ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށް ވަރަށް ބޮޑަށް ގިރަމުންދާއިރު، އެ ރަށްރަށް ގިރަމުންދާ މައިގަނޑު ސަބަބަކީ ރަށްރަށުގެ ބަނދަރު ހަދާފައިވާ ގޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރަކު ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ވަޑައިގެންނެވުމުން، އިތުރުގެ ސުވާލުގެ ވަގުތުގައި ގިނަ މެންބަރުން ސުވާލު ކުރެއްވީ ރަށްރަށުގެ ބަނދަރުތައް މަރާމާތު ކުރަން ޖެހިފައި އޮތުމާއި ރަށްރަށް ގިރަމުންދާ މައްސަލައާ ގުޅިގެން ގޮނޑުދޮށް ހިމާޔަތް ކުރަން ކުރާ މަސައްކަތާ ގުޅޭ ގޮތުންނެވެ.
އޭގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބަނދަރުތައް ހަދާފައިވާ ގޮތުން، ރާއްޖޭގެ އުތުރުގެ ވަރަށް ގިނަ ރަށްރަށަށް ބަނދަރު މަރާމާތު އަލުން ކުރަން ޖެހޭ މައްސަލަ ދިމާވާ ކަމަށެވެ. ދެކުނުގެ ރަށްތަކާ ހިލާފަށް އުތުރުގެ ރަށްތަކަކީ ވަރަށް ބޮޑަށް ހުޅުވިފަިއވާ ރަށްތައް ކަމުން ރަށުގެ ދިފާއަކަށް އޮންނަނީ ހަމައެކަނި ރަށުގެ ފަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލަމް ދެން ވިދާޅުވީ، ބައެއް ރަށްރަށުގެ ބަނދަރު ހަނދާފައިވާ ގޮތުގެ ސަބަބުން އެ ރަށްރަށް ގެއްލިގެންދާ ވަރަށް ގިރަމުންދާ ކަމަށެވެ. ފަހަކަށް އައިސް އެ ގޮތަށް ބައެއް ރަށްރަށް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައި ވަނީ ބަނދަރުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އަސްލަމް މިސާލު ނެންގެވީ ފައިނުންނެވެ.
"ފައިނުގެ ރައްޔިތުންނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފައިނުގެ ގިރުމުގެ މައްސަލައިގައި އެންމެ ބޮޑު އަސްލަކީ ބަނދަރުކަން. އެހެންވީމާ އެ ބަނދަރާ އެކީގައި ރަށް ގެއްލިގެންދާ މިންވަރަށް އަޅުގަނޑުމެންނަށް މައްސަލަ ދިމާވެގެން ހިނގައްޖެ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ގިނަ ރަށްރަށުގެ ބަނދަރުތައް ޑިޒައިން ކޮށްފައި ވަނީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށެވެ. އަދި އެ ގޮތަށް ރަށްރަށުގެ ބަނދަރުތައް ޑިޒައިން ކޮށްފައި ވަނީ، އެ ރަށްރަށުގެ މީހުންގެ ޑިމާންޑްތައް މަތިވެ، އެއްވެސް ފަންނީ ލަފައަކާ ނުލައި އެ ގޮތަށް ބަނދަރު ޑިޒައިން ކުރަން ނިންމިގެނެވެ.
"އަޅުގަނޑު އެދެން އެއްވެސް ރައްޔިތަކު ވެސް އަޅުގަނޑު ގާތު ނުބުނަން ހަމަ ކުއްލިއަކަށް މި ރަށުގެ ބަނދަރު އަޅަން އެންމެ ރަނގަޅު ގޮތަކީ މިއީއޭ. އެއީ އިންޖީނިއަރަކަށް ވެސް އެ ގޮތަށް ހަމަ ކުއްލިއަކަށް ލަފާ ދެވޭނެ ކަމެއް ނޫން، ފަހަރެއްގައި އަޅުގަނޑު މި ބުނާ ވާހަކަ ނުވެދާނެ އެންމެ ޕޮޕިއުލާ ވިސްނުމަކަށް ވެސް، އެކަމަކު ރަނގަޅު ގޮތް އަޅުގަނޑު އަންގަން ވާނެ ކަމަށް ދެކެން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ފައިނުގައި ދިމާވި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގައި އޮތް ހުރިހާ ވަސީލަތެއް ބޭނުން ކުރަން ޖެހޭ ކަމަށެވެ. އެ ގޮތަށް ގިރުމުގެ މައްސަލަ ދިމާވާ ކޮންމެ ރަށެއްގައި އެއް ފަހަރާ މަސައްކަތް ކުރެވޭ ވަރަށް ސަރުކާރުގައި ފެންވަރެއް ނެތް ކަމަށެވެ.
އިތުރަށް ވިދާޅުވީ، ހަމަ ކުއްލި ގޮތަކަށް ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރެވޭނެ ގޮތަށް އާންމު އުސޫލުތައް ނެތް ކަމަށާއި ބަޔަކާ ހަވާލު ކުރެވެން އޮންނަނީ ބިޑަށް ހުޅުވާލައި ޓެންޑާ ވެސް ކޮށްގެން ކަމަށެވެ. އެ ނޫން ގޮތަކަށް ބިޑެއް ނެތި މީހަކަށް ހަވާލު ކޮށްފިނަމަ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ވެސް އަމާޒުވާނެ ކަމަށެވެ.
އެކަމަކު އެންވަޔަރަމެންޓް މިނިސްޓްރީން އެމަޖެންސީ އިއުލާންކޮށް، ސިންގަލް ސޯސް ކޮށްގެން މަސައްކަތް ހަވާލު ކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ޖާގަ ދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަންނަ އިލްޒާމުތަކަށް ނުބަލައި، އެ މަސައްކަތްތައް ހަވާލުކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާޏެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްރަށް ގޮސް ގެއްލި ނެތި ދަން ދެން ނުހުރެވޭނެ. ސިންގަލް ސޯސްކޮށް އެ ކަން ހަވާލު ކުރުމުގެ ފުރުސަތު އެބަ އޮތް. އަޅުވާ އިލްތިޒާމުތައް އަޔަސް އެ މަސައްކަތް ކުރެވޭ. އެ މަސައްކަތް ކުރާނެ ގާބިލް ފަރާތްތައް ރާއްޖޭގައި އެބަ ހުރި. އެފަދަ ބަޔަކާ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދާނަން،" އަސްލަމް ވިދާޅުވި އެވެ.