(12 ޑިސެމްބަރ 2021 އާ ގުޅޭ)
ކުލާހުން ނުކުންނަން އައި ވަގުތު ނަފީޒަށް ހޫރައިން ފެނުނެވެ. އަޒްހަދުގެ ކޮނޑަށް އަތްވައްޓާލާ ކައިރިކޮށްލަމުން ނަފީޒު ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި މެސެޖު ލިބިއްޖެ ދޯ އޭ އަހާލިއެވެ.
ކަންތައްވީގޮތުން ހޫރައިން ނިންމީ މަޑުނުކޮށް ގެއަށްދާށެވެ. އެހެންވިޔަސް ޖެހިގެން އައި ދުވަހު ވެސް ނަފީޒު ނޯޓުކޮޅެއް ގެނެސްދީފިއެވެ. މިފަހަރު ހަވާލުކުރީ ހޫރައިން އެކަނި ހުރި ވަގުތެއް ބަލާފައެވެ. އޭގައި ވެސް އޮތީ އަޒްހަދުގެ ނަމެވެ. ބައްދަލުކުރަން އެދިފައެވެ. ކުރީން ވެސް ބައްދަލުކުރާން ބުނެފައި އޮތް ތަނުގައެވެ. ލެބޯޓްރީއާއި ލައިބްރަރީ ހުންނަ ފަންގިފިލާއިންނެވެ.
ދެވަނަ ދުވަހު ވެސް ހޫރައިން ނުދިޔައެވެ. ތިންވަނަ ދުވަހު ނަފީޒު އައުމުން ހޫރައިން އެ ނޯޓުކޮޅުގައި ނުހިފީއެވެ. އަޒްހަދުގެ ނަމުގައި ސަމާސާ ނުކުރާން ނަފީޒު ކައިރީ ބުންޏެވެ. މިފަހަރު ހައިރާންކަން ވެރިވީ ނަފީޒުގެ މޫނަށެވެ. އޭނާ އެއްވެސް ވާހަކައެއް ނުދައްކާ އެނބުރި ދިޔައީއެވެ. އޭގެ އަނެއް ދުވަހު ސުކޫލުގައި ބޮޑު އެސެމްބްލީ އޮތެވެ. ނިންމާފައި ކުލާސްތަކަށްދާން ދަރިވަރުންތައް ސަފުތަކުން ނުކުމެ ހިނގައިގަތުމާއެކު ހީވީ ހޮރަކުން ހިނިތަކެއް ނުކުމެ އެކިދިމާއަށް ދުވާހެނެވެ. މީހަކު ހޫރައިންގެ އަތުގައި ހިފިހެން ހީވެގެން ބަލާލެވުނެވެ. ވައަތްފަރާތުގައި ޖެހިގެން ހުރީ އަޒްހަދެވެ. އޭނާ ލޮލުން އިޝާރާތްކޮށްލީ ތިރިއަށެވެ. ހޫރައިންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. އަޒްހަދު ސިއްރުން ކަރުދާސްކޮޅު ދިއްކޮށްލިއެވެ. ބޮލުން އިޝާރާތްކުރީ އޭގައި ހިފާށޭ ބުނާ ފަދައިންނެވެ. އަޖައިބުވެފައި ހުރެ ހޫރައިން އޭގައި ހިފިއެވެ. ދެން އަނގައިން ބުނުމެއްނެތި ހަލުވި ފިޔަވަޅުތަކުގައި އަޒްހަދު ކުދީންތަކުގެތެރެއަށް ވަދެ ގެއްލިއްޖެއެވެ.
ފުރަތަމަ އަޒްހަދާ ބައްދަލުކުރަން ދިޔައީ އެ ދުވަހެވެ. އެއީ އޮޅުވާލުމެއް ނޫނެވެ. ހޫރައިންގެ އިންތިޒާރުގައި ހުރީ އަޒްހަދު އެކަންޏެވެ. ހޫރައިން ފެންނަ އިރަށް ރަކި ހިނިތުންވުމަކާއެކު "ހާއި" ޖަހާލިއެވެ. ދެން ވެސް އިތުބާރު ނުކުރެވިގެން ހޫރައިނަށް ހޯދާލެވުނެވެ. އެހިނދު އަޒްހަދު ޔަގީންކޮށްދިނީ އެވަގުތު އެތަނުގައި އެމީހުންނޫނީ އިތުރު ބަޔަކުނެތްކަމެވެ.
"ކީއްވެ މީޓުކުރަން ބޭނުންވީ" އަޒްހަދަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ހޫރައިން ސުވާލުކުރިއެވެ.
"ރިއަލް ބިއުޓީމާކެއްތަ." އަޒްހަދު މިހެން ބުނެ ހޫރައިންގެ ތިރީ ތުންފަތް ކައިރީ ދަތްދޮޅީގައި އިން ކަޅުތިލައިގަ އިނގިލި ޖައްސާލަން އުޅުނެވެ. އެހިނދު ވަގުތުން ހޫރައިން ޖެހިލީ ފަހަތަށެވެ.
"އަހަންނަށް... ހޫރް ވަރަށް ކަމުގޮސްފި." އިނގިރޭސި ބަހުން ލަސްގޮތަކަށް އަޒްހަދު ލަފުޒުތައް އަތުރާލިއެވެ. އަދި އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ހޫރައިންއާ ވަކިކޮށެއް ނުލިއެވެ.
"ވަޓް!... ރައްޓެހިވާނޭ ކުއްޖެއްނުވީތަ؟" ޒާތެއްގެ ހިންޏެއް އައިސްފަ ހުރެ ހޫރައިން ބުނެލިއެވެ. އަޒްހަދުގެ ގޮތް އެނގޭތީ އޭނާ އެފަދަ އެއްޗެއް ބުނުމުން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. ހޫރައިންގެ ސުވާލާއެކު އަޒްހަދު ހީނލީއެވެ. ދެން އޭނާ އެދުނީ ސުކޫލުތެރެއިން އިވޭ އަޑުތައް ނޭހުމަށެވެ. އެ ވާހަކަތަކުގައި ހަގީގަތެއް ނުވާކަމުގައެވެ. އަޒްހަދާ ވާހަކަދައްކާ އެކުގައި އުޅޭ އަންހެން ކުދީންނަކީ އެކުވެރީންކަމެވެ. އަންހެން ކުދީން ރައްޓެހިވާން އަހާކަން އަޒްހަދު އެއްބަސްވެއެވެ. އެކަމަކު އޭނާ ބޭނުންނުވަނީއެވެ. އަންހެންކުއްޖަކާ ގަޔާވެގެން އެ ވާހަކަ ފުރަތަމަ ބުނި ކުއްޖަކީ ހޫރައިންކަން އަޒްހަދު ބުންޏެވެ.
"ޔޫ... ކީއްވެ އައި އާ ލައިކްވާންވީ. ކައިރިން އަޅާފައި ދާއިރު ޔޫ ބަލާ ވެސް ނުލާ. އެހާ ފޮނި." ހޫރައިންގެ އަޑަށް މިފަހަރު ބަދަލުތަކެއް އަތުވެއްޖެއެވެ. އަޒްހަދު އަނެއްކާވެސް ހީނލީއެވެ. ހޫރައިންގެ މައުސޫމް ހިތް ހޭއްލައްވަން ކުރެވެން އޮތްކަމެއް ކުރާން އަޒްހަދު ހުރި ކަހަލައެވެ. އޭނާގެ ރީތިކަމާއި އަދާތަކުގައި ޖާދޫގެ އަސަރުވާކަން ހޫރައިންއަށް އިހުސާސް ކުރެވެއެވެ. ފާރުގައި އަޒްހަދު ލެނގިލިއެވެ. ފަޓުލޫނުގެ ދެ ޖީބަށް ކުޑަކޮށް ދެއަތްތިލަ ކޮށްޕާލައިފިއެވެ. އެއްކޮނޑަށް އަރިވާނޭހެން ހަށިގަނޑުގެ ވަރު ހިސާބަކަށް ދޫކޮށްލައިގެން ހުއްޓެވެ. ވައަތުފައި ފަހަތުން ފާރުގައި ޖެހޭނޭހެން ބޫޓުގެ ކޮޅު ތަޅުމުގައި ޖައްސާލައިފައި ވެއެވެ. ހޫރައިންގެ ނަން ކިޔާލަމުން އަޒްހަދު ބޯއަރިކޮށް އިހުނަށްވުރެ މާނަވީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެވަގުތު ހޫރައިންއަށް ސިފަވީ އޭނާ ގަޔާވެގެން އުޅޭ "ކޭ-ޕޮޕް" ސްޓާރު ކުރިމަތީ ހުރި ފަދައިންނެވެ. ނޭވާ އަވަސްކުރުވާ ފަދަ ނުފެންނަ ބާރެއް އަޒްހަދު ވަށައިގެން ވާކަން ގައިމެވެ. ބޭއިޚްތިޔާރުގައި ހޫރައިންނަށް ހިންދިރުވާލެވުނެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.
"އަހަރެން ހޫރްއަށް ބަލަން. މި ސްކޫލުން އެއްވެސް އަންހެންކުއްޖަކަށް ނުބަލާވަރަށް ހޫރްއަށް ބަލަން. ބަލާގޮތައި ދެކޭގޮތް ވެސް ތަފާތު... ތި ދިގު އިސްތަށިގަނޑާ، ތި ލޯބި މޫނާ... ހާއްސަކޮށް މީނދަ ކަޅުތިލަ."
އަޒްހަދުގެ ވާހަކަ ނުނިމެނީސް ހޫރައިން އެނބުރުނީ ދަނީއޭ ބުނަމުންނެވެ. އެހިނދު އޭނާގެ އަތުގައި އަޒްހަދު ހިފެހެއްޓިއެވެ. އެ މޫނަށް ހޫރައިން ބަލާލިއިރު ހާސްކަން ފެންނަން ހުއްޓެވެ. އަޒްހަދުގެ އަތް ފޮޅުވާލަން ހޫރައިން ބޭނުމެއްނުވިއެވެ. އެންމެ ބައްދަލުވުމަކުން އެހާ އަވަހަށް ހޫރައިންގެ ހިތް ދޫވެދާނޭ ޚުދު އޭނާ ހިޔެއްނުކުރެއެވެ. އެހެންވިޔަސް އޭނާއަށް ކުރިލިބޭވަރަށްވުރެ އަޒްހަދު މާ ކުޅަދާނައެވެ. އެހާ "ރޮމޭންޓިކް" ޒުވާނަކަށް އަޒްހަދު ވެދާނޭ ހޫރައިން ހިޔެއް ނުކުރެއެވެ. ސްކޫލުތެރެއިން ފެންނަ އަޒްހަދުގެ ފުށުން އެހެން ކުދީން ނުދެކޭ ސިފައެއް ދުށުމުގެ ނަސީބު ހޫރައިންއަށް ލިބުނެވެ.
ހޫރައިންގެ އަލަތު ލޯބީގެ ދާސްތާން ފެށުނީ ދެނެވެ. އަޒްހަދާ ހިސާބުންނެވެ. ލޯބިވެޔޭ ބުނިބަހުގައި އަޒްހަދު ދެގޮތެއްނުވިއެވެ. އަޒްހަދު އެދުނަސް ހޫރައިންއާ ސްކޫލު ވަގުތު ނޫން ގޮތަކަށް ބައްދަލުކުރުން ފަސޭހަކަމަށް ނުވިއެވެ. އަނެއްކޮޅުން ދެ މީހުންނަށް ވެސް އެހާ ވަގުތެއް ނުލިބެއެވެ. ފަހު އިމްތިހާނަށް ތައްޔާރުވުމުގައި އަވަދިނެތި އުޅޭން ޖެހުމުންނެވެ. އެގޮތުގައި އެ އަހަރު ނިމުނީއެވެ. ދެން ދެމީހުން ބައްދަލުވީ އޭ ލެވެލްއަށް ކިޔަވަން ފެށުމުންނެވެ. ކުރީގެ ސުކޫލުގައި އަޒްހަދު ސިއްރުން ހޫރައިންއާ ބައްދަލުކޮށް އުޅުނަސް އާ ސުކޫލަކަށް އައުމާއެކު އެކަން ބަދަލުވިއެވެ. ކިޔަވަން އުޅޭ ކުދީންނަށް ވެސް ހޫރައިންއަކީ އަޒްހަދުގެ ހައްޤެއްކަން އެނގޭނޭވަރު އޭނާ ކުރިއެވެ. އަޒްހަދުގެ އާއިލާއާ ބައްދަލުވީ އެހިސާބުންނެވެ. ހޫރައިން އަޖައިބުކުރުވީ އެހާ އަވަހަށް އާއިލާއާ ހަމައަށް އެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ގެންދިޔައިމައެވެ. އުންމީދުކުރެވުނު ގޮތާއި އަޒްހަދުގެ މައިންބަފައިން ތަފާތެވެ. އެ އާއިލާގެ ކޮންމެ މެންބަރެއް އުފަލުން ހޫރައިން ބަލައިގަންނަން ތިބީ ތައްޔާރަށެވެ. ގުޅުމެއް ފަށާވަރަށްވުރެ އެމީހުން އުމުރުން ހަގުކަމުގައި އެކަމަށް ފާޑުކިޔާނޭ އެކަކުވެސް ނެތެވެ.
އަޒްހަދުގެ ވާހަކަ މަންމައާއި ބައްޕައާ ހޫރައިން ހިއްސާކުރީ ބިރުން ހުރެއެވެ. އަޒްހަދުގެ އާއިލާ ހޫރައިންގެ އާއިލާއާ ބައްދަލުކުރަން އެދޭތީއެވެ. ދެފަރާތުގެ އާއިލާގެ މެދުގައި ގާތްކަން ބާއްވަން އަޒްހަދުގެ މަންމަ ނުހަނު ބޭނުމެވެ. އެކަން ފުރިހަމަވިއެވެ. ދެ އާއިލާ ބޮޑު އެއް އާއިލާއަށް ބަދަލުވިއެވެ. "ދަރިފުޅު" ނޫން ގޮތަކަށް އަޒްހަދުގެ މަންމަ ހޫރައިނަށް ގޮވާނުލާނެއެވެ. އެހާ ލޯބިވެއެވެ. އެ ގޭގެ އެންމެން ވެސް އުޅެނީ އެހާވަރުންނެވެ. އަޒްހަދަކީ އެ އާއިލާގެ އެންމެ ހަގުކުއްޖާއަށް ވީމަ ކަންނޭނގެއެވެ.
އަލަމާރި ބުޑުގައި އިން ހޫރައިން ތެމެމުންދިޔަ ކޯތާފަތް ފުހެލިއެވެ. ހިޔާލުތަކުގެ ތެރެއިން ފީނަމުންދިޔަ މާޒީގެ އެހެން ދޮރުފަތެއް ހުޅުވުމާއެކު އިހު ދުށް ލޯބީގެ އުފާވެރި މަންޒަރުތައް ބަދަލުވެއްޖެއެވެ. ހިނިތުންވުންތައް ފޭދި ގެއްލިއްޖެއެވެ. ހޫރައިންއާ ކުރިމަތިލައިގެން ހުރި އަޒްހަދުގެ މޫނުގައި އުފާވެރިކަމެއްގެ ޒަރެއްގެ މިންވަރު ވެސް ނުވެއެވެ.
"މަންމަމެން އެބުނީ ރަނގަޅުވާހަކައެއް..." އަޒްހަދު ބުންޏެވެ. އޭނާއަށް ހޫރައިންއާ ނަޒަރު ސީދާކޮށްލުން ވެސް ބޮޑުކަމަކަށް ވެފައި ހުރި ފަދައެވެ. ތުރުތުރުލަމުންދިޔަ ތުންފަތް ހޫރައިން ބާރުކޮށްލިއެއް ކަމަކު ދެ ލޮލުން ކަރުނައެއް ނުހިފެއްޓުނެވެ. ދެ ލޯ މަރާ ބާރުކުރިއެވެ. ނަމަވެސް އެ ދިގު އެސްފިޔަތަކުގެ ތެރެއިން ފޭދިގެން އޭނާގެ ކޯތާފަތް ކަރުނުން ތެމެމުންދިޔައެވެ. ދެއަތްތިލަ ޖޯޑުކޮށްލަމުން ބާރުކޮށްލިއެވެ. އަމިއްލަ ނަފްސުގެ ހިފެހެއްޓުން ގެއްލި އަޒްހަދުގެ ދެއަތުގައި ހިފިދާނެތީއެވެ. އޭނާގެ ފައިބުޑަށްވެއްޓި އާދޭސްކުރާހާ ބަލިކަށިވެދާނެތީއެވެ. އޭނާ ދުށް ހުރިހާ ހުވަފެނެއް ފުނޑުފުނޑުވީއެވެ. ހޫރައިންގެ ދުނިޔެ އަނދިރިވީއެވެ. އޭނާގެ އަތުގައި ހިފައިގެން އަލިކަމުގެ ތެރެއަށް ދަތުރުކުރާނޭ ބައިވެރިއަކަށް އަޒްހަދުވާނޭ ހީކުރި ހީކުރުން ބިލާހަކަށްވީއެވެ. ހޫރައިންގެ ދުނިޔެ ހުއްޓުމަކަށް އައުމުން ވަގުތާއެކު އަޒްހަދު ކުރިޔަށް ހިނގައިގަތީއެވެ. ފަސްއެނބުރި ބެލުމެއްނެތިއެވެ. އޭނާ އެހާ ލޯބިވީ ހޫރައިން އަނދިރީގެ ފުންކަމުގައި ހައްޔަރުވެ ޣަރަގުވަމުން ދާއިރު އޭނާ އިނީ ކޮންހާލެއްގައިކަން ދުށުމަށް އަޒްހަދު ބޭނުމެއް ނުވިއެވެ. ލޯތްބަކީ އެއީ ހެއްޔެވެ. ހާލަތާއި މޫސުމާއެކު ބަދަލުވާ އެއްޗެއް ހެއްޔެވެ. ތާއަބަދު ބަހާރު މޫސުމުގެ އާރޯކަމަށް ނޫނީ ފުރުސަތު ނެތީހެއްޔެވެ. ހަރީފުގެ ހިޔަނި އެޅޭ ހިނދުން ލޯބީގެ އަހުދުތައް އުވިދަނީ އެހާމެ އަވަހަށެވެ. އަޑިގުޑަންނެތް ރާސްތާއަކަށް ދިރިއުޅުންނުވާކަން ލޯބިވާއިރު ނޭނގެނީ ކީއްވެ ހެއްޔެވެ.
"ޔާ ﷲ!..." ލޯ މަތީ ކަނާއަތްތިލަ އަޅާލެވުނު ހޫރައިންއަށް ބާރަށް ރޮވެނީއެވެ. މާޒީގެ ހިޔަނިން ނުކުންނާނޭ ގޮތެއް ނޭނގިފައި އިން އަންހެނެކޭ ހޫރައިން އެއްފަދައެވެ. އޭނާގެ މައްޗަށް އިރު އަރާނީ ކޮންއިރަކުން ބާއެވެ. އެ އަލިން އޭނާގެ ހިޔަނީގެ ކަޅުކަން ފަނާކޮށް ދިރިއުޅުން ހުޅުދާންވާނެ ދުވަހެއް ފެންނާނޭ ބާއެވެ.
"މީ ކޯއްޗެއް؟" ހޫރައިން އައިސް ސުމައްޔާއަށް ދިއްކޮށްލީ ކުޑަ މަހުމާ އުރައެކެވެ. އޭރު ސުމައްޔާ ހުރީ ސައިތަށްޓެއް ހަދަން ބަދިގޭގައެވެ. މިއަދު ނިދާލަން މަޑުކޮށްނުލާ ހެނދުނުހެނދުނާ ހޫރައިން ކޮޓަރިން ނުކުތީތީ ސުމައްޔާ ހައިރާންވިއެވެ.
"މި ވިއްކާލާ ނޫނީ މަންމަ ބޭނުން މީހަކަށް ދިނަސް އެންމެ ރަނގަޅު." ހޫރައިން ބުނެލިއެވެ. ދަރިފުޅު ކުއްލިއަކަށް އެބުނި އެއްޗަކުން ސުމައްޔާ އަޖައިބުވިއެވެ.
ކުރަން ހުރި ކަންތައް ހުއްޓާލުމާއެކު އަވަސްއަވަހަށް ސުމައްޔާ އެ ކުޑަ އުރައިގެ ހުރި އެއްޗެއް ބެލިއެވެ. ރަނުގެ ކަންފަތު މުދި ފެނުމާއެކު އެއީ ކޮންއެއްޗެއްކަން ސުމައްޔާއަށް ވަގުތުން އެނގިއްޖެއެވެ. އަދި އޭގެ ތެރޭގައި އޮތް ރަން ކެވެލިކޮޅު ވެސް މެއެވެ.
"ޔަގީންތަ؟" ސުމައްޔާ ދަރިފުޅަށް ބަލާލިއެވެ. މަންމައަށް ބަލަން ހުރެ ހޫރައިން ބޯޖަހާލީއެވެ.
ދެ މީހުން ވަކިވުމުން އަޒްހަދާއި އޭނާގެ އާއިލާގެ ފަރާތުން ލިބިފައި ހުރި އެފަދަ އަގުބޮޑު ހަދިޔާތައް އަނބުރާ ދޭން ހޫރައިން އުޅުނެވެ. ނަމަވެސް އަޒްހަދު އެ ތަކެތީގަ ނުހިފީއެވެ. އޭނާގެ އާއިލާއިން ވެސް އެގޮތް ބޭނުންނުވީއެވެ. މިހާރު ހުރައިންއަށް އެއިން އެއްވެސް އެއްޗެއް މުހިންމެއް ނޫނެވެ. އަތުގައި މިހާ ދުވަހު ބެހެއްޓިއެއްކަމަކު އޭނާ އެ ތަކެތީގެ ބޭނުމެއް ނުކުރެއެވެ. އެ ހުރެގެން ހިތަށް އުނދަގުވުންނޫން ކަމެއް ނުވެއެވެ. އަހަރުތަކަކަށްފަހު އެތަކެތިން އަތްދޫކޮށްލަންވީ ވަގުތު ހޫރައިންއަށް ޖެހިއްޖެއެވެ. އެ ހިތްވަރު ވެސް ލިބުނީއެވެ.
ސުމައްޔާ ފިނިނޭވާއެއް ފުންކޮށް ދޫކޮށްލިއެވެ. ކުރިއަށް ޖެހިލައި ހޫރައިންގެ ގައިގާ އޭނާ ބައްދާލިއެވެ. ދަރިފުޅުގެ ބުރަކަށީގައި އޭނާ ފިރުމާލީ ނުހަނު އޯގާތެރިކަމާއެކުއެވެ. އަޒްހަދުދެކެ ހޫރައިން ލޯބިވާވަރު ސުމައްޔާއަށް އެނގެއެވެ. ވަރުބަލިވެފައިވާ ނަފްސެއް ފަދައިން ހޫރައިނަށް މަންމަގެ ކޮނޑުގައި ބޯއަޅާލެވުނެވެ.
"ދިއުމުގެ ކުރީން އާދޭ މަންމައާއެކު ސައިތަށްޓެއް ބޯލަން."
ސުމައްޔާ ދަރިފުޅު ގެނެސް މޭޒުކައިރީ ބޭންދިއެވެ. އޭނާ ތައްޔާރުކުރި ސައިތަށި ގެނެސް ހޫރައިންގެ ކުރިމަތީ މޭޒުމަތީ ބެހެއްޓިއެވެ. އަދި އިތުރު ސައިތަށްޓެއް ހެދުމަށް ސުމައްޔާ އެނބުރިލިއެވެ. ފަރުވާތެރިކަމާއެކު މަންމަގެ ހަރަކާތްތަކަށް ބަލަން ހޫރައިން އިނެވެ. މަންމަގެ ރަނގަޅުކަމާއި މަންމަގެ ހިތަކީ ދުވަހަކުވެސް ބަދަލުވާނޭ އެއްޗެއް ނޫންކަން ހޫރައިންއަށް ވިސްނި ގަބޫލުކުރެވުނީ އޭނާ ނުހަނު ނިކަމެތިވީ ދުވަހުއެވެ. އޭގެ ކުރީން މަންމަގެ މުހިންމުކަމާއި މަންމަ އެވާ ލޯބީގެ އަގު ފުރިހަމައަށް ވަޒަން ކުރެވިފައެއް ނެތެވެ. ކަންކަން ހިއްސާކުރުމުގައި މަންމަ ކަމަކުނުދެއެވެ. ރަނގަޅު މަޝްވަރާއެއްދޭން މަންމަގެ ވިސްނުން ތަނަވަސްވެގެން ނުވާނޭ ހީކުރިއެވެ. އޭގެ އިތުރުން ހޫރައިން ގަބޫލުކުރަނީ މަންމައަށް ވީތީ ދަރީންގެ ހައްޤުތައް ފުރިހަމަކޮށްދޭން މަންމައަށް ޖެހޭނެކަމެވެ. ކޮށްދޭ ކަންކަމުގައި ފޮރުވިފައި އޮންނަ މަންމަގެ ލޯތްބާއި އޯގާތެރިކަމުގެ އިތުރުން ހެޔޮ ދުޢާ ފާހަގަނުވެއެވެ. އެކަމަކު މިހާރު އެ ވިސްނުން ހޫރައިންގެ ބަދަލުވެއްޖެއެވެ. ﷲ އޭނާއަށް މަންމަގެ އިހްސާސްތައް ނުހަނު ފުރިހަމައަށް ދައްކަވައިފިއެވެ. ދުނިޔޭގަވާ ކުރު ހަޔާތުން ޖަންނަތުގެ ހިތްހަމަޖެހުންވީ ހަމައެކަނި މަންމަގެ އުނގުތެރޭގައެވެ. އެ މަންމަ އޭނާ ﷲއާ ކުއްތަން ކުރުވައިފިއެވެ. ރެނދުލާ ބަލިކަށިވެފައިވާ އަގީދާ ވަރުގަދަކޮށް އިމާންކަމުގައި ދެމިހުރުމަށް ވަރުބަލިކަމެއްނެތި ހިތްވަރުދެއެވެ. މަންމަ ދެކެ ވަރަށް ލޯބިވެޔޭ ކޮންމެ ދުވަހަކު ބުނަން ހޫރައިންގެ ހިތް އެދެއެވެ. ނަމަވެސް އެއީ ދުލުން ހާމަކުރަންވުމުން އުނދަގޫ ލަފުޒުތަކަކަށް ވެދެއެވެ. އެކަމަށް އާދަވެފައި ނެތީމައެވެ. އެހެންނަމަވެސް އޭނާގެ އެ ލޯތްބާއި ކުރާ ޤަދަރު ﷲ އަށް ސިއްރުވެގެން ނުވެއެވެ. އޭނާއަށް ޓަކައި މަންމަ އެވާ ޤުރުބާނީގެ އަގު ޖަންނަތުގައި އެ މަންމައަށް އެތައްގުނައެއް އިތުރުކޮށްދެއްވުމަށް ﷲ އަށް ދެންނެވުން ހޫރައިން ހަނދާންނައްތައެއް ނުލައެވެ. އޭނާގެ މަންމައަކީ ދަރިއަކަށް ލިބޭނެ އެންމެ ހެޔޮ މަންމައެވެ.
"ﷲ މަންމައަށް ދިގު އުމުރެއްދެއްވުން ދުޢާއަކީ... އަހަރެން ގަބޫލުކުރަން... މަންމަދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރަން. ރަނގަޅު ވާހަކަ މަންމަ ދެއްކީ. މަންމަ މިއަދު ލޯމަރާލިޔަސް އަހަރެން އެކަނިވާނެ. އަހަންނާއި ޔޫކްއަށް އަޅާލާނެ މީހަކުނެތް. ވަރަށް ދަތިވާނެ. ވަރަށް ބޮޑަށް އެކަނިވާނެކަން ވެސް އެނގޭ... މަންމާ! ކައިވެނިކުރުން ގޯހެއްނޫން. އެކަމަކު ކައިވެންޏަށް އަހަރެން ތައްޔާރެއްނޫން. އަހަރެންނަށް ހުރި ދަތިތައް މަންމައަށް ފެނެއެއްނު. ފިރިއެއްގެ މަސްއޫލިއްޔަތު އުފުލާނީ ކިހިނެއް. އޭރު ޖަވާބެއް ނުދީ ދިޔައީ މަންމަގެ ބަސްނާހާކަށްނޫން. އެވާހަކަ ދެއްކީތީ މަންމަދެކެ ރުޅިއެއް ވެސް ނާދޭ. ކައިވެންޏަކީ ހާދަ ބޮޑުކަމަކޭ... އަހަރެން ކިހިނެއް މަންމާ..."
"އެނގޭ މަންމައަށް. އެކަމާ އެހާބޮޑަށް ނުވިސްނާ. މަންމަ ދެއްކީ މިހާރު ކައިވެނިކުރާ ވާހަކައެއްނޫން. ﷲ މޮޅަށް ދެނެވޮޑިގެންވޭ، މުސްތަގުބަލާމެދު ކަންބޮޑުވާކަށް ނުވޭ. އެހެންވިޔަސް ދަރިފުޅަށް ކައިވެނީގެ މުހިންމުކަން ހަނދާންކޮށްދޭން ބޭނުންވީ، އެކަނި ހަޔާތް ވޭތުކޮށްލުމަށްވުރެ ހެޔޮކަން ބޮޑީ އެގޮތުގައި ވީމަ. ކޮންމެ ކަމަކަށް ވެސް ﷲ ވަނީ ވަގުތު ކަނޑައަޅުއްވާފަ. ހިތްތައް ފުރޮޅުއްވުމަށް އެކަލާނގެ ކުޅަދުންވަންތަ. ހޫރްގެ ނަފްސު ތައްޔާރުނޫން ކަމެއް އަކަލާނގެ ކުރިމައްޗެއް ނުކުރައްވާނެ. އެހެންވީމަ ފިކުރުބޮޑުނުވޭ." ސުމައްޔާ ވާހަކަދައްކަމުން އައިސް މޭޒުދޮށުގައި ސައިތަށި ހިފައިގެން އިށީނެވެ. ތެދެކެވެ. އޭނާ ކައިވެނީގެ ވާހަކަ ދެއްކި ނަމަވެސް ހޫރައިނަށް ކައިވެނި ކުރާކަށް މަޖުބޫރެއް ނުކުރެއެވެ. އޭނާގެ ތަސައްވުރުގައި ހޫރައިންއަށް ޓަކައި ބައިވެރިއެއްގެ ސޫރަ ކުރެހިފައި ވެއެވެ. އެކަން ވެސް އޭނާ ހާމައެއް ނުކުރެއެވެ. އެ ދަރިފުޅަށް ތަކުލީފަކަށް ދިރިއުޅުންވާން ނޭދޭތީއެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އޭނާއާ ދެބަސްނުވީ ނަމަވެސް އެ ދަރިފުޅުގެ ހިތުގައި ޖެހިދާނެކަމަށް ޓަކައެވެ. މައިންބަފައިންނަށް ވިޔަސް ދަރީންގެ މައްޗަށް އެފަދަ ކަންކަމުގައި މަޖުބޫރުކުރުމެއް ނޯވެއެވެ.
* * * * *
ލަސް ހިނގުމެއްގައި ޒެހެން އައެވެ. އޭނާއަށް ގަސްތަކަށް ފެންދޭން ހުރި ހުރައިން ފެނިގެންނެވެ. ގާތަށް މަތީ ބޫޓު ދަމާލީއެވެ. އޭނާ އަންނަކަމުގެ އިޝާރާތެއް ކޮށްލީއެވެ. ހޫރައިން ބަލާނުލިއެވެ. އެހެންވިޔަސް އެ އަންހެންކުއްޖާ ފެންހޮޅި ހިފައިގެން ދުރަށް ޖެހިލީ ނިކަން ނޫން ގޮތަކަށެވެ. ޒެހެންގެ ތުންފަތް ދެމިލިއެވެ.
"ކީއްވެ އިއްޔެ ނައީ؟." އުސްކޮށް ހުރި ފާރުބުރީގަ ޖެހިލައިގެން ޒެހެން މަޑުކޮށްލިއެވެ.
"ކީއްތިކުރީ؟." ކުއްލިއަކަށް ޒެހެން ދުރަށް ފުންމައިގަތެވެ. އޭނާގެ ބޮލާއި ކަރުދޮށުގެ އިތުރުން ލައިގެން އިން ގަމީހުގެ އެއްފަޅިއަށް ފެންތިކިތައް ބުރާފައި ހުއްޓެވެ. ހޫރައިންގެ ހަރަކާތައް ބަދަލެއް ނައިތަނުގައި އޭނާ ބަލާ ވެސް ނުލިއެވެ. ޒެހެންއާ ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ. ހޮޅިން ފެންޖަހަމުންދިޔަ ތަނެއްގެ ބުޑުގައި އައިސް އިށީންނާނީ އޭނާ ކަހަލަ މޮޔައެކޭ ހިވާ ކަހަލައެވެ.
"ޑިޒައިނެއް އަޅާލަ ދިނީތަ؟ އަނެއްކާ ހޫރްއަށް ކަމުދަނީ ޑިޒައިން އެޅި ގަމީސްތައް... ތިކިޖެހި ގަމީސް ދޯ... އެހެން ބުނިނަމަ. އޭރުންނު އެނގޭނީ ކުރިމައްޗަށް އަންނައިރު އެކަހަލަ ގަމީހެއް ލައިގެން ހުންނަން. މިކުލައިގެ ތިކިޖެހި ގަމީހެއް ރަނގަޅުތަ؟ ނޫނީ އެހެން ކުލައެއްތަ؟ ކޮންކުލައެއް ހޫރަށް އެންމެ ރީތި. އުޑުގައިވާ ނޫކުލުތަ؟ ގަސްތަކުން ފެންނަ ފެހިކުލަތަ؟ ނޫނީ ފާރުން ފެންނަން ހުރި ހުދު ކުލުތަ؟ އެކަމަކު އޭރުން ދޮންނަ މީހާއަށް ހާދަ ބުރަވާނެ. އަހަރެން ހުންނަން ޖެހޭނީ އެލާޓްގަ... ގަމީހުގައި އެއްޗެއް ޖެހިދާނެތީ... ތި ރީތި ލޮލުން ނިކަން ބަލާބަލަ... ގާތަކުން މިފެންނަ ނޫއަޅިކުލަ ސަޅިއެއް ނޫންތަ. އެކުލަ ކިހިނެއްވާނެ." ގަމީހުން ފެންފޮޅަމުން ޒެހެން ވާހަކަދެއްކިއެވެ. އޭނާ ރުޅިއެއް ނާދެއެވެ. އެ އަޑުގައި ހުރީ ސަމާސާގެ ރާގެވެ. ހޫރައިންގެ ފަރާތުން އިޝާރާތެއް ނުވިޔަސް އޭނާއާއެކު ހޭދަކުރެވޭ މަދު ވަގުތުކޮޅުން ތަފާތު ހިތްހަމަޖެހުމެއް ޒެހެންއަށް ލިބެއެވެ. މީ ލޯބިވެވުމުން ވާގޮތް ހެއްޔެވެ.
ޒެހެންއަށް ތަންކޮޅެއް ކުރީން އެނބުރި ދާން ޖެހުނެވެ. ލައްތަކެއްހެން ފެންތިކިތަކުން ގަމީސް ތެމިފައި ހުރެ ކުލާސް ނަގައިދޭން ދާން ޒެހެން ބޭނުންނުވީއެވެ. ފާޚާނާއަށް ގޮސް ހިއްކާ މެޝިނު ދޮށަށް ގަމީސް ދިއްކޮށްގެން އޭނާ އިރުކޮޅަކު ހުންނަން ޖެހުނެވެ.
އެނބުރި ޒެހެން ދިއުމުން ހޫރައިނަށް ވިސްނާލެވުނެވެ. ޒެހެން ދެއްކި ވާހަކައާ މެދުއެވެ. އެންމެ ރީތީ ކޮންކުލައެއްބާއޭ އަމިއްލަ ހިތާ ހޫރައިންއަށް ސުވާލުކޮށްލެވުނެވެ. އެފަދަ އާދައިގެ ކުޑަކުޑަ ކަމަކާ އޭނާ ވިސްނީ ކޮންދުވަހަކުބާއެވެ. ރީތިކުލައަކަށް ލޯބިކުރި ހަނދާންވަނީ ނުހަނު ދުރުގައެވެ. މަޑުމަޑުން ދެފަރާތަށް ހޫރައިން ބޯހޫރާލިއެވެ. މުހިންމު ސުވާލަކަށް އެ ސުވާލު ނުވާތީ ޖަވާބުދޭން އޭނާގެ ހިތަށް ބާރު ނޭޅީއެވެ. ހާއްސަ ރީތިކުލައެއް އޭނާގެ ނެތެވެ. އަނދިރިކަން ނޫނީނުވާ ހަޔާތްވަނީ ކުލަތަކުން އޭނާ މަހުރޫމުކޮށްފައެވެ. އަދި ކުލައެއްނުވާ ދުނިޔެއެއްގައި އުޅޭން އޭނާ އާދަވެއްޖެއެވެ.
މެންދުރު ފަހުގައި ކުރާނެ މަސައްކަތެއް ހޫރައިންއަކަށް ނޯވެއެވެ. އޭނާ އާދައިގެ މަތީން އިނީ "ޑީ ބްލޮކް"ގެ ބިއްދޮށުގައި މަސައްކަތު މީހުން އެއްވާ މައިޒާނުގައެވެ. އެކަނިމާ އެކަންޏެވެ. ފޯނުން އޭނާ ބަލަން އިނީ ކުޑަކުދީންގެ ހެދުން ވިއްކާ ފިހާރައެކެވެ. ޔޫކްއަށް ހެދުމެއް ގަތުމުގެ ވިސްނުމުގައެވެ. ކައިރިއަށް މީހަކު އައިހެން ހީވުމުން ވެސް ހޫރައިން ބަލާނުލީ އެތަނަށް އަންނާނީ ކޮންބައެއްކަން އެނގޭތީއެވެ.
"މިތާ ދޯ ފިލާ އިންނަނީ." އިވުނީ ޒެހެންގެ އަޑެވެ. ފުންމައިގެން ހޫރައިން ތެދުވި ގޮތުން އޭނާ އިށީނދެ އިން ޕްލާސްޓިކު ގޮނޑި ފަހަތަށް ވެއްޓުނެވެ.
"ހޫރް ހަމަޖެހިބަލަ." ވެއްޓުނު ގޮނޑި ނަގަމުން ޒެހެން ބުންޏެވެ.
"މަތިން ފެނުނީ ހޫރް މިތާ ބިއްދޮށަށް ވަންނާތީ. އަހަރެން ވެސް ފްރީ ވީމަ ވާހަކަދައްކަން އައީ." ދެން ވެސް ވާހަކަދެއްކީ ޒެހެންނެވެ.
ހޫރައިން ފަރުވާތެރިކަމާއެކު ޒެހެންއަށް ބަލާލިއެވެ. މާނަވީ ގޮތަކަށް ބަލަން ހުރިކަން ފާހަގަވެ ޒެހެން ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ވަގުތުން ހޫރައިން ނަޒަރު ވަކިކޮށްލިއެވެ. ހިނިތުންވެ ހުރެ ހޫރައިންއާ ކުރިމަތިވާނޭހެން އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއް ކައިރިއަށް ގެނެސް ޒެހެން އިށީނެވެ. ކޮޅަށް ނުހުރެ އިށީނަން ޒެހެން އެދުމުން ކުރީން އިން ގޮނޑީގައި ހޫރައިން މަޑުމަޑުން އިށީނދެއްޖެއެވެ.
"އިއްޔެ އަންނާނޭކަމަށް ހީކުރީ. ތާނީ ބުނި ހޫރައިންއާ މީޓްވެގެން އަންނާށޭ ބުނި ވާހަކަ. އިއްޔެ ޝާފީ ބާތްޑޭ... ވަރަށް އިންތިޒާރު ކުރީން. ދެކިލާހިތުން..." ވާހަކަ ހުއްޓާލާފައި ޒެހެންގެ ނަޒަރު ހޫރައިންއަށް އަމާޒުކޮށްލިއެވެ. ހޫރައިން އިސްޖަހައިގެން އިން ގޮތުން އޭނާގެ ވާހަކައަށް ސަމާލުކަން ނުދެޔޭ ޒެހެންއަށް ހީކުރެވުނެވެ. ވާހަކަ ބަދަލުކޮށްލީ އެހެންވެއެވެ.
"ޒެހެން އަބްދުލް މާލިކް... މައި ނޭމް. 29 އަހަރު. މިދިޔަ ފެބްރުއަރީގަ ފުރުނީ. މިވަގުތު އަހަންނަކީ ކޮން މަސައްކަތެއް ކުރާ މީހެއްކަން ހޫރައިންއަށް އެނގެއެއްނު. ދިރިއުޅުމެއް ފެށޭހާ ތަނަވަސްކަން އެބަހުރި. އަހަރެންގެ ދިރިއުޅުމުގަ އެންމެ މުހިންމު މީހަކީ މަންމަ. އެއަށްފަހު އެފަދަ ހާއްސަކަމެއް ދޭން މިހިތް އެދޭ މީހަކީ ތީ. ހޫރައިން އެނގެން އަހަރެން ބޭނުން. ސަމާސާއެއް ނުކުރަން. ވަރަށް ސީރިއަސްކޮށް މިވާހަކަ މިދައްކަނީ. ވަރަށް ބޮޑަށް ކަމުގޮސްގެން ގަޔާވެޔޭ ބުނީ. ހޫރައިންއަށް އަހަރެން ކަމުނުދަނީތަ؟. އަހަންނަށް ފާހަގަކުރެވިފަނުވާ ކޮންމައްސަލައެއް ހޫރައިންއަށް ފާހަގަވީ؟. ހުރައިން ބޭނުމީ ސާލިހު އަޅުވެރިއެއްތަ؟. އަހަރެން ގަބޫލުކުރަން އަހަންނަކީ ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަން. އެކަމަކު އެއީ ބަދަލުކުރެވިދާނެ ކަމެއް. އަހަރެން އެކަން ބަދަލުކުރާނަން. ﷲ އާއި ހޫރައިންއާ ކުރިމަތިލެވޭފަދަ މީހަކަށް އިންޝާﷲ ބަދަލުވާން މަސައްކަތް ކުރާނަން. އެހެންވީމަ... ހޫރައިން އަހަންނަށް ފުރުސަތެއް ނުދޭނަންތަ؟."
"ނޭނގޭތަ އަހަރެންގެ ދަރިއަކު ހުންނަކަމެއް." ޒެހެންގެ ވާހަކަ ހޫރައިން ހުއްޓުވާލިއެވެ.
"މީހެއްގެ އަނތްބެއްތަ؟." ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ޒެހެން ސުވާލުކުރިއެވެ. (ނުނިމޭ)