މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްޗަށް 35،365 ރުފިޔާގެ ދަރަންޏެއް ސާބިތުވެ، މަސް ދުވަސް ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ފައިސާއަކީ އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެއްގެ އަތުން ނަރީޝް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނެގުމަށްފަހު އެތަނަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާ އެކެވެ.
ދައުވާ ކޮށްފައި ވަނީ އެތަނުގެ ކުލިން ނުލިބި ހުރި ފައިސާ އާއި އަދި ކަރަންޓާއި ފެންބިލަށް ނުދައްކާ އޮތް 98،865 ރުފިޔާ ހޯދުމަށެވެ.
މި މައްސަލައިގެ ޑިސްޕުއިޓް ރިޒޮލިއުޝަން މަރުހަލާގައި ނަރީޝް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަދި ދައުވާ ކުރާ ފަރާތަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާއަށް ދޭން ޖެހޭނީ 35،365 ރުފިޔާ ކަމަށާއި އެ ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ނަރީޝް ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ނަރީޝް އާއި އެޕާޓްމަންޓް ކުއްޔަށް ދޫކުރި މީހާއާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ދައްކަން ޖެހޭ ފައިސާ ހުރިކަން އެނގެން އެބައޮތް ކަމަށެވެ. އެކަމަކު މައްސަލަ ކޯޓުގައި ހިނގަނިކޮށް ނަރީޝްގެ ފަރާތުން މި އަހަރުގެ އޭޕްރީލް މަހު އެޕާޓްމަންޓް ކުއްޔަށް ދިން މީހާގެ އެކައުންޓަށް 35،000ރ. ފޮނުވާފައިވާކަން އެނގެން އޮތް ކަމަށެވެ.
އަދި ޑިޕޮޒިޓް ފައިސާގެ ގޮތުގައި މީގެ ކުރިން ނަރީޝް ދައްކާފައިވާ 28،000 ރުފިޔާ ވެސް އެމީހާ އަތުގައި ހުރި ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އެ ހުރިހާ ފައިސާއެއް ކެނޑުމުން ބާކީ ދައްކަން ޖެހޭނީ 35،365 ރުފިޔާ އެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ ނަރީޝްގެ ފަރާތްޕުޅުން އެ ފައިސާ ދައްކާ ހަލާސްކުރަން ހަ މަހުގެ މުއްދަތެއް ދޭން އެދިފައިވީ ނަމަވެސް، އެ ފައިސާ އަކީ 2017 ވަނަ އަހަރުން ފެށިގެން އެޕާޓްމެންޓް ކުއްޔަށް ދޫކުރި މީހާ ހޯދަން އުޅޭ ފައިސާއެއް ކަމަށެވެ. އޭނާ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ބޭނުންވާތީ ގާޒީ ހާފިޒާ އަބްދުއްސައްތާރު ހުކުމް ކުރެއްވީ އެއް މަސް ދުވަސް ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރުމަށެވެ.