ވާހަކަ

ހިތް ރުއްސާނުތޯ

(14 ޑިސެމްބަރ 2021 އާ ގުޅޭ)

"ނޭނގޭތަ އަހަރެންގެ ދަރިއަކު ހުންނަކަމެއް." ޒެހެންގެ ވާހަކަ ހޫރައިން ހުއްޓުވާލިއެވެ.

"މީހެއްގެ އަނތްބެއްތަ؟." ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ޒެހެން ސުވާލުކުރިއެވެ.

* * * * *

އެނދުމަތިން ފުރޮޅިލާފައި ޒެހެން ތެދުވިއެވެ. ބޮލުގައި އިސްތަށިގަނޑާއެކު ކަނާއަތްތިލަ ހިންގާލިއެވެ. ދެން ގެނެސް ހަމަ އެ އަތުން ތުނބުޅީގައި ފިރުމާލައިފިއެވެ. ޔުނިވަރސިޓީގައި ހުރެފައި އޭނާ ނުކުތީ އަސަރު ނަމާދަށް ގޮވާ އަޑު އިވިގެންނެވެ. މިސްކިތަށް ގޮސްފައި ގެއަށް އައި ގޮތަށް އޭނާ އޮތީ ކޮޓަރީގައެވެ. ގަޑިންވީއިރެއް ބަލާލުމަށް އެނދުމަތިން ފޯނު ހޯދާލިއެވެ. ހައެއް ޖަހަން ދިހަމިނެޓަށް ވަނީއެވެ. ކޮޅަށް ތެދުވި ގޮތަށް ލައިގެން ހުރި "ޖޮގިން ޕޭންޓްސް"ގެ ވާކޮޅަށް ދަމާލައި އުނަގަނޑަށް ހެޔޮވަރު ކޮށްލާފައި ޒެހެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމު ތެރެއިން އައިސް ބެލްކަންޏަށް ނުކުތެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ދުރު ބަލަން ފެށިއެވެ. ހަށިފުރާ ނޭވާއެއް ޒެހެން ލިއެވެ. ހޫރައިންގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަރުބަލިވެއްޖެއެވެ.

"ޖަވާބެއް ނުދިނަސް އެނގިއްޖެ. ތި ދެ ލޮލުން ވެސް ފެނުނު. ކީއްވެތަ އަހަންނަށް ފުރަގަސްދެނީ. ކޮންކަމާ ތިހާ ޖެހިލުންވާންވީ. ފިރިހެނަކު ހިތްކިޔައިގެން އެކަން ހާމަކުރުން އެއީ ފާފައަކީތަ؟. އަހަރެން ކިހިނެއް ހޫރައިނަށް ޔަގީންކަންދޭނީ. ތިކުއްޖާއަކީ ކައިވެނިކުރާ ފަދަ ސިފަތަކެއް ހުރި ކުއްޖެކަން ބުނެދޭން ކިހިނެއް ހަދަންވީ." ޒެހެންގެ ހިތް ވާހަކަދެއްކިއެވެ. ކައިރީގަ ހޫރައިން ހުރި ފަދައިންނެވެ.

"ތީ މީހެއްގެ އަނތްބެއްނަމަ އެންމެ ފުރަތަމަ ބަހަނާއަކަށް ދެއްކީހީ އެ ސަބަބު. ދަރިފުޅު އަންނާނީ އޭގެ ފަހުގާ. އަހަރެން ކުރި ސުވާލަށް ޖަވާބުނުދެވިފަ ހުރީ އެހެންވެ. ތީ މީހެއްގެ ހައްގެއްނޫން... ދަރިއަކު އެބަހުރި... އެކަމަކު މީހެއްގެ ހައްގެއްނޫން." ޒެހެންއަށް ފަހު ބަސްތައް ހިތުގައި ތަކުރާރުކޮށްލެވުނެވެ.

ހިމޭންކަމުގައި ހުރި ހޫރައިން ހަލުވި ފިޔަވަޅުގައި ޒެހެންގެ ކުރިމަތިން ދިޔަ މަންޒަރު ލޯ ކުރިމަތިން ފިލައިގެން ނުދެއެވެ. ހޫރައިން އެހާ ފަސްޖެހެނީ ކީއްވެކަމެއް ޒެހެން ވިސްނާވިސްނާ ވެސް ދެނެގަންނާކަށް ނޭނގުނެވެ. އެހާ ބަސްމަދު އަންހެންކުއްޖެއްގެ ފުށުން ކަމެއް އޮޅުން ފިލުވާނެ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ޒެހެން އިސްވެ ވާހަކައެއް ފެށި ނަމަވެސް ހޫރައިން އެއްޗެކޭ ބުނަނީ އޭނާ ހިތައް އެރިއްޔާއެވެ. އެންމެ އަންހެންކުއްޖެއްގެ ސަމާލުކަން ލިބޭތޯ އަމިއްލަ އުސޫލުތަކާ ޚިލާފުވާން ޖެހިދާނޭ ޒެހެން ހިޔެއްނުކުރެއެވެ. ހޫރައިންއާ ގަޔާވެވެނީކަން އެނގެން ފެށުމާއެކު ޒެހެން އެ އިހްސާސްތަކާމެދު ނުހަނު ބޮޑަށް ވިސްނިއެވެ. ހޫރައިންގެ ޠަބީޢަތާއި އޭނާގެ ގޮތް ޒެހެން ދެނެގަންނަން މަސައްކަތްކޮށްފައިވަނީ އަޅާފައި ހުންނަ ހެދުމުގެ ދާއިރާގެ ތެރެއިންނެވެ. އެ އަންހެންކުއްޖާއަކީ ކޮންކަހަލަ އަންހެންކުއްޖެއްކަން ޒެހެން ލަފާކުރީ އެފަދައިންނެވެ. ހޫރައިންގެ ބަސްމަދުކަމާއި އެ އަންހެންކުއްޖާގެ ހުންނަ އަބުއި ގޮތަކީ ވެސް އަޅާފައި ހުންނަ ހެދުމާ ގުޅިފައިވާ އާދަތަކެއް ކަމުގައި ޒެހެން ގަބޫލުކުރެއެވެ. ފަހަރެއްގައި ހޫރައިން އަޅާ ހެދުމާއި ގުޅުމެއްނެތް އެހެން ކަމެއް ފޮރުވިފައި އޮވެދާނޭ ޒެހެންގެ ހިތައް އެއްފަހަރު ވެސް ނާރައެވެ.

ފިކުރުތަކުން ސިކުނޑީގެ ހާސްކަން އިތުރުވީވަރަކަށް ޒެހެންއަށް ރަނގަޅު ގޮތް ނިންމަން ދަތިވިއެވެ. ހޫރައިންގެ ނުގަބޫލުގައި އެ ހިތް ފަތަހަ ނުކުރެވޭނެކަން ޒެހެންއަށް އެނގެއެވެ. ވީއިރު އޭނާ އެކަން ނުވާނޭ ނިންމާ ހިތްވަރު އެލުވާލަންވީ ހެއްޔެވެ. ނޫނީ އުންމީދާއެކު އެ ހިތް ލިބޭތޯ އަދިވެސް މަސައްކަތް ކުރަންވީ ހެއްޔެވެ. ހަރުވާޅުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އިސްކުރީނުން ފެންނަން އޮތީ ރާއްޖޭން ބޭރުގަ ނަންބަރެކެވެ. ފޯނުކޯލު ނެގި ގޮތަށް ކަންފަތާއި ޒެހެން ފޯނު ކައިރިކޮށްލައިފިއެވެ.

"މޯނިންގ ވީ ދޯ." ޒެހެން ބުނެލިއެވެ. އެއާއެކު ފިރިހެންވަންތަ ބަރު އަޑެއްގެ ހުނުން އިވިލިއެވެ.

"ސެކްސީ ޓީޗަރ..." ފޯނުގެ އަނެއްކޮޅުން ގުޅައިގެން ހުރި ޒުވާނާ ބުނެލިއެވެ. މިފަހަރު ހީނލީ ޒެހެންނެވެ.

"މާ ބުރައީތަ؟. ހަފްތާއަކު އެއްފަހަރު އެހެންޏާ ގުޅާލާނެ... އަންކަލްއަށް ވެސް ޚަބަރެއްނުވާކަމަށް ވަނީ."

"އަދިވެސް މާލެ އަންނަ ހިޔާލެއް ނުކުރަންތަ؟. ކޭޑީ ހުރިނަމަ އަހަންނަށް ބިޓެއް ސެޓުކުރަން އުނދަގުލެއްނުވާނެ" ޒެހެން ބުނެލިއެވެ.

"އަންހެނެއްގެ ކަންތައް ލައިގަތީތަ؟ އެހެންވެތަ ޚަބަރެއް ނުވަނީ... ސެޓު ނުވެގެންތަ ތިއުޅެނީ." އެ ޒުވާނާގެ އަޑުގައި ސީރިއަސްކަމެއް ނެތެވެ.

"ކޭޑީހާ އަހަރެން ކާމިޔާބެއްނޫނޭ. ކޭޑީމެން އަންހެންކުއްޖަކަށް ބަލާލާއިރަށް ވެސް ސެޓުވޭ. އަހަރެން ފަހަތުން ދުވާއިރު ވެސް މިއުޅެނީ މިކަން ނުވެގެން." ޒެހެންގެ ވާހަކަ އަހާފައި އެ ޒުވާނާ ނިކަން ބާރަށް ހޭންފެށިއެވެ.

"އަދިވެސް ނުބުނަމެންނު. ކޮންއިރަކުން މާލެ އަންނަނީ؟. ހަންނާންބެ ގަބޫލުނޫނީތަ؟" ޒެހެން އަހާލިއެވެ.

"އަދި ނުވޭ. އަހަރެން މާލެ ދާއިރާއަށް ބައްޕަ ކައިވެނީގެ ވާހަކަ ދައްކާނެ. އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫން. މި ޒަމާނުގަ ކާކުތަ އާއިލާއިން ދައްކާ މީހަކާ އިންނާނީ. ބައްޕަ ހީވަނީ ކޮންޓްރޯލް ފްރީކެއްހެން. އަހަރެންގެ ލައިފްގެ ހުރިހާކަމެއް ކޮންޓްރޯލް ކުރަން... އޭތް! ތި ގޭ ކޮންޕެނީއާ މާޖްވާ ވާހަކައެއް ބައްޕަ ދެއްކި. އެކަމާ އަހަރެން ހަވާލުވާން ބައްޕަ ބޭނުންވޭ. ޒެން ކޮމްޕެނީއާ ޖޮއިންވާ ހިޔާލުނުކުރާއިރު އަހަރެންގެ ޝައުގެއްނެތް... ފަހަރެއްގަ ޒެން ހުރިނަމަ އަހަރެން އެކަމުގައި ބައްޕައާ ބައިވެރިވާނަން."

"އަހަރެން އެކަމުގެ ތެރެއަށް އަދި ވަންނަން ބޭނުންނޫނީ. މަންމަ ވެސް ބާރެއް ނާޅާ... މިހާ ދުވަހު ވެސް ދޮންބެ އެންނު އެ ބަލަހައްޓަނީ ބިޒްނަސް. އަހަރެން ވަޒީފާގައެއްނު މިހުރީ."

"ތީ ކަމުދާ ވަޒީފާއެއްނޫން. ކިޔަވައިގެން ގޮސް ޓީޗަރަކަށް ނޫނީ ނޭނގުނުތަވާން."

ޒެހެންގެ އެ ފޯނުކޯލު ދިގުވިއެވެ. އަހަރުތަކެއް އެކުގައި އުޅޭން ޖެހުމުން ދެމެދުގައި އޮތީ އެންމެ ގާތް ރަޙުމަތްތެރިޔާއޭ ބުނާހާ ވަރުގަދަ ގާތް ގުޅުމެކެވެ. އެކަމަކު މިޒާޖުގެ ގޮތުން ދެ ޒުވާނުންނަކީ ވަރަށް ހިޔާލު ތަފާތު ދެ މީހުންނެވެ. އުމުރެގެ ގޮތުން ބެލިނަމަވެސް ޒެހެންއަށްވުރެ އެ ޒުވާނާ ދޮށްޓެވެ.

ފޯނުކޯލު ނިމުންއިރު ޒެހެންގެ މޫނުގައިވީ ހިނިތުންވުމެކެވެ. އިހު ހުރި ހާސްކަމުގެ އަސަރެއް ނެތެވެ. ހުރިހާ ކަމެއް އެކުވެރިޔާއާ ހިއްސާ ނުކުރި ނަމަވެސް ދެމެދުގައި ދެކެވުނު އެކި ވާހަކަތަކުން ޒެހެން ހުރީ ހިތްހަމަޖެހިފައެވެ. އަނދިރިވަމުން އައި އުދަރެހަށް ޒެހެން ބަލާލިއެވެ. އެތެރެއަށް ވަންނަމުން ބެލްކަނީގެ ބޮކި ދިއްލާލިއެވެ. ދަމާދޮރު ލައްޕާ ތަޅުލާފައި ޒެހެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ހާސްކަން ކުޑަވީ ނަމަވެސް ހޫރައިންގެ ހިޔާލުތައް އޭނާއާ ދުރަކަށް ނުދެއެވެ. ފަރުވާކުޑަވެފައިވާ ވާޖިބުތައް އަދާކުރުމަށް ޒެހެންގެ ހިތްވަރަކަށް ހޫރައިންގެ ހިޔާލުތައް ވިއެވެ. އޭނާ ކޮޓަރިއަށް ވަދެ ވުޟޫކޮށްލައިގެން ނުކުތީ މިސްކިތައް ދާށެވެ. މަޣްރިބު ނަމާދަށެވެ. ކުރީންނަމަ އޭނާއަށް ޖަމާއަތުގައި ފުރިހަމައަށް ބައިވެރިވެވޭ ހަމައެކަނި ނަމާދަކީ ހުކުރު ނަމާދެއެވެ. އެ ދުވަހު ޚުތުބާގެ އަޑު އަހަންށާއެކީ ކުރީބައިގަ މިސްކިތަށް ގޮސް އިންނާނެއެވެ. ވޭތުވެ ދިޔަ ދެތިން ދުވަހު އޭނާގެ އެ އާދައަށް ބަދަލު އަތުވެއްޖެއެވެ. ކުލާހެއްގައި ގަޑި ނަގައިދޭން ހުންނަ ވަގުތެއްގައި ނޫނީ އޭނާ ނަމާދު ދޫކޮށްނުލައެވެ. ސިކުނޑިއާއި ހިތުގައި އެންމެ ފުރަތަމަ އިސްކަމެއް ނަމާދަށްދޭން ފަރުވާތެރިވާން ފަށައިފިއެވެ.

"މީ ކިހިނެއްވެފަ އޮތް މީހެއް؟" ފަރުވާދޭ ކޮޓަރިއަށް ތަހާނީ ވަން ވަގުތު އެ ތަނުން އެނދެއްގައި ޒެހެން އޮއްވާ ފެނިކަން އަހާލީ މޭޒު ދޮށުގައި އިން ޝާފީގެ ކައިރީއެވެ. އޭނާ ކައިރިއަށް ޒާތެއްގެ ހިންޏެކެވެ.

"އޭނާ ހަމައެއްނޫން." ޝާފީ ބުނެލިއެވެ.

"އެޔޯ..." ޝާފީ ސަމާސާކުރަނީކަން އެނގިހުރެ ވެސް ތަހާނީގެ މޫނުން ފާޅުކޮށްލީ ހައިރާންކަމެވެ.

"ރަހީމް ނެތްކަން ނަސީބެއް. އޭނާ އިންނަމަ މީނާގެ މޮޔަކަމަށް ފާޑުކީސް."

"ރަހީމަކަށް ނުވިސްނޭނެ. އެކަކަށްވެސް ނުވިސްނޭނެ... އަހަރެންގެ ލޮލުން ބަލައިފިނަމަ މި ހިތަށް މިވާގޮތް ކަލޭމެންނަށް އިހްސާސްކުރެވި އެނގިދާނެ. އެކަމަކު އެއީ ކިހިނެއްވާނެކަމެއް. ދެމީހަކަށް އެއްކަމެއް އެއްގޮތަކަށް ނުފެނޭ. ވީއިރު އަހަރެންގެ ލޮލުން ދުށްނަމަވެސް ކަލޭމެންނަށް އަހަރެންގެ އިހްސާސްތަކެއް ނޭނގޭނެ. ބޭކާރުކަމެއް." މޭމަތީ ދެއަތުގެ އިނގިލިތައް ގުޅުވާލައިވާ ދެއަތް ބާއްވާލައިގެން މަތިން ފެންނަ ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެން އޮވެ ޒެހެން ވާހަކަދެއްކިއެވެ. ޝާފީގެ ހުނުމުގެ އަޑު އަނެއްކާ ވެސް އިވިގެން ދިޔައެވެ.

"ހޫރްއާ ހެދި ޒެން ހަމަ ސީރިއަސްތަ؟." ގޮނޑީގަ އިށީނދެ ޒެހެންއާ ދިމާއަށް ގޮނޑި އަނބުރާލާފައި ތަހާނީ ސުވާލުކުރިއެވެ. އޭނާއަށް އެ ދެ ފިރިހެނުންގެ ވާހަކަ ފަހުމްވާގޮތްވީއެވެ. ހާއްސަކޮށް ޒެހެންގެ ވާހަކަ ހުރި ގޮތުންނެވެ. ހޫރައިންއާ މެދު ޒެހެން ޝައުގުވެރިވާކަމީ ތަހާނީއަށް ވެސް އެނގިފައި އޮތް ކަމެކެވެ.

"އާން... އެކަމަކު އޭނާ އަހަރެން ފުރޭތައަކަށް ހަދައިފި." ޒެހެންގެ ވާހަކައާއެކު އިހުނަށްވުރެ ޝާފީގެ ހުނުން ބާރުވިއެވެ.

"މޮޔަވެގެން ފަހަތުން ދުވަންޏާ ވާނީ ތިހެން." ޝާފީ ބުންޏެވެ.

"ޒެން... ހޫރައިންގެ ރަނގަޅު ރީޒަންއެއް އޮތީކަމަށް ވެދާނެ." ތަހާނީގެ ހިޔާލު ފާޅުކޮށްލިއެވެ. އެއާއެކު ޒެހެން އަރިއަކަށް ޖެހުނެވެ. ތަހާނީއާ ނަޒަރު ސީދާކޮށްލިއެވެ.

"ބުނީމަ ދޯ އަހަންނަށް އެނގޭނީ. އަހަރެން މިހުރީ އަޑުއަހަން. އެކަން އެނގޭނެ. ގަބޫލުކުރެވޭ ކަމެއްނަމަ އަހަރެން ދެކޮޅެއް ނުހަދާނަން." ޒެހެންއަށް ބުނެވުނެވެ.

"ތިހާ ޑެސްޕަރޭޓްވާކަށްނުވޭ. އޭނާއަށް މީހުންނަށް އިތުބާރުކުރަން ފަސޭހަނޫނީ ކަމަށްވެދާނެ. ދިރިއުޅުމުގައި ކަމެއްދިމާފައި ހުރިއްޔޭ އަހަރެންގެ ހިތްބުނޭ. މީހާ ހުންނަ ގޮތަކުން އޭނާ ތަހައްމަލުކުރާ ކަންކަމެއް ނޭނގޭނެ. ޒެންއާ ފުރަތަމަ ބައްދަލުވި ދުވަހު އޭނާއަށް ޕެނިކް އެޓޭކެއް ޖެހުނުކަން ހަނދާންނެތުނީތަ؟. މީހަކު ފެނިގެން ނޯމަލް އިންސާނަކަށް އެވަރުވާނެތަ؟. ތިންކް އަބައުޓް އިޓް. އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟.... އަވަސްއަރުވާލާފައި އުޅޭނަމަ އޭނާ ޒެންގެ މަގްސަދާމެދު ސުވާލު އުފެދޭނެ. އަހަންނަށް ފެންނަނީ އޭނާއަށް ޓައިމް ދޭން. ޒެން އެކްސެޕްޓްކުރަން... އިތުބާރު ކުރެވެންފެށީމަ ޒެންގެ ފީލިންގްސްއާމެދު އޭނާ ވިސްނާނެ. އޭރުން އޭނާ ޒެންއަށް ސާފުކޮށް ޖަވާބެއް ދީފާނެ... އެކަމަކު ޖަވާބު އަންނާނީ ކިހިނެއްކަމެއް ބުނަން ދަތި. އަހަންނަކަށް ވެސް ފިއުޗާ ޕްރިޑިކްޓެއް ނުކުރެވޭ. އެހެންވީމަ އޭނާ ޒެން ގަބޫލުކުރާނެކަމެއް ހަގީގަތުގަ ނޭނގޭ ބުނާކަށް."

"އޭނާގެ އެކްސްއާ އަހަރެން ވައްތަރީ ކަންނޭނގެ." ތަހާނީގެ ވާހަކައާ މެދު ވިސްނަން އިރުކޮޅަކު އޮވެފައި ޒެހެން ބުންޏެވެ. ދެން ތެދުވެ އެނދުގައި އިށީނެވެ.

"ހޫރް ބުނި އޭނާއާ ބެހޭ ގޮތުން އަހަންނަށް އެއްވެސް އެއްޗެއް ނޭނގެއޭ. އަހަރެން އެނގެން ބޭނުމޭ ބުނީމަ ދެން ނުބުނި އެއްވެސް އެއްޗެއް. ހޫރް ނޫނީ ކާކު ހުރީ ހޫރްއާ ބެހޭ ގޮތުން ކިޔައިދޭން." ވިސްނަން އިނދެ މަޑުމަޑުން ޒެހެންއަށް ބުނެލެވުނެވެ.

"ހަސީނާ... އެއީ ހޫރްގެ ވަރަށް ގާތް މީހެއް. ޒެންގެ ތި މިޝަންއަށް ހޫރްގެ ކައިރީގަ އުޅޭ މީހުންނާ ގުޅުން އުފެއްދުން މުހިންމު. އޯލް ދި ބެސްޓް... އައި ރޫޓް ފޯ ޔޫ." ތަހާނީ ވަގުތުން ބުންޏެވެ.

"ތާނީ... ޔޫ އާ އަ ސްވީޓްހާޓް." ޒެހެން ބުނެލިއެވެ.

"ދެން ނުވީމަ އެހެންކަމަކާ އުޅޭންވެއްޖެއެއްނު. އެހެންނޫނަސް ޒެންއަކާ ނުވެސް ގުޅޭ. އަހަރެން އަޑުއެހިން މާދަމާ މިކޮޅަށް ހާއްސަ ކުއްޖަކު އަންނަން އުޅޭ ވާހަކައެއް. ތި މޮޔަކަން ހުއްޓާލާފައި އެކަމާ އުޅޭން މަށަށް ފެނޭ." ޝާފީ ބުނެލިއެވެ. ނަމަވެސް ޒެހެންގެ މޫނުން ކުޑަ ވެސް ޝައުގުވެރިކަމެއް ފާޅެއް ނުވިއެވެ.

"ޝީ އިޒް އަ ފްރެންޑް." ޒެހެން ބުންޏެވެ.

"އޯ... އެހެންވީމަ އަޑު އަހާފަ ދޯ އޮތީ." މާނަވީ ގޮތަކަށް ޝާފީ ބުނެލިއެވެ.

"ކާކު އަންނަނީ؟." ވާނުވާ ނޭނގިފަ އިން ތަހާނީ ސުވާލުކުރިއެވެ.

"ރަހުމާ. އިންގްލިޝް ޑިޕާޓްމެންޓަށް." ޝާފީ އެއްވަރަކަށް ހިނިއައިސްފަ އިނދެ ބުނެލިއެވެ.

އަތުކުރީ އޮތް ގަޑިއަށް ޒެހެން ބަލާލިއެވެ. ދާންވެއްޖެކަމުގައި ޒެހެން ބުނެލިއެވެ. އެނދުން ފުންމާލުމާއެކު އޭނާ އެ ތަނުން ނުކުންނަން ހިނގައިގަތެވެ. ތަހާނީ އިނީ އިތުރަށް އޮޅުން ފިލުވާ ހިތުންނެވެ. ޝާފީ ވަގުތުން ދަނީތޯ އަހާލިއެވެ. ދެ އެކުވެރީން ކައިރީ ދާން ޖެހިއްޖެއޭ ކިޔާލާފައި ޒެހެން ނުކުތީއެވެ. ޝާފީގެ ތުންފަތް އިހުނަށްވުރެ ބޮޑަށް ދެމިލިއެވެ. ރަހުމާގެ ނަންގަތުމާއެކު ޒެހެން އެތަނުގައި އިންނަން ބޭނުންނުވީކަން އޭނާއަށް އެނގެއެވެ.

* * * * *

ކޮމްޕިއުޓާ އިސްކުރީނަށް ހަމްދޫނުގެ ނަޒަރު ހުއްޓިފައި ވިއެވެ. ސާވާގައި ހުރި ކުށްވެރީންގެ ފޮޓޯތަކެއް ހުޅުވައިގެން އޭނާ ބަލަނީއެވެ. އޭރު ކުރިމަތީ އޮތް ކީބޯޑު ނިވާވެފައި އޮތީ ހުޅުވާފައި އޮތް ކަރުދާސް ފައިލުންނެވެ. އޭގައި ހުރި ރިޕޯޓުތައް ވެސް އޭނާ ބަލަމުންދިޔައެވެ. އިހަށްދުވަހު ހިނގާފައި އޮތް ބޮޑު ފޭރުމާ ގުޅިގެން އެއްކުރެވިފައި ހުރި މައުލޫމާތުތަކެވެ. އަމިއްލައަށް ނޯޓު ތައްޔާރުކުރަމުން އޭނާ ދިޔައެވެ. ފައިލް ލައްޕާލީ އޭނާގެ މަސައްކަތް ނިމުނު ފަދައަކުންނެވެ. އެގްޒެކެޓިވް ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލުމާއެކު ފުންނޭވާއެއް ހަމްދޫނު ލިއެވެ. ކަމަކާ ވިސްނަން އިނދެފައި އޭނާ ކުއްލިއަކަށް ހަށިގަނޑު ސީދާކޮށްލިއެވެ. ސާވާގައި ފައިލްކުރެވިފައި ހުރިތަނުން އޭނާ ހުޅުވީ ތަންކޮޅެއް ކުރީގެ ފައިލެކެވެ. އެއިން މާބޮޑު ތަފްސީލުތަކެއް ނެތެވެ. މޭޒުމަތީ ހުރި އިންޓަކަމްއިން ކުއްޖަކަށް ގުޅާލުމާއެކު އޭނާގެ ކެބިންއަށް އައިސް ދިނުމަށް ބުންޏެވެ. އެކުއްޖާ އަންނަންވާއިރަށް މޭޒުމަތީ ހުރި ނޯޓްޕެޑުން ކަރުދާސްކޮޅެއް ނަގައި އަހަރާއި ފައިލް ނަންބަރު ހަމްދޫނު ލިޔެލިއެވެ.

"ޔެސް ސަރ..." ކެބިންއަށް ވަން އަހުމަދު ބުނެލިއެވެ.

"ދޭއްޖަހާއިރު އޮތް މީޓިންއަށް ބޭނުންވާ ޑްރާފްޓް މިގަޑީގަ ގެނެސްދީ. ފޮޓޯތަކާއެކީގަ އިނގޭ... މިޓީން ނިންމާފަ އަންނަންވާއިރަށް މީގަ މިއޮތް ފައިލް ހޯދާލަ ބާއްވާތި." ހަމްދޫނު ލިޔުނު ކަރުދާސްކޮޅު އަހުމަދު އަތަށް ދިއްކޮށްލިއެވެ.

"އޯކޭ ސާރ." ބޯޖަހާލަމުން އަހުމަދު ބުނެލިއެވެ. އޭނާ ނުކުމެ ދޮރު ލައްޕާލަންދެން ހަމްދޫނު ބަލަން އިނެވެ.

"ހޫރައިން..." މަޑުމަޑުން ހަމްދޫނު އެ ނަން ކިޔާލިއެވެ.

* * * * *

ރިއްސަމުންދިޔަ ބޮލުގެ ސަބަބުން ހޫރައިން ނިތްކުރީގަ ފިރުމާލިއެވެ. ޒެހެންގެ ހިޔާލުތައް އޭނާއަށް އުނދަގޫކުރަނީއެވެ. އޭނާ ކުރި ސުވާލަށް ދޭނޭ ޖަވާބެއް ނެތުމުން ފޫހިކަމާއެކުވެފައިވި ރުޅިއެއް ނަފްސަށް ވެރިވެފައި ވެއެވެ. ތިންފަތް ފިއްތާ ހޫރައިން ބާރުކޮށްލިއެވެ. އެ އަނގައިން އޭނާއަކީ މީހެއްގެ އަނތްބެކޭ ބުނެލަން ހޫރައިން ބޭނުންވިއެވެ. އެހެންބުނަން އޭނާގެ ތުންފަތް ހަރަކާތް ވެސް ކުރިއެވެ. އޭރު ހޫރައިންގެ ގަސްދަކަށްވީ ޒެހެން އޭނާއަށް ބަލާގޮތް ބަދަލުވާށެވެ. މީހެއްގެ އަނތްބަކާމެދު ހިތުގައި އިހްސާސްތަކެއް ދިރުވާނޭ ފަދަ ޒުވާނެއްހެން ޒެހެން ހީނުވާތީއެވެ. އެހެންވިޔަސް ހޫރައިންއަށް ދޮގެއް ހަދަން ނުކެރުނީއެވެ. ބޮޑު އޮޅުވާލުމަކަށް ފުރުސަތުދޭން ބިރުގަތީއެވެ. ހިމޭންކަމަށްވުރެ ފުރިހަމަ ޖަވާބެއް އެވަގުތު އޭނާއަށް ނުވިސްނުނީއެވެ. ޒެހެންގެ ކުރިމަތީން ދިޔައީ އޭނާއާ ވާހަކަދައްކަން ހޫރައިންއަށް ނޭނގެނެތީއެވެ. ޒެހެންއާމެދު ހޫރައިންގެ ހިތުގައި ވަރުގަދަ ޖަޒުބާތުތަކެއް ނުހިނގައެވެ. އެހެންވިޔަސް މިހާރު ޒެހެން ފެނުމުން ކުރީގަ ޖެހިލުންވާވަރަށް ޖެހިލުމެއްނުވެއެވެ. ކުރިމަތީގަ މަޑުކުރަން ކެރެނީ އެހެންވެއެވެ.

"ހިނގާ ދަމާ." ހޫރައިންގެ ކައިރިން އިވުނީ ހަސީނާގެ އަޑެވެ.

ހިޔާލުތަކުގައި ބަނދެވިފައި ހުރެ ހަސީނާއާއެކު ހޫރައިން ހިނގައިގަތެވެ. ޔުނިވަރސިޓީގެ ގޭޓުން ނުކުމެ އެމީހުން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ހޫރައިންގެ ގެއަށެވެ. ސުމައްޔާއަށް ގުޅާފައި ހަވީރު ސަޔަށް ހެދިކާ ހިފައިގެން ދަންކަމުގައި ހަސީނާ ބުންޏެވެ. އޭނާ މަގުމަތިން ހެދިކާ ވިއްކާ ގެއަކުން ހެދިކާ ވެސް ގަތީއެވެ.

"މަންމާ." ހަސީނާމެންނާ ކައިރިކޮށްލި ޖީއެން ސައިކަލުގައި އިން ޒުވާނާ ގޮވާލިއެވެ.

"ހަމްދޫނު... ގެއަށްތަ ތިދަނީ." ހިނގުން މަޑުކޮށްލުމާއެކު ހަސީނާ ވާހަކަދެއްކިއެވެ. އެއާއެކު ހަމްދޫނު ވެސް ސައިކަލު މަޑުކޮށްލައިފިއެވެ.

"އާން. ވަރަށް ބަނޑުހައިވެގެން މިދަނީ." ހަމްދޫނު ވާހަކަދެއްކިއިރު ހަސީނާގެ ކައިރީ މޫނުއަޅާފައި ހުރި އަންހެންކުއްޖާއަށް ނަޒަރެއް ދިނެވެ. އެއީ ހޫރައިންބާއޭ އޭނާގެ ހިތަށް އެރިއެވެ. ޔަގީންކުރަން ދަތިވިއެވެ. ހޫރައިން ހުރީ އިސްއޮބާލައިގެންނެވެ.

"މިދަނީ ހޫރްއާއެކު އެގެއަށް. ދަރިފުޅު އަންނަންވީނު... ސައިބޯއެއްޗެހި ހިފައިގެން މިދަނީ." ހަސީނާ ބުންޏެވެ.

"ހޫރައިންތަ މިހުރީ." މަންމަގެ ވާހަކަ އިވިފައި ހަމްދޫނު އަހާލިއެވެ. އެހިނދު ހޫރައިންގެ ނަޒަރު ހަމްދޫނާ އަމާޒުކޮށްލައިފިއެވެ. މަޑުމަޑުން ބޯޖަހާލީ ކޮށްލި ސަލާމެއް ފަދައިންނެވެ.

"ތި އަންނަނީތަ؟." ހަސީނާ ޔަގީންކޮށްލަން އަހާލިއެވެ.

"އާން. ދައްތަ ކައިރިއަށް ވަދެލާފަ ދާނީ." ހޫރައިންއަށް ބަލަން އިނދެ ހަމްދޫނު ބުންޏެވެ. ދެން އޭނާ ސައިކަލު ދުއްވާލައިފިއެވެ. ހަސީނާއާއެކު ހޫރައިން ވެސް ހިނގައިގަތީއެވެ.

"ދަރިފުޅާ ކުރީން ބައްދަލުވިތަ ހަމްދޫނާ." ހަސީނާ އަހާލިއެވެ. ހޫރައިން ހަމައެކަނި ބޯހޫރުވާލިއެވެ. އެގެއަށް ދެފަހަރު މަތިން ހަމްދޫނު އަތުވެއްޖެއެވެ. އެއިން އެއްވެސް ފަހަރަކު ހޫރައިންއަށް ފެންނަ ހިސާބަކަށް ހަމްދޫނު ނާދެއެވެ. އޭނާ މިއަދު އެގެއަށް އަންނަން އެއްބަސްވީ ހަސީނާ ބުނީމާބާއެވެ. ގައިމު ސުމައްޔާ ދަޢުވަތު ނުދީ ނުހުންނާނެކަން ހޫރައިންއަށް އެނގެއެވެ. މީގެ ކުރީން އޭނާ އެގޭ އޮޅިގިރާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ފަދައެވެ. އެހެންވެދާނެއެވެ. މަންމަ އެދުނީމާ ބޮލާލާ ޖަހަން ނުކެރުނީއެވެ. ނޫނީ މާބޮޑަށް ހައިވެފައި ހުރީކަމަށް ވެދާނެއެވެ. ހަމްދޫނު ގެއަށް އަތުވެއްޖެނަމަ ހޫރައިންއަށް ޔަގީންވަނީ އޭނާގެ މަންމަ އުފާވާނެވަރެވެ. ހާއްސަކޮށް ހަސީނާގެ ދަރިއަކަށްވީމައެވެ. (ނުނިމޭ)