ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ބޮޑު ބްލޫ ސަފާޔާ ސްރީލަންކާއިން ދައްކާލައިފި

ދުނިޔެއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ބްލޫ ސަފާޔާ "ކުއީން އޮފް އޭޝިއާ" ސްރީލަންކާއިން ވަނީ ފެނިފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އެ ގައުމުން ވަނީ 310 ކިލޯ ގްރާމްގެ މި ބޮޑު ޖަވާހިރު ދުނިޔެއަށް ދައްކާލާފަ އެވެ.

ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ބާވަތުގެ މި ޖަވާހިރު ފެނިފައިވަނީ ސްރީ ލަންކާގެ ރަތުނާޕޫރާ އިން މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

ރަތުނާޕޫރާ އަކީ "ޖެމް ސިޓީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ރަށެކެވެ. މި ރަށް އޮންނަނީ ސްރީ ލަންކާގެ ވެރިރަށް ކޮޅުނބާ 85 މޭލު ދުރުގަ އެވެ.

އެ ގައުމުގެ ނެޝަނަލް ޖެމް އެންޑް ޖުވެލަރީ އޮތޯރިޓީން ވަނީ މިއީ އަގުހުރި ޖަވާހިރެއް ކަމުގެ ސެޓްފިކެޓް ދީފަ އެވެ. އަދި ބައިނަލްއަގުވާމީ މާކެޓުގައި މި ޖަވާހިރު ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނެޝަނަލް ޖެމް އެންޑް ޖުވެލަރީ އޮތޯރިޓީގެ ޗެއާމަން ތިލަކް ވީރަސިންހަ ބުނެފައިވާ ގޮތުގައި ޖަވާހިރުގެ އިތުރު ޓެސްޓްތަކެއް ހަދަން ވަނީ ހަމަޖެހިފަ އެވެ.

ސްރީ ލަންކާގެ ޖެމް އެކްސްޕާޓް ޗަމީލާ ސުރަންގާ ބުނި ގޮތުގައި މި ޖަވާހިރުގެ އެންމެ ހާއްސަ އެއް ސިފައަކީ މި އުފެދިފައިވަނީ އެލުމިނިއަމް އޮކްސައިޑް، ޓައިޓޭނިއަމް، އަޔަން އަދި ނިކްލް އިން ކަމަށް ވުމެވެ.

ސުރަންގާ ބުނިގޮތުގައި ސްރީ ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށް ވެފައިވާ މި ދަނޑިވަޅުގައި މި ޖަވާހިރު ދުނިޔޭގެ މާކެޓުގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލަން ވަނީ ހަމަޖެހިފަ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ރަތުނާޕޫރާ އިން ގިނަ އަދަދެއްގެ ޖަވާހިރު ފެނިފައިވެ އެވެ. އެ ފަހަރު ފެނުނީ ބޮޑު ސަފާޔާ ކްލަސްޓާ އެކެވެ. އޭގެ ބަރުދަނުގައި 510 ކެރެޓްސް ހުއްޓެވެ. "ސެރެންޑިޕިޓީ ސަފާޔާ"ގެ ނަމުން މި ޖަވާހިރަށް ނަން ކިޔާފައި ވެއެވެ.