ބޮލީވުޑް

ޓީވީ ބަތަލާ އަންކިތާ ކައިވެނިކޮށްފި

ޒީ-ޓީވީގެ މަޝްހޫރު ސިލްސިލާ "ޕަވިތުރަ ރިޝްތާ"ގެ ބަތަލާ އަންކިތާ ލޯކަންޑޭ ކައިވެނި ކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އަންކިތާ ކައިވެނިކުރީ ވިކީ ޖެއިންއާ އެވެ. އަންކިތާ ކައިވެނިކޮށްފައި މިވަނީ ވިކީއާ ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ވިކީގެ ކުރިން އަންކިތާ ރައްޓެހިވީ މިދިޔަ އަހަރު މަރުވެފައިވާ ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުއާ އެވެ. އެ ދެ މީހުން ރައްޓެހިވެގެން ހަތް އަހަރެއްހާ ދުވަހު އުޅެފައިވެ އެވެ.

މި ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އަންކިތާ ވަރަށް އުފާވެފައި ހުއްޓާ ވަނީ ފެނިފަ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގެ ތެރޭގައި އޮންނަ ނެށުމާއި ލަވައިގެ ހަފްލާ -- ސަންގީތު އަށް ރިހާސަލް ކުރާނިކޮށް އަންކިތާގެ ފަޔަށް ގެއްލުމެއް ލިބި ބޭސް އަޅާފައި ހުރި ފޮޓޯތަކެއް ވެސް ބައެއް ނޫސްތަކުން ފެނިފައިވެ އެވެ. ނަމަވެސް ކައިވެނީގެ ރަސްމިއްޔާތުތަކުގައި އަންކިތާ އުޅުނުއިރު ފަޔަށް ގެއްލުމެއް ލިބިފައި ހުރި ހެނެއް ހިއެއް ނުވެ އެވެ.

އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ބޮލީވުޑް ތަރިންގެ ތެރެއިން ކަންގަނާ ރަނާވަތު ބައިވެރިވެފައިވެ އެވެ. ދެން ބައިވެރިވީ ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އަންކިތާގެ އެކުވެރިންނާއި އާއިލާގެ މީހުންނެވެ.