ދުނިޔެ

އެމެރިކާއިން އެފް-35 ޖެޓްތައް ނުގަންނަން ޔޫއޭއީ ނިންމަފާނެ

އެފް-35 މަރުކާގެ 50 ޖެޓް ގަންނަން އެމެރިކާގެ ލޮކްހީޑް މާޓިންއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފައި އޮތް އޯޑަރު ކުރިއަށް ނުގެންދާ ގޮތަށް އެގައުމުން ނިންމައިފި ކަމަށް ރޮއިޓާސް ބުނެފި އެވެ.

ޖެޓްފައިޓަރު ގަންނަން އެމެރިކާއަށް ދީފައި އޮތް 23 ބިލިއަން ޑޮލަރުގެ އޯޑަރުގައި ހަނގުރާމަމަތީ ޑްރޯން އާއި ޒަމާނީ ރޮކެޓް ހަތިޔާރު ވެސް ހިމެނެ އެވެ.

ޔޫއޭއީ އަށް ޖެޓްފައިޓަރާއި ހަތިޔާރު ވިއްކާނެ ކަމަށް އެމެރިކާ ބުނި ނަމަވެސް، އެކަން ކޮށްދިނުން ލަސްކުރަމުން ގޮސް މިހާރު އޮތީ ބަޔަކު ފޫހިވާ ވަރުކޮށްފަ އެވެ.

ޔޫއޭއީ އަށް ހަތިޔާރު ވިއްކުން އެމެރިކާ ލަސްކުރަނީ ޗައިނާއާ އެކު ޔުއޭއީ ދުޅަހެޔޮ ގުޅުމެއް އޮންނާތީ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 5ޖީ ގާއިމުކުރުމުގައި ޔޫއޭއީ ބަރޯސާކުރަނީ ވާވޭ އަށެވެ. އަދި ވާވޭ ސްމާޓް އާލާތްތައް އަރަބި ދުނިޔެއަށް މާކެޓްކުރުމުގައި ޔޫއޭއީ އަކީ ހަރުދަނާ މާކެޓެކެވެ.

ޔޫއޭއީ އަށް ހަތިޔާރު ހޯދުމުގައި އެމެރިކާ އަށް ވަރަށް ބޮޑަށް އިތުބާރު ކުރެ އެވެ. އެފް-35 މަރުކާގެ ޖެޓްތައް ގަތުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އެ ފުރުސަތު އެމެރިކާއަށް އަދި ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކުމުގައި އެމެރިކާ ބައެއް ފަހަރު ލަސްކޮށް އަދި އެއްބަސްވުން ކެންސަލް ވެސް ކުރެ އެވެ. ޔޫއޭއީ އަށް ޖެޓް ވިއްކުމާ ބެހޭ ގޮތުން ޕެންޓަގަންގެ ތަރުޖަމާން ބުނީ އެއީ ހަތިޔާރު ވިއްކުމެއް ނޫން ކަމަށާއި އަސްކަރިއްޔާ ޒަމާނީ ކުރުން ކަމަށެވެ.

ޕެންޓަގަނުން ބުނީ އަބޫދާބީއަށް ޖެޓްފައިޓަރު ވިއްކުމާ ބެހޭ ގޮތުން މަޝްވަރާތައް އަދި ވެސް ކުރިއަށްދާ ކަމަށާއި އަދި ވަކި ގޮތަކަށް އެއްބަސްނުވެވޭ ކަމަށެވެ.