ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެރަށު ކެނެރީގެ އަލީ މުނީޒްގެ ބަލިހާލަތު ހުރިގޮތުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.
ސިއްހީ މައްސަލަތަކެއް ހުންނަ މުނީޒް، ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އެ މައްސަލައިގައި އިއްޔެ ބޭއްވި ބަންދު މުރާޖައާ އަޑުއެހުމެއްގަ އެވެ. އޭނާގެ ބަލިހާލަތު ހުރިގޮތުން މިދިޔަ މަހު ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ.
މުނީޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
އޭނާ ދޫކޮށްލާފައި ވަނީ ހަރުކަށި ޝަރުތުތަކަކާ އެކު މާލޭ ބަންދަށެވެ. އަދި ކޯޓަށް ބަރާބަރަށް ހާޒިރުވުމަށާއި، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 12:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ސޮއިކުރުމަށް ވަނީ ޝަތުރުކޮށްފަ އެވެ.
މި މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ލަފާކުރެވޭ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމަށާއި ސިއްހީ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.
މުނީޒްގެ ސިއްހީ ހާޅަތު ގޯސްވެގެން މީގެ ކުރިން އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އެފަހަރު އޭނާއަށް ފަރުވާ ދިނީ ފުލުހުން ޖަލުގައި އަނިޔާކޮށްގެން ކަމަށް އާއިލާއިން ތުހުމަތު ކުރި ނަމަވެސް އެކަން ފުލުހުން ދޮގުކުރި އެވެ.