ސިވިލް ކޯޓް

ނަހްލާގެ އަތުން ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް

Dec 12, 2021
1

ޕީޕީއެމްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އަމިއްލަ ކުންފުންޏަކުން ނެންގެވި ކަމަށް ބުނާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަނބުރާ ނުދެއްކެވުމުން އެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ނަހްލާގެ މައްޗަށް ދައުވާ ކުރަނީ ޒެޑް އެމްސީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން މިހާރު އަމަލުކުރާ އާންމު އުސޫލަކީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމެވެ. އެއީ މައްސަލަ ޝަރީއަތަށް ނުގެންގޮސް ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ކޯޓުގެ ގާޒީއެއްގައި ހާޒިރުގައި މަޝްވަރާކޮށްގެން ހައްލެއް ލިބޭތޯ މަސައްކަތް ކުރާ މަރުހަލާ އެކެވެ.

ޑިސްޕިއުޓް މަރުހަލާގައި ނަހްލާ އެއްބާރުލުން ދީފައި ނުވާތީ ޝަރީއަތުން މައްސަލައިގައި ގޮތެއް ނިންމުމަށް އެ މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފަ އެެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން 1.6 މިލިއަން ރުފިޔާ ނަހްލާ ނަންގަވާފައިވަނީ ކެފޭއެއް ހިންގުމަށާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރުމަށެވެ.

ޒެޑް އެމްސީ ޓްރޭޑާސް އިން ނަހްލާ އަތުން ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަަހަޅާފައިވަނީ އެ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ނަހްލާގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ލިޔުންތަކުގައިވެ އެވެ.

ނަހްލާއާ ގުޅޭ ފައިސާގެ މައްސަލައެއް ޝަރީއަތަށް ފޮނުވާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ނަހްލާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފަ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަހްމަދު ނަރީޝް ހޮވުމަށް ނަހްލާ ނިސްބަތްވާ ޕީޕީއެމުން ނިންމުމެއް ނިންމާފައި ވަނިކޮށް، އެ ނިންމުމާ ހިލާފަށް ނަހްލާ އަމަލުކުރެއްވުމާ ގުޅިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޕީޕީއެމްގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭ ގޮތަށް ޕީޕީއެމުން ވަނީ ނަހްލާ އަށް ފިޔަވަޅު ވެސް އަޅާފަ އެވެ.