ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމާއި ރަނިންމޭޓް ކަން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި އެއީ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި މަގާމުގެ ހައިސިއްޔަތުން އިސްކަންދެއްވާ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ ހުންނެވީ މާލޭ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށްޓަކައި ފަސް އަހަރުގެ ދައުރަކަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުކޮށްފައި ކަމަށްވާތީ މިވަގުތު ހުރިހާ ކަމެއްގައިވެސް އިސްކަންދެއްވަނީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ހަވާލުކުރި ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އަދާކުރި މީހަކަށް ވުމަށް އޭނާ ބޭނުންވާ ކަމަށެވެ. ސިޔާސީ ގޮތުން އޭނާ ވަޑައިގަންނަވަންވީ ހިސާބެއް ނިންމާނީ މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މޭޔަރު ކަމުގައި ދައްކަވާ ނަތީޖާތަކަށް ބަލައި މާލޭގެ ރައްޔިތުން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑާ ހަވާލުކުރެވިފައި މިވަނީ މާލޭގެ ރައްޔިތުންގެ އުއްމީދާ ގުޅިފައި ހުރި ވަރަށް ގިނަ ކަންތައްތައް ކުރުމަށް. ފަސް އަހަރުގެ ދައުރެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވޭތޯ މިބަލަނީ. އަޅުގަނޑުގެ އިތުރު އަމާޒެއް އޮވެގެނެއް ނޫން މިއުޅެނީ. މާލޭގެ ރައްޔިތުންނަށްޓަކައި މާލޭގައި މިހުރި މައްސަލަތައް ހައްލުކުރުމުގައި އަޅުގަނޑަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެވޭތޯ އަޅުގަނޑު މި މަސައްކަތް ކުރަނީ. އެކަން ހާސިލްވި ކަމަށް މާލޭގެ ރައްޔިތުން ގަބޫލުކޮށްފިއްޔާ އެއީ އަޅުގަނޑު ދާން ބޭނުންވާ ހިސާބަށް ދެވުނީ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލްގެ ވަރަށް ގިނަ ވިސްނުންތައް އެބަހުރި ކަމަށާއި އެކަމަކު އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ގޭގެއަށް ޒިޔާރަތް ކުރައްވަނީ ރިޔާސީ އިންތިހާބަށް އޭނާގެ ވަކި ހާއްސަ ޕްލޭނެއް އޮވެގެން ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވި އެެވެ. މޭޔަރު ކަމަށް ވަޑައިގަތީ މާލޭގެ ރައްޔިތުންގެ އަރިހަށް ގޮސް ރައްޔިތުންނާ ބައްދަލުވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށާއި ގެގެއަށް ޒިޔާރަތް ކުރައްވަނީ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރަކަށް އޭނާ ހުންނަވައިގެން ޕީޕީއެމް އަށް އަދި ރައީސް އަބްދުﷲ ޔާމީނަށް އެކަމުން އެއްވެސް ފައިދާއެއް ލިބޭނަމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް އޭނާގެ މޭޔަރު ކަމުގައި އެއްވެސް މީހެއްގެ ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ. ރައްޔިތުންނާ ގާތުން އަދި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވާތީ އެއީ ސިޔާސީ އެހެން ބޭނުމެއްގައި ކުރާ ކަމެއް ކަމަށް ބަޔަކު ގަބޫލުކުރި ނަމަވެސް އެކަމުގައި އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތު ބަދަލުކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމަނިކުފާނު ހަވާލުކުރެއްވި އެއްވެސް މަސައްކަތަކަށް ނޫނެކޭ ވިދާޅުވެފައި ނުވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"އަޅުގަނޑަކީ ރިޔާސީ އިންތިހާބަށް ނުވަތަ އެހެން ކަމަކަށް ކުރިމަތިލާން ނުވަތަ ރަނިންމޭޓް ކަންވެސް ބޭނުންވާ މީހެއް ނޫން. އަޅުގަނޑަކީ އެއަށް ވުރެ މާ ސިމްޕަލް މީހެއް. އަޅުގަނޑުގެ ތިކަހަލަ ވިސްނުމެއް ނުހުންނާނެ." މޭޔަރު ވިދާޅުވި އެވެ.
މިއިންޓަވިއުގައި މުއިއްޒު ތަކުރާރު ވިދާޅުވީ މާލޭގެ މޭޔަރު ކަން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ހަވާލުކޮށްފައިވާތީ އެ މަގާމު ދޫކޮށްލެއްވުމަށްފަހު އޭނާ ދެން ކުރައްވާނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ. މަގާމުގެ ދައުރު ހަމަނުވަނީސް އެ މަގާމު ދޫކޮށްލުމަކީ ރައްޔިތުން އޭނާ އަށް ކުރި އިތުބާރު މުޅިން ގެއްލޭނެ ކަމަކަށްވާތީ އެފަދަ މީހަކަށް ވާން މުއިއްޒު ބޭނުންފުޅެއް ނުވެ އެވެ. މާލޭގެ މޭޔަރު ކަމުގައި ހުންނަވާއިރު އެކަމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެން ނޫނިއްޔާ އަޅުގަނޑު ވާނީ ހަމަ މަގާމެއް ބޭނުންވެގެން އުޅޭ މީހަކަށް ނޫންތޯ. އެހެން އުޅޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ބޭނުމީ ހިދުމަތެއް ކުރަން. ތަފާތެއް ދައްކަން. މިނޫން ގޮތަކަށް މަސައްކަތް ކުރާނަމަ މަގާމެއްް ބޭނުންވެގެން އުޅޭ މީހަކާ އަޅުގަނޑާ އެއްވެސް ތަފާތެއް ވެސް ނެތެއް ނޫންތޯ،"މުއިއްޒު ވިދާޅުވި އެެވެ.