ތަންކޮޅެއް ކުރީގެ ހިންދީ ފިލްމުތައް ބަލާފައި ހުރި މީހުންނަށް ވިނޯދް މެހެރާ ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ވިނޯދް އަކީ ވަރަށް ސީދާ ސާދާ ގޮތެއް ހުންނަ ރީތި އެކްޓަރެކެވެ. އުމުރުން 45 އަހަރުގައި 1990 ވަނަ އަހަރު ވިނޯދް ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ.
ދާދިފަހުން ފިލްމު ކުޅެން ފެށި ރޯހަން މެހެރާ އަކީ ވިނޯދްގެ ފިރިހެން ދަރިފުޅެކެވެ. ނަމަވެސް ރޯހަން އަށް ދުވަހަކުވެސް އޭނާގެ ބައްޕަ އާ ބައްދަލުވުމުގެ ނަސީބު ލިބިފައެއް ނެތެވެ. ވިނޯދް މަރުވިއިރު ރޯހަން އަށް އޭނާގެ މަންމަ އިނީ ބަލިވެ ކަމަށް ވާތީ އެވެ.
ރޯހަން ބުނި ގޮތުގައި ބައްޕައާ ބައްދަލުނުވިޔަސް ރަނގަޅު އިންސާނަކަށް ވާން ދަސްވީ ބައްޕަގެ ފަރާތުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ރޯހަން ބުނީ ބައްޕަ ދުށުމުގެ ނަސީބު އޭނާ އަކަށް ނުލިބެ އެވެ. އަދި އުފަން ވުމަށްފަހު ހަޔާތުގެ ފުރަތަމަ 20 އަހަރު އޭނާ ހޭދަކުރީ އިންޑިއާއިން ބޭރުގަ އެވެ. އެހެންވެ ބައްޕަގެ ވާހަކަތައް ވެސް އެ ދުވަސްތަކުގައި އެހާ ބޮޑަކަށް ނީވެ އެވެ. ނަމަވެސް އިންޑިއާއަށް އައިސް ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށުމުން ބައްޕަގެ ވަރަށް ގިނަ ވާހަކަތައް އޭނާއަށް ވަނީ އިވިފަ އެވެ. ބައްޕައާ ބައްދަލުވެފައި ހުރި މީސް މީހުންގެ ފަރާތުން ބައްޕަގެ ރަނގަޅުކަމާއި އިންސާނިއްޔަތުކަން ހުރި މިންވަރު އެނގިފައި އުފާވާ ކަމަށް ރޯހަން ބުންޏެވެ.
"ބައްޕަ ދެނެގަންނަން ބައްޕަ ކުޅެފައި ހުރި ފިލްމުތައް އެބަހުރި ދެން. އެކަމަކު އެއީ ސެކަންޑް-ހޭންޑް އިންފޮމޭޝަނަށް ދޯ ވާނީ. ބައްޕަގެ ހަޔާތުގެ ތަޖުރިބާތައް ކިޔައިދޭން ބައްޕައެއް ނެތް ވިއްޔަ. އެހެންނަމަވެސް އާޓް އަށާއި ފިލްމުތަކަށް އޮތް ލޯބި އަހަންނަށް ދަސްވީ ބައްޕަގެ ފަރާތުން. ބައްޕަ އަކީ ވަރަށް ރަނގަޅު އިންސާނެއް ކަމަށް އެންމެން ވެސް ބުނޭ. ކާމިޔާބު އެކްޓަރަކަށް ވުމަށް ވުރެ އެއީ މާ މުހިއްމު ކަމެއް،" ރޯހަން ބުންޏެވެ.
ރޯހަން ބުނި ގޮތުގައި ބައްޕަގެ ފިލްމުތައް އޭނާ ވަރަށް ގިނައިން ބަލަ އެވެ. އެއީ ބައްޕައާ ގާތްވުމަށް ލިބުނު ވަސީލަތެއްގެ ގޮތުގައި އޭނާ ދެކެ އެވެ. ނަމަވެސް ބައްޕަ އޭނާއަށް ދީފައިވާ އެންމެ ބޮޑު ހަދިޔާއަކީ ބައްޕަ އުޅުނު ގޮތް ކޮޕީކޮށްގެން ދުނިޔޭގައި އުޅެން ދަސްވުން ކަމަށް ރޯހަން ދެކެ އެވެ.
ރޯހަން ބޮލީވުޑަށް ނުކުތީ 2018ގައި ރިލީޒްކުރި "ބާޒާރް" އިންނެވެ. މި ފިލްމުގައި ސައިފް އަލީ ޚާން އާއި ޗިތުރަންދާ ސިންގް ވެސް ބައިވެރިވެފައި ވެއެވެ. އަދި މިހާރު އޭނާގެ "420 އައިޕީސީ" ވަނީ ރިލީޒްވުމަށް ތައްޔާރުވެފަ އެވެ.
މަނީޝް ގުޕްތާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ޑިސެމްބަރު 17ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.