައިބަކަށް ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެކަމަނާ މަގާމުން ދުރުކުރުމުންނެވެ. އެއަށް ފަހު އެކަމަނާ ފެނިވަޑައިގަތީ ގާނޫނީ ދާއިރާގެ އަމިއްލަ މަސައްކަތްތައް ކުރެއްވުމުގަ އެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލުން ކަން ވެސް އެކަމަނާ ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ. އެހެން ނަމަވެސް އަމިއްލަ ސަބަބުތަކަށްޓަކާ އެކަން ދޫކޮށްލެއްވި އެވެ. ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލެވުނު، މުހައްމަދު އިބްތިހާލްގެ މަންމަގެ ދިފާއީ ވަކީލުކަން ވެސް ކުރެއްވި އެވެ.