ދެ އަހަރުގެ މެދުކަނޑުމަކަށްފަހު މަޝްހޫރު ބަޖެޓް އެއާލައިން އެއާ އޭޝިއާ އިން މި މަހު ރާއްޖެ އަަށް ދަތުރުތައް ފަށާނެ ކަމަށް ބުނެފި އެވެ.
ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ މެލޭޝިއާ އަށް ނިސްބަތްވާ އެއާލައިނުން ބުނީ މި މަހުގެ 22 ވަނަ ދުވަހު އެއާ އޭޝިއާ އިން ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށާނެ އެވެ.
ތައިލެންޑުގެ ޑަންމުއާން އިންޓަނޭޝާނަލް އެއާޕޯޓުން ރާއްޖެ އަށް ފަށާ މި މި ދަތުރުތަކުގައި ހަފުތާއަކު ދެ ފްލައިޓް އޮންނާނެ އެވެ. މި ފްލައިޓްތައް އޮންނާނީ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.
މި ފްލައިޓްތައް ރާއްޖެ އަށް ފަށަން ތައްޔާރު ވަމުންދާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ރާއްޖެއަށް އަޅާފައިވާ ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ދޭން ބައްދަލުވުމެއް ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވަޑައިގެން މައުލޫމާތު ދީފައިވެ އެވެ.
އެއާ އޭޝިއާއަކީ މެދުފަންތީގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ގިނަ އަދަދެއްގެ މީހުން އަންނަ އެއާލައިން އެކެވެ. މި އެއާލައިން އަކީ ދިވެހިންގެ ގިނަ ބަޔަކު ވެސް ދަތުރު ކުރަން ބޭނުން ކުރާ އެއާލައިން އެކެވެ.