ހަބަރު

ނަޝީދު ގޮތް ދޫކުރައްވައި މައްސަލަ އިސްތިއުނާފު ކުރައްވަނީ

Dec 12, 2015
11
  • އާ ގާނޫނުލް އުގޫބާތުން އަދަބު ލުއިވާނެ
  • އދ ގެ ނިންމުން ތަންފީޒު ވާނެ ގޮތަކީ އެއީ
  • ހުރިހާ ހައްގުތަކެއް ދީގެން ޝަރީއަތް ކުރިއަށް ގެންދަން ގޮވާލި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ނުކުރަން ނިންމި ނިންމުން ބަދަލު ކުރައްވައި، ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނު މިއަދު ނިންމަވައިފި އެވެ.

ނަޝީދުގެ ވަކީލުން މިއަދު ބޭއްވި ޕްރެސްގައި ވަކީލް ހިސާން ހުސެން ވިދާޅުވީ، ނަޝީދަކީ ގޮތް ދޫކުރައްވާނެ ބޭފުޅެއް ކަމަށާއި ހުކުމް އިސްތިއުނާފު ކުރަން ނިންމެވީ އެމަނިކުފާނު ޖަލުގައި ހުރުމުގެ ސަބަބުން ބޭރުގެ ފިއްތުންތައް އައިސް ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެއީ ނަޝިދު އެދޭ ގޮތް ކަމަށް ނުވާތީ އެވެ. އަދި ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނަޝީދު މީގެ ކުރިން ދެކޮޅު ހެއްދެވީ ހިސާން ވިދާޅުވި ގޮތުގައި ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރުން ހައިކޯޓްގެ ބެންޗްގައި ތިއްބެވުމާއި، އެ މައްސަލަޔާ ގުޅޭ ބައެއް ނިންމުންތައް އެ ކޯޓުން ކުރިން ނިންމާފައި ވާތީ އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެއްވިގެންނެވެ.

"އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރަން ބޭނުންފުޅުނުވާ ކަމަށް ކުރިން ވިދާޅުވިޔަސް މިހާރު އެމަނިކުފާނު ބޭނުންފުޅުވަނީ އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރަން. އަދި އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި އަދަބެއް ސުޕްރީމް ކޯޓުން ނަޝީދަށް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރެވޭ. އެހެންވެ ރައީސް ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނަޝީދު ނިންމެވީ،" ހިޝާމް ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުު އިސްތިއުނާފު ނުކުރައްވާނެ ކަމަށް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލި އެވެ. އަދި އެއާ އެކު ޕީޖީ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެކޯޓުން ވަނީ ހުއްދަ ދީފަ އެވެ. 

އެ ޓީމްގައި ހިމެނޭ ނަޝީދުގެ ވަކީލް ކުރީގެ ސޮލިސްޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނަޝީދު ދޫކޮށްލަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިޔާއެއް ކަނޑައަޅައިގެން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ޓީމްގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި ގާނޫނީ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާ ގާނޫނުލް އުގޫބާތުގެ ތެރެއަށް ނަޝީދުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ދައުވާ ބަދަލު ކުރުމަށް ކަމަށެވެ. އަދި މަހުފޫޒު ގަބޫލު ކުރައްވާ ގޮތުގައި އެ ގޮތަށް ދައުވާ ބަދަލުކޮށްފި ނަމަ، ނަޝީދުގެ މައްޗަށް އަންނާނީ ހަތަރު މަހުގެ ޖަލު ހުކުމެކެވެ.

"ލުއި އަދަބެއް އެމަނިކުފާނަށް އާ ގާނޫނުލް އުގޫބާތުގެ ތެރެއިން އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެން،" މަހުފޫޒް ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގެ ކުރިއަށްގެންދާ އިރު ނަޝީދުގެ ވަކީލުންނަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމަށް ވަކީލުން މިއަދު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.