ނޭޓޯ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް މަގާމުގެ މުއްދަތު ސެޕްޓެމްބަރު 2022 ގައި ހަމަވާނެ އެވެ. އޭނާއަށް އެހެން ވަޒީފާއެއް އަދާކުރެވޭނީ އެއަށް ފަހު އެވެ.
ޚަބަރުތައް ބުނާ ގޮތުން ނޯވޭގެ މަރުކަޒީ ބޭންކްގެ ވެރިޔާގެ މަގާމަށް ސްޓޮލްޓަންބާގްގެ ނަން އޮތީ ހުށަހަޅާފަ އެވެ. އެގައުމުގެ ފިނޭންސް މިނިސްޓްރީން ވެސް ބުނީ ނޫސްތަކުން އެފަތުރަނީ ތެދު ޚަބަރެއް ކަމަށެވެ.
ނޯވޭޖިއަން ނިއުސް އޭޖެންސީ އަށް ސްޓޮލްޓަންބާގް ދެއްވި އިންޓަވިއުއެއްގައި އޭނާ ވެސް މި ޚަބަރު ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން ނޮވެމްބަަރުގައި އޭނާއަށް ގުޅި ކަމަށާއި މަރުކަޒީ ބޭނުންކުގެ ވެރިޔާ ކަމަށް ހުށަހެޅުމަށް އެދުނު ކަމަށެވެ.
ސްޓޮލްޓަންބާގް ވިދާޅުވީ މަރުކަޒީ ބޭންކްގެ ވެރިޔާއަށް ވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޮތް ހުރަހަކީ ނޭޓޯ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ނިމެންދެން މަގާމުގައި ދެމިހުންނެވަން ޖެހިވަޑައިގަތުން ކަމަށެވެ.
ސްޓޮލްޓަންބާގްގެ ނޭޓޯ ދައުރު ހަމަވުމުގެ ކުރިން ސެންޓްރަލް ބޭންކްގެ ވެރިޔާގެ މަގާމު ހުސްވާނެ އެވެ. އެމަގާމުގައި މިހާރު ހުންނެވި އޮއިސްޓަން އޯލްސަން މާޗް 2022 ގައި އިސްތިއުފާ ދެއްވާނެ ކަމަށް ކުރިއްސުރެ އޮތީ ވިދާޅުވެފަ އެވެ.
ނޭޓޯ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ނޯވޭގެ ބޮޑުވަޒީރުކަން ސްޓޮލްޓަންބާގް ދެފަހަރެއްގެ މަތިން އަދާކުރެއްވި އެވެ. އަދި ނޯވޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
އެހެން ނަމަވެސް ސްޓޮލްޓަންބާގަށް ވަގުތު ވަންދެން މަރުކަޒީ ބޭންކްގެ ވެރިޔާގެ މަގާމު ހުސްކޮށް ބާއްވާނެ ކަމަކަށް ނުބެލެވެ އެވެ. އެމަގާމަށް އެދި 21 މީހަކު މިހާރު ވެސް ލިޔުންތައް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު ވެސް ހިމެނެ އެވެ.
ސްޓޮލްޓަންބާގަށް ފަހު ނޭޓޯއާ ހަވާލުވާނެ މީހަކު އަދި ނޭނގެ އެވެ. ޚަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރެސާ މޭއަށް އެ ފުރުސަތު ލިބިވަޑައިގަތުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.