ބޮލީވުޑް

ބިގް ބޮސް 15: ކަރަން-ތޭޖާސްވީ ގުޅުމަށް ފާޑުކިޔަނީ

ކަލާޒް ޓީވީން މިހާރު ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 15 ވަނަ ސީޒަން ވެފައިވަނީ އެންމެ ގިނަ މައްސަލަތަކާ ކުރިމަތިވެފައިވާ ސީޒަނަށެވެ. މި ޝޯ ދެކެ ގިނަ ބަޔަކު މިހާރު ފޫހިވެފައިވާއިރު ކިރިޔާ ވެސް މީހުންގެ ޝައުގުވެރިކަމެއް ހުރީ ޝޯގެ ދެ ބައިވެރިން ކަމަށްވާ ކަރަން ކުންދްރާ އާއި ތޭޖާސްވީ ޕްރަކާޝްގެ ލޯބީގެ ވާހަކަ އަށެވެ.

މި ޝޯގެ ފޭނުންގެ ތެރެއިން އެއް ބަޔަކު މި ޖޯޑު ދެކެ ލޯބިވާއިރު އެ މީހުން ދެކެ ފޫހިވާ މީހުން ވެސް އުޅެ އެވެ.

ސަލްމާން މިވަގުތު އިންޑިއާގައި ނެތުމުން ހަފުތާ ބަންދުގެ ހޮނިހިރު ދުވަހުގެ ޝޯ ހޯސްޓްކޮށްދިނީ ޑައިރެކްޓަރު އަދި ކޯރިއޯގްރާފަރު ފަރާ ޚާން އެވެ.

ފަރާ ވެސް ވަނީ "ތޭޖްރަން"ގެ ޖޯޑަކީ ފޫހި ބައެއް ކަމަށް ސިފަކޮށްފަ އެވެ. ތޭޖުރަން އަކީ ކަރަން ކުންދްރާ އާއި ތޭޖާސްވީ ޕްރަކާޝް ދެކެ ލޯބިވާ އެމީހުންގެ ފޭނުން އެ ޖޯޑަށް ކިޔާ ނަމެކެވެ.

އާދިއްތަ ދުވަހު ސަލްމާން ވެސް ވަނީ އެ ދެ މީހުންގެ ގުޅުމަށް ފާޑުކިޔާފަ އެވެ. އެމީހުން މިހާރު އެކުރާ ގޮތަށް ކަންތައްތައް ކުރަމުންދާނަމަ ޝޯ އަށް ފަހު މަހެއްހާ ދުވަސް ތެރޭގައި އެ ލޯބީގެ ދުވަސް ދާނެ ކަމަށް މިހާރު ކަލާޒް އިން ދައްކާ މި ޝޯގެ ޕްރޮމޯއެއްގައި ތޭޖާސްވީ ކައިރީގައި ސަލްމާން ބުނެ އެވެ.

ކަރަން ދެކެ ސަލްމާން ވަރަށް ރުޅިއައިސްގެން އެއްޗެތި ކިޔާ މަންޒަރު ވެސް މި ޕްރޮމޯގައި ފެނެ އެވެ. ސަލްމާން ރުޅި އައީ ތޭޖަސްވީ އާއި ކަރަންއާ ޖެހުނު މައްސަލައެއްގައި ތޭޖާސްވީ ހިތްހަމަނުޖެހިގެން ފަތިހު 4:00 އިރު ތެދުވެ ޕޫލަށް ފުންމާލާތަން ބަލާފަ އެވެ.

ސަލްމާން ބުނީ ތޭޖާސްވީއާ މެދު ކަރަން އެގޮތަށް ކަންތައް ކުރާނަމަ ތޭޖާސްވީގެ ދިރިއުޅުން ބަރުބާދު ވެދާނެ ކަމަށެވެ.

ކަރަން އާއި ތޭޖާސްވީ އެކަކު އަނެކަކާ ވަރަށް ގަޔާވިޔަސް ދެ މީހުންގެ ބޯހަރުކަމާއި ރުޅިގަދަކަމުން އެމީހުންގެ ލޯބި ކާމިޔާބުނުވާނެ ކަމަށް ޚުދު އެ ދެ މީހުން ވެސް ބުނެފައިވެ އެވެ.