އެމްޓީސީސީ

ފައިނުގެ ގޮނޑުދޮށް ހިޔާމަތް ކުރުން ނިންމާލައިފި

ރ. ފައިނުގައި އެމްޓީސީސީން ކުރިއަަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެމްޓީސީީން ބުނީ ފައިނުގެ ގޮނޑުދޮށް ހިޔާމަތް ކުރުމުގެ މަސައްކަތް މި މަހު 12 ވަަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 8.9 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއު ގެ ދަށުން 8,100 ކިޔުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

އެ މަސައްކަތް ނިންމުމަށްފަހު، އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނި އެހެލާ ސަރަހައްދު ލެވެލްކުރުމާއި، ރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމާއި، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން އަށް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. އަދި މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަތް މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.