ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީނަކާ ނުލައި ބުރާސްފަތިން ފެށިގެން ސިންގަޕޫރަށް ދެވޭނެ

Dec 14, 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ކުރިއަށް ބުރާސްފަތި ދުވަހުން ފެށިގެން ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެގޮތަށް ހަމަޖެހިގެން ދިޔައީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވަލް ލޭނެއް (ވީޓީއެލް) ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމުންނެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އިސްވެ އެ އެއްބަސްވުމުން ހެދީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ސިންގަޕޫރުގެ ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.

ވީޓީއެލްގެ ސަބަބުން ބުރާސްފަތި ދުވަހުން ފެށިގެން އެޗްޕީއޭ އިން ދޫކޮށްފައިވާ ކޮވިޑް 19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށް ވެސް ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ނެގެޓިވް ޕީސީއާރް ކޮވިޑް 19 ޓެސްޓް ނަތީޖާއާއި އެކު ދަތުރުކުރެވޭނެ އެވެ.

ކަރަންޓީން ވާން ނުޖެހޭ ގޮތަށް ސިންގަޕޫރަށް ދެވޭ ގައުމު ތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރީ މިދިޔަ މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.

ކޮވިޑްގެ ހާލަތު އެއްވަރެއްގައި ރާއްޖޭގައި ވަނީ ހިފަހައްޓާފަ އެވެ. ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން 396،207 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 365،604 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު 20،096 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގެ ހާލަތު ރަނގަޅުވަމުން ދާތީ ގިނަ ގައުމުތަކަކުން ވަނީ ލުއި ދީފަ އެވެ. އެގޮތުން ޔޫކޭ އަދި ޔޫއޭއީ ގްރީން ލިސްޓަށް ވެސް ރާއްޖެ ލާފައިވެ އެވެ. އަދި ތައިލެންޑުގެ ވެސް ކަރަންޓީން ވާން ނުޖެހޭ ލިސްޓުގައި މިހާރު ރާއްޖެ ހިމެނެ އެވެ.