މުހައްމަދު މަބްރޫކް އަޒީޒް

މިސަރުކާރުން 11،000 ވަޒީފާ އުފައްދައިފި: މަބްރޫކް

Dec 15, 2021
5

ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ބޮޑެތި ދަތިތަކާ އެކު ވެސް މިސަރުކާރުގައި އެކަނި 11،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ ވަޒީފާ އުފެެއްދުނު މިންވަރު އެންމެ ރަނގަޅަށް ބަލައިލެވެން އޮތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑާޓާ ބޭސް އިން ކަމަށެވެ.

މިސަރުކާރުގައި އުފެއްދި ވަޒީފާތަކާ ގުޅޭގޮތުން މަބްރޫކް ވާހަކަ ދައްކަވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 104،000 ވަޒީފާ އުފެއްދި ކަމަށް އިދިކޮޅު ޕާޓީން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ އިދިކޮޅު ޕާޓީން ބުނާ އަދަދަށް ވަޒީފާ އުފައްދާފައިވާނަމަ މިހާތަނަށް ސަރުކާރުގައި ހުރި ތަފާސްހިސާބުތައް ވެސް ދިމާނުވާ ކަމަށެވެ. މުޅި ރާއްޖޭގައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި އޭރު ރާއްޖޭގައި މަސައްކަތު އާބާދީގެ ގޮތުގައި ފާހަގަކޮށްފައިވަނީ 250،000 އެއްހާ މީހުން ކަމަށްވެސް ވިދާޅުވި އެވެ. އެއީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އިދިކޮޅު ޕާޓީން ބުނާ އަދަދާ އެކު ޖުމްލަ 250،000 މީހުން އެއްވަގުތެއްގައި ވަޒީފާގައި ތިބޭނެ ކަމާ މެދު މަބްރޫކް ސުވާލުވެސް އުފެއްދެވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީފާ އުފެއްދި ކަމަށް ބުނާ އަދަދު ދޮގުކުރައްވަމުން މަބްރޫކް ވިދާޅުވީ އޭރު އުފެއްދިފައިވަނީ 22،000 ވަޒީފާ ކަމަށެވެ. އެއީ ދުނިޔޭގެ އިގްތިސާދު އެންމެ ރަނގަޅަށް އޮވެ އަދި ވެރިކަމުގެ ފަސް އަހަރު ކުރެވުނު މަސައްކަތުން އުފެއްދުނު އަދަދު ކަމަށްވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ރަނގަަޅަށް އިގްތިސާދު އޮތް ފަސް އަހަރު އެއީ. ޕްރައިވެޓް ވަޒީފާތަކާ ސަރުކާރު ވަޒީފާތަކާއެކު ހުރިހާ ވަޒީފާއެއް އެއްކޮށްލީމަ އަޅުގަނޑުމެންނަށް ލިބެންހުރި ޑޭޓައިން ދައްކަނީ 22،000 ވަޒީފާ ކަމަށް އުފެއްދިފައި ވަނީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ބޮޑެތި ދަތިތަކާ އެކު ވެސް މިސަރުކާރުން މިހާތަނަށް 11،160 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. ސަރުކާރުން ކުރިއަށް ގެންދާ ތަފާތު ޕްރޮޖެކްޓްތަކުގެ ތެރެއިންނާއި މަޝްރޫއުތައް ނިމުމުން ވެސް އިތުރު ވަޒީފާތައް އުފެއްދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި 900 އެއްހާ މީހުންނަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯން ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެސްޑީއެފްސީން ލޯން ނުލިބޭ އެއްވެސް އަތޮޅެއް ނެތް އިރު އެ ލޯނު ބޭނުންކޮށްގެން އެތައް ބަޔަކު ވިޔަފާރީގެ ތަފާތު ފުރުސަތުތައް ހޯދާފައިވާ ކަމަށެވެ. މީގެއިތުރުން ތައުލީމާއި ހުނަރު އިތުރު ކުރުމަށްވެސް މިސަރުކާރުން ތަފާތު ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށާއި އިގްތިސާދީ ދަތިތަކުގެ ތެރެއިން މިސަރުކާރުން ކޮށްފައިވާ މަސައްކަތް ކުރި އެއްވެސް ސަރުކާރެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާ ދާއިރާތައް ބަލައި އެ ދާއިރާތަކަށް ބޭނުންވާ މީހުން އުފެއްދުމަށް ވަކި އަމާޒުތަކެއް ކަނޑައަޅައިގެން
މަސައްކަތް ކުރުމަށްޓަކައި މާސްޓާ ޕްލޭނެއް ވެސް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ.