ފައިސަލް ނަސީމް

ފުރާޅުން ޓިނު ނެގުމަކީ ނާތަހުޒީބީ ކަމެއް: ނާއިބު ރައީސް

ފުރާޅުން ޓިނު ނެގުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ ނާއިބު ރައީސް ފައިސަލް ނަސީމް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފައިސަލް މިފަދައިން ފާޑުވިދާޅުވީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އިފްތިތާހުކުުރުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ފައިސަލް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ގެއްލިފައި އޮތް އިންސާފު ހޯދައިދިނުމަކީ ސަރުކާރުން ވައުދުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ވައުދު ވުމަށްފަހު ހުރުމަތްތެރިކޮށްވެސް ހިތަން ޖެހޭނެ ކަމަށެވެ.

އެގޮތުން ކުރިން މަސްހުނިވެފައި ހުރި ކަންތައްތައް ހުއްޓުވައި މިނިވަންކަމާއެކު ކަންތައްތައް ކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވައުދުވި ކަމަށާއި އަދި މި ސަރުކާރު ހިންގަމުންދަނީ އެ ވައުދާ އެއްގޮތަށް ކަމަށެވެ.

"ގައުމަށް ހަމަޖެހުން އަންނަން ޖެހެނޭ ކޮންމެވެސް ދުވަހަކުން. ތާއަބަދު ކޮންމެވެސް ތަނަކުން ފުރާޅުން ޓިނު ނެގުން. ފާރެއް ތަޅާލުން ދޮރުވައްޓާލުން. އެއީ ތަހުޒީބުވަމުން އަންނަ އެންމެ ދަށުގައި ހުރި ގައުމުތަކުގައި ވެސް އަޅުގަނޑުމެން ބަލައިފިކަމަށް ވަންޏާ ކަންތައްތައްކުރާ އުސޫލެއް ނޫން. ދުނިޔޭގެ އެންމެ ނާތަހުޒީބު ގައުމުތަކުގައި ވެސް އެ ބާވަތުގެ ހަޑި ހުތުރު ކަންތައްތަކެއް ނުކުރާނެ. އެހެންވީމާ އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހުރުމަތްތެރިކޮށް ހިތައިގެން އިހުތިރާމާއެކު ކަންތައްތައްކުރާނެ ސަރުކާރެއް،" ފައިސަލް ވިދާޅުވި އެވެ.

ފުރާޅުން ޓިނު ނެގުމަށް ފައިސަލް އެ އިޝާރާތްކުރެއްވީ ނިމިގެން ދިޔަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ކަމަށް ބުނާ މައްސަލައަށެެވެ.

މިއީ ނާތަހުޒީބުކަމެއް ކަމަށް ފައިސަލް ސިފަކުރެއްވި އިރު މިިދޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ރައިސް ޔާމީން ވަނީ އެކަން ދިފާއުކުރައްވައި އެކަން ކުރަން ޖެހުނު ސަަބަބު ސާފުކޮށްދެއްވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހުނ ހުންނެވީ މަހުޖަނެއްގެ އަތުން ބޮޑެތި ރިޝްވަތުތައް ނަންގަވައިގެން ކަމަށާއި އަދި ބޭފުޅުން ތިއްބެވީ އެއިން ކަމެއް ނުބެއްލެވޭނެ ގޮތަށް އަމިއްލައަށް ގަވާއިދެއް ހައްދަވައިގެން ކަމަށެވެ. އެއީ ސުޕްރީމް ކޯޓްގެ އެއްވެސް ފަނޑިޔާރަކު ފަނޑިޔާރުންގެ ބެންޗުން ނިންމައިގެން މެނުއީ ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް ފާސްކޮށްފައި އޮތް ގަވާއިދެއް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ގެނައީ "ވިޔާނުދާ އެ ގަވާއިދު" ސަސްޕެންޑް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.