ދުނިޔެ

ޔޫއޭއީއިން އެމެރިކާގެ އެފް-35 ގެ ޖެޓް ގަންނަނީ

ޔޫއޭއީ އަކީ ގަލްފުގެ ގައުމު ތަކުގެ ތެރެއިން އެންމެ ފުރަތަމަ އެމެރިކާގެ އެފް-35 ގެ ހަނގުރާމަތީ ޖެޓް ބޭނުން ކުރާ ގައުމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ-ޔޫއޭއީގެ މީ ޑީލް ވެގެން ދާނީ ޔަހޫދީ ދައުލަތް، އިޒްރޭލްގެ ރުހުން އޮތް ޑީލަކަށެވެ. އެމެރިކާ އާއި ޔުއޭއީ އިން އުންމީދު ކުރަނީ އެމެރިކާގެ އެފް-35 ގެ ހަނގުރާމަމަތީ ޖެޓް ފަހަރު ޔޫއޭއީ އަށް ވިއްކުމުގެ އެއްބަސް ވުމެއްގައި އަންނަ ޑިސެމްބާ މަހުގެ ތެރޭ ސޮއި ކުރާށެވެ. އަދި އެމެރިކާގެ ސަރުކާރުން ބަލަމުން ދަނީ އިޒްރޭލް ރުހި ހިތްހަމަޖެހޭ ގޮތަކަށް މި އެއްބަސްވުން ކުރިއަށް ގެންދާށެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުން ގާއިމް ކުރަން ނިންމާފައި ވަނީ އަންނަ ޑިސެންބަރު ދެވަނަ ދުވަހު ފާހަގަ ކުރާ ޔޫއޭއީ ގެ ގައުމީ ދުވަސް އައުމުގެ ކުރިއަށެވެ. އިޒްރޭލް އާއި އަވަށްޓެރި އެއްވެސް ގައުމަކަށް އެމެރިކާއިން ހަތިޔާރެއް ވިއްކާނަމަ އެ ހަތިޔާރެއް ވާން ޖެހޭނީ އެމެރިކާއިން އިޒްރޭލަށް ވިއްކާ ހަމަ އެ މޮޑެލްގެ ހަތިޔާރަށްވުރެ ފެންވަރު ދަށްކޮށް އުފައްދާ ހަތިޔާރަކަށް ހަދަން އެމެރިކާ އާއި އިޒްރޭލް ވަނީ މީގެ އެތައް އަހަރެއް ކުރިން އެއްބަސް ވެފަ އެވެ.

ޔުއޭއީ އަށް ވިއްކާ ޖެޓް ތަކަކީ އެ ޖެޓް ތަކުގެ ބައެއް ބަދަލުކޮށްލައި ތަންކޮޅެއް ފެންވަރު ދައްކޮށް ދޭ އުފެއްދުމެއްތޯ ނުވަތަ އޭގެ ބަދަލުހައި އިޒްރޭލަށް މިހާރަށްވުރެ ފެންވަރު ރަނގަޅު ރާޑަރު ސިސްޓަމް ތަކެއް ދިނުން ތޯ ނުވަތަ އެނޫން ވެސް އެހެން ގޮތަކަށް ގެންދާ ކަމެއްތޯ އަދި މުޅީން ސާފެއް ނުވެއެވެ.

އެމެރިކާގެ ދިފާއީ ބާރުތަކުގެ މައި އިދާރާ، ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެމެރިކާގެ ސިޔާސަތު ރޭވިފައި އޮންނަ ގޮތުން އެމެރިކާ ސަރުކާރުން އެ ގައުމާއި އެހެން ގައުމުތަކާ ދެމެދު ކުރާ ހަތިޔާރުގެ އެއްވެސް މުއާމަލާތަކާބެހޭ ގޮތުން ވާހަކަ ދައްކާނީ ކޮންގްރެސް އަށް އެ މައްސަލައެއް ހުށައެޅުމަށް ފަހު އެވެ.

ޔޫއޭއީ އަށް އެފް-35 ޖެޓް ވިއްކަން އެމެރިކާ އިން އެއްބަސްވިއަސް އެ ތަކެތި ލިބޭނީ އަދި އަހަރުތަކެއް ފަހުންނެވެ. އެންމެ ފަހުން އެފް -35 ގެ ޖެޓް ގަތް ޕޯލޭންޑަށް އެތަކެތި ލިބޭނީ ވެސް 2024 ވަނަ އަހަރު ގައެވެ. ޕޮލޭންޑުން ވަނީ އެ މަރުކައިގެ 32 ޖެޓް ގަނެފަ އެވެ. އިޒްރޭލް ގައި އެފް-35 ގެ 24 ޖެޓް އޮވެ އެވެ.