ދުނިޔެ

ސޫދާންގެ ލީޑަރުން ޔޫއޭއީގައި އެމެރިކާާއާއެކު މަޝްވަރާ ކުރަނީ

ސޫދާންގެ މަތީ ފެންވަރުގެ ވަފުދެއް ޔޫއޭއީ އަށް ހިނގައްޖެ އެވެ. މި ވަފުދުގެ ވެރިއަކަށް ހުންނެވީ ސޫދާންގެ ވެރިކަން ކުރާ ކައުންސިލްގެ ވެރިޔާ އަބުދުލް ފައްތާހު އަލް ބުރުހާނެވެ. އޭނާއަކީ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ވެރިކަމުން ދުރު ކުރުމަށް ފަހު މިހާރު ވެރިކަން ކުރާ ކައުންސިލްގެ ވެރިއާ އެވެ.

މިދަތުރު ފުޅުގައި މިވަފްދުން ޔޫއޭއީގެ ލީޑަރުންނާއި ބައްދަލު ކުރައްވައި ދެ ގައުމާ ގުޅުން އޮތް ސަރަހައްދީ މައްސަލަ ތަކާބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. އަދި މީގެ އިތުރަށް ސޫދާންގެ ޖަސްޓިސް މިނިސްޓަރު ނަސީރުއްދީން އަބުދުލް ބާރީ އަބޫދާބީގައި ތިއްބެވި އެމެރިކާގެ އޮފިޝަލުންނާއި ވެސް ބައްދަލު ކުރައްވާނެ އެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވޭނީ އެމެރިކާ އިން އެކުލަވާލައިފައިވާ ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމުތަކު ލިސްޓުން ސޫދާން ނެގުމާއި ސުދާނުގެ އިންތިގާލީ ސަރުކާރަށް އެމެރިކާ އެހީވުމުގެ އިތުރަށް ސޫދާނުން އެމެރިކާ އަށް ދަރާފައިވާ ދަރަނި މައާފު ކުރުމުގެ މައްޗަށެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސޫދާނާއި ޔޫއޭއީ އަދި އެމެރިކާގެ އޮފިޝަލުން އަބޫ ދާބީގައި ސޫދާނުގެ އޮފިޝަލުންނާ ބައްދަލު ކުރައްވައި ޔޫއޭއީ އާއި ބަހްރައިނުން ވި ފަދަ ސުލްހައިގެ އެއްބަސްވުމެއް ސޫދާނާއި އިޒްރޭލާ ދެމުދު ވުމަށް މަޝްވަރާ ކުރާނެ އެވެ. ނަން ހާމަ ނުކުރާ ބައެއް ފަރާތްތަކަކާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލާއި ސޫދާންގެ ސުލްހައިގެ އެއްބަސްވުމުގެ ބަދަލުގެ ގޮތުގައި އެމެރިކާ އިން ނެރޭ ޓެރަރިސްޓުންނަށް އެހީވާ ގައުމުތަކުގެ ލިސްޓުން ސޫދާނުގެ ނަން އުނިކޮށް ސޫދާނާ އެދޭ ގޮތަށް އިންސާނީ އެހީ އާއި ބަޖެޓް ސަޕޯޓަށް ތިން ބިލިއަން ޑޮލަރު ދޭނެ އެވެ.

މިދިޔަ އޯގަސްޓު މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ސޫދާނަށް ކުރެއްވި ދަތުރުފުޅެއްގައި ސޫދާނާއި އިޒްރޭލް ގުޅުން ގާއިމް ކުރުމާއި ބެހޭ ގޮތުން ސޫދާންގެ ބޮޑު ވަޒީރު އަބުދުﷲ ހަމްދޮކް އާއެކު މަޝްވަރާ ކުރެއްވި އެވެ. އޭގެ ޖަވާބުގައި ބޮޑުވަޒީރު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް އެފަދަ ކަމެއް ކުރުމުގެ ބާރާއި އިހްތިޔާރު ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރެވޭނީ އިންްތިގާލީ ސަރުކާރުގެ މުއްދަތު ނިމި 2022 ވަނަ އަހަރު ބާއްވާ ހަމަޖެހިފައިވާ އިންތިހާބަށް ފަހުގައި ކަމަށެވެ.