ބޮލީވުޑް

ކައިވެންޏަށް ކެޓުރީނާ އެއްބަސްވީ ޝަރުތެއްގެ މަތިން

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް މިހާރު ވަނީ ކައިވެނިކޮށްފަ އެވެ. ނަމަވެސް މި ކައިވެންޏަށް ކެޓުރީނާ އެއްބަސް ކުރުވަން ވިކީ އަށް ވަރަށް ވަގުތު ނެގި އެވެ. އަދި އޭނާ ހުށަހެޅި ޝަރުތު ވެސް ގަބޫލުކުރަން ޖެހުނެވެ.

ކެޓުރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެފައެއް ނުވެ އެވެ. ދެ މީހުން ކުއްލިއަކަށް އެއް ދުވަހު ބައްދަލުވީ ހަމަ އިއްތިފާގަކުންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އެކަކު އަނެކަކުގެ ކިބައިގައި ގަޔާވާ ސިފަތަކެއް ހުރިކަން އެމީހުންނަށް ފާހަގަ ކުރެވުނެވެ. އަދި ދާދި އަވަހަށް ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ.

ކެޓުރީނާއާ ލޯބީގެ ގޮތުން ގުޅުނުތާ ދެ މަހެއްހާ ދުވަސް ވީއިރު އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން ބޭނުމީ ކެޓުރީނާ ކަން ވިކީ އަށް މުޅިން ޔަގީންވި އެވެ.

އެހެންވެ ކެޓުރީނާ އަށް ޕްރޮޕޯސް ކުރި އެވެ. ނަމަވެސް ރަންބީރު ކަޕޫރާއެކު ހަތް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވަކިވާން ޖެހުމުން ކެޓުރީނާގެ ހިތުގައި ލާފައިވާ ޒަޚަމްތައް އޭރު ހުރީ ފަސޭހަ ނުވެ އެވެ. އެހެންވެ ވިކީ އަކީ ކައިވެނިކުރަން އެންމެ ރަނގަޅު މީހާ ކަމާ މެދު ކެޓުރީނާ އަށް އޭރު ޔަގީނެއް ނުވެ އެވެ.

ކެޓުރީނާގެ ގާތް އެކުވެރިއަކު އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި ފުރަތަމަ ބައްދަލުވުމާއެކު ވެސް ކެޓުރީނާ އަށް ވިކީއާ ގަޔާ ވެވުނެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް ދާން ވިސްނާލަން އޭނާ އަށް ވަގުތު ބޭނުންވި އެވެ. އެކަމަކު ވިކީ ހުރީ ކައިވެނިކުރަން ކެތް މަދުވެފަ އެވެ. އޭނާ އެކި ގޮތްގޮތުން ކެޓުރީނާ ކައިވެންޏަށް އެއްބަސް ކުރުވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

އެންމެ ފަހުން ކެޓުރީނާ އާނއެކޭ ބުނަންދެން ވިކީ ދުލެއް ނުދެ އެވެ. ވިކީއާ ކައިވެނި ކުރަން ކެޓުރީނާ އެންމެ ފަހުން އެއްބަސްވި އެވެ. ނަމަވެސް ޝަރުތަކާ އެކުގަ އެވެ. އެ ޝަރުތަކީ ކެޓުރީނާ ދެކެ ލޯބިވާ ވަރަށް އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކުދިން ދެކެ ވެސް ވިކީ ލޯބިވުމެވެ. އަދި ކެޓުރީނާ އަށް ކުރާ ގަދަރު އޭނާގެ އާއިލާއަށް ވެސް ކުރުމެވެ.

ކެޓުރީނާ އެދުނު ގޮތަށް ވިކީ ކަންތައް ކުރި އެވެ. ކެޓުރީނާގެ އާއިލާގެ އެންމެންނާ ވިކީ ގާތް ގުޅުމެއް ބޭއްވި އެވެ. އަދި މިކަމާ ކެޓުރީނާ ވަރަށް އުފާކުރި އެވެ. އަދި ވިކީއާ ކައިވެނިކުރަން ނިންމީ އެވެ.

ކެޓުރީނާގެ މަންމައަކީ ޔޫކޭ މީހެކެވެ. ބައްޕަ އަކީ އިންޑިއާގެ ކަޝްމީރުގެ މީހެކެވެ. އޭނާގެ އެއްބަނޑު އެއްބަފާ ހަތް ބޭން ތިބެ އެވެ. ހަ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ބައްޕައާ މަންމަ ވަކިވުމަށްފަހު މި ހުރިހާ ކުދިން ދިރިއުޅެމުން ދިޔައީ މަންމައާ އެކު އިނގިރޭސިވިލާތުގަ އެވެ. އަދި ކެޓުރީނާ ފިލްމު ކުޅެން ބޭނުންވާތީ އިންޑިޔާ އަށް ދިރިއުޅުން ބަދަލުކުރުމުން ވެސް އޭނާއާ އެކު އިންޑިޔާގައި ދިރިއުޅެމުން ދިޔައީ އެންމެ ކޮއްކޮ އެކެވެ. އެއީ އީސަބެލް އެވެ.

އެހެންކަމުން ކައިވެނީގެ ރަސްމިއްޔާތަށް އާއިލާގެ އެންމެން އިންޑިޔާއަށް އައުމުގެ ކުރިން ވިކީ އަށް އެ އާއިލާގެ މީހުންނާ ބައްދަލުވެފައެއް ނުވެ އެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމާ އެކުވެސް އެ އެންމެންނާ ވިކީ އަކީ ޒަމާނުއްސުރެ ދަންނަ ބަޔެއް ހެން ހީވާ މިންވަރަށް ގުޅުން ބަދަހި ވެގެން ދިޔަ އެވެ. އަދި އޭނާ އަށާއި އާއިލާއަށް ވިކީ އަށް ވުރެ ރަނގަޅު މީހަކު ނުވާނެކަން ކެޓުރީނާ އަށް ވެސް ގަބޫލު ކުރެވުނު ކަމަށް އޭނާގެ އެކުވެރިޔާ ބުނެފައި ވެއެވެ.