ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ހަރަކާތްތަކުގައި ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރާނަން: ރައީސް

Dec 15, 2021
2

ސަރުކާރުގެ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ވެގެންދާއިރު ޕްލޭންގެ މުހިންމު އެއް ބަޔަކީ ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ސަރުކާރުގެ ފަސ އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގައި ހުރި އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނެޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލައްވާފައިވާ ކަމަށެވެ.

އެ ލިސްޓުގައި ކުރަން ކަނޑައަޅާފައިވާ އެއް ކަމަކީ ދައުލަތް ހިންގުމުގެ އިސް ސަފުގައި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން -- ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

"މި ޕްލޭންގެ މުހިއްމު އެއް ބަޔަކީ ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެން ދިއުމުން އަންހެނުން އިގްތިސާދީ ގޮތުން މިހާރަށް ވުރެ މާބޮޑަށް ބާރުވެރިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޖިންސީ ތަފާތުކުރުން ނައްތާލައި، ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ މުހިއްމު ވައުދެއް ކަމުގައިވެސް ވިދާޅުވި އެވެ.

ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި ރާއްޖޭން ކުރިއެރުންތަކެއް ހޯދި ނަމަވެސް ސިޔާސީ އަދި އިގްތިސާދީ ދާއިރާގައި ޖިންސީ ތަފާތުކުރުންތައް އަދިވެސް އެބަހުރި ކަމަށެވެ. އެހެންވެ އެ ތަފާތުކުރުންތައް ކުޑަކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުހަލާގެ މޭޒު ދޮށަށް ގެނައުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި އެވޯޑްތައް ހާސިލްކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެ ޖަމިއްއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.