ބޭރު ކުޅިވަރު

ޔުނައިޓެޑް ބަލިވެ، ސިޓީ އެއްވަނަ އަށް

އިނގިރޭސި ޕްރެމިއާ ލީގުގައި ބޯނެމައުތް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ބަލިވީ 2-1އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ދެ ވަނަ މިނިޓްގައި ޖޫނިއާ ސްޓަނިސްލާސް އެވެ. މިއީ ބޯނެމައުތުން މުބާރާތުގައި ޖެހި އެންމެ އަވަސް ގޯލެވެ. މެޗުގެ ނަތީޖާ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ 24 ވަނަ މިނިޓްގައި މަރައުނޭ ފެލައިނީ އެވެ. ޔުނައިޓެޑް މެޗުން ބަލިވީ 54 ވަނަ މިނިޓްގައި ޔޯޝުއާ ކިންގެ ޖެހި ގޯލުންނެވެ.

މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ ޓޭބަލުގެ އެންމެ ފަހަތުގައި އޮންނަ ޓީމެއްގެ އަތުން ކުރީގައި އޮތް ޓީމެއް ބަލިވުމަކީ ގަބޫލުކުރަން ފަސޭހަ ކަމެއްނޫން ކަމަށެވެ. ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާ ކުރި ހިތްވަރު އޭނާ އަށް ކަމުދާ ކަމަށެވެ.

"އެކަމަކު އެއީ ހުރިހާ ކަމެއްނޫން. މޮޅުވީމަ ނަތީޖާ އެންމެ މުހިންމު ވަނީ،" ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ނުގޮސް ކެޓި ޔުނައިޓެޑުގެ ކޯޗު ވެންހާލް ބުންޏެވެ.

މި ބައްޔާއެކު ޔުނައިޓެޑް އޮތީ 29 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. ބޯނެމައުތް އޮތީ 16 ޕޮއިންޓާއެކު 14 ވަނާގަ އެވެ.

މެންޗެސްޓާ ސިޓީ މޮޅުވީ ސްވަންސީ އަތުން 2-1އިންނެވެ. މި މޮޅާއެކު ސިޓީ އެއްވަނާގައިވަނީ 32 ޕޮއިންޓާއެކުގަ އެވެ. ސްވަންސީ އޮތީ 14 ޕޮއިންޓާއެކު 16 ވަނާގަ އެވެ.