ދުނިޔެ

ލަންކާގައި 18 އަހަރުން މަތީ އެންމެނަށް މިލިޓަރީ ތަމްރީނު ދެނީ

އަވަށްޓެރި ސްރީ ލަންކާގައި 18 އަހަރުން މަތީ އެންމެނަށް މިލިޓަރީ ޓްރޭނިން ދިނުމާ ބެހޭ ގޮތުން ޕާލަމެންޓަށް ބިލެއް އެކުލަވައިލައްވާ ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، ރިއާ އެޑްމިރަލް ސަރަތު ވިރަސޭކަރާ ވިދާޅުއްޖެ އެވެ.

ސަރަތު ވިރަސޭކަރާ އަކީ މީހުން ބިނާ ކުރުމާއި ޝަހުސިއްޔަތު އުފެއްދުމަށް އިސްކަން ދެއްވާ ވަރުގަދަ އުސޫލުތައް އަށަގަންނުވަން ބާރުއަޅުއްވާ ބޭފުޅެކެވެ.

ލަންކާގެ ސިރާސާ ޓީވީ ޗެނަލަށް އިއްޔެ ހެނދުނު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ހަރުދަނާ ސަޚުސިއްޔަތަކަށް މިލިޓަރީ ޓްރޭނިން އަކީ ވަރަށް މުހިންމު ފިލާވަޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ވިސްނުންފުޅަކީ އުސޫލުތަކަށް އިހުތިރާމްކުރާ މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ.

އަދި ވިދާޅުވީ ގޮތް ހުރި ޖީލުތަކެއް އައިސްގެން ނޫނީ ގައުމު ބިނާވެގެން ނުދާނެ ކަމަށާއި އޭގެ ބަދަލުގައި ބައިބައިވެ ގައުމު ފާލުން ނައްޓާލުމުގެ އިތުރުން އަހަރުތަކެއް ފަހަތަށް ދިއުމުން ނޫން ކަމެއް ނުވާނެ ކަމަށާއި މިފަދަ ބަދަލެއް ގައުމަށް ގެނައުމަކީ ޖެހިލުންވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް ބިރުގަންނަ ވަރުގެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. "މީހާ މީހަކަށް ވުމަށް މިލިޓަރީ ޓްރޭނިންގެ ދައުރު ބަރަށް ބޮޑު. ނަފުސު ހަރުދަނާ ވުމަށް އަދި ގާބިލް މީހަކަށް ވުމަށް މިލިޓަރީ ޓްރޭނިން އެހީތެރި ވެދޭ" އެނާ ވިދާޅުވީ މީހާއަށް އަންނަ ބަދަލު އެނގޭނީ އެ ޓްރޭނިން ހެދުމުން ކަމަށާއި މުހިންމީ ޖެހިލުން ނުވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭނާގެ ވިސްނުންފުޅަކީ މިލިޓަރީ ޓްރޭނިން ހެދުން ޒުވާނުންނަށް މަޖުބޫރު ކުރުވުން ކަމަށެވެ. އެހެން ނަމަވެސް ޒުވާނުންގެ ގޮތުގައި ކަނޑައަޅުއްވާ އުރުމުރުފުރައަކީ ކޮބައިކަން މިނިސްޓަރު މިއަދުވެސް ވިދާޅެއް ނުވެ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިލިޓަރީ ތަމްރީނު މަޖުބޫރުކޮށްފައި ވެއެވެ. ކުރިން ރާއްޖޭގައި ވެސް ސްކޫލް ނިންމާ ދަރިވަރުން ސަރުކާރު ބޮންޑެއްގެ ގޮތުގައި ސިފައިންގެއަށް ވައްދަމުން އައެވެ. އޭގެ ސަބަބުން ރާއްޖޭގައި ވަރުގަދަ އަދި ހަރުދަނާ ޝަހުސިއްޔަތުން ހިމެނޭ ޖީލެއް އުފެދުނެވެ.