އޭސީސީ

އޭސީސީ މެމްބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަސް ދީފި

އެންޓި ކޮަރަޕްޝަން ކޮމިޝަން(އޭސީީސީ)ގެ މެމްބަރުން ވަކިކުރަން ނިންމި މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދޭން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިގޮތަށް ނިންމީ މެމްބަރުންގެ ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމަށް ފަހު މި މައްސަލައާ މެދު ގޮތެއް ނިންމުމަށް އަލުން ކޮމިޓީއަށް ފޮނުވުމުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ޖަވާބުދާރީވުމުގެ މައްސަލަ ދެގޮތަކަށް ކުރިއަށް ގެންދިއުމަށް މެމްބަރުން ހުށަހެޅުއްވި އެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހަޅުއްވައި އަދި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ތާއިދުކުރެއްވީ އޭސީސީގެ މެމްބަރުން ބޭނުންވާ ގޮތަކަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ލިޔުމުން ނޫނީ އޮންލައިންކޮށް ނުވަތަ ހާޒިރު ވެގެންވެސް ޖަވާބުދާރީވެވޭ ގޮތަށެވެ. ނަމަވެސް މި ހުށަހެޅުން ފާހެއް ނުވި އެވެ.

މީގެ ބަދަލުގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ތާއިދުކުރެއްވީ ލިޔުމުން އެކަނި ޖަވާބު ދިނުމުގެ ފުރުސަތު ދޭށެވެ. މި ހުށަހެޅުން ފާސްކުރީ ފަސް މެމްބަރުންގެ ވޯޓާއެކު އެވެ. އެހެންކަމުން ވިސާމްގެ ހުށަހެޅުމާ އެއްގޮަތަށް އޭސީސީގެ މެމްބަރުން ފަސް ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ކޮމިޓީން ނިންމި އެވެ.

އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމުން އަލުން މައްސަލަ ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިކަމާ ގުޅޭ ގޮތުން ދެ ގަޑިއިރު ބަހުސްކުރުމަށް ފަހު ފެންނަ ނުފެންނަ ވޯޓެއް މަޖިލީހުގެ ތަޅުމުގައި ނަގައި މެމްބަރުން ވަކި ކުރުމާމެދު ގޮތެއް ނިންމާނެ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުުރުމުގެ މަސައްކަތް މިއަދު ކޮމިޓީން ފެށިއިރު އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައި އޭސީސީގައި ހުރި ގިނަ މައްސަަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުނިމި ހުރުމާއި އަދި މައްސަލަތައް ނިންމުމަށް ފަހު ދައުވާކުރަން ވެސް ގިނަ ދުވަސް ވުން ހިމެނެ އެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް އެކުލެވިގެން ނުވާ މައްސަލަތަކުގެ 61 ޕަސެންޓް ނިމިފައިވާ އިރު ދައުވާ ކުރަން ފޮނުވީ އެންމެ އިންސައްތައެއްގެ މަސައްކަތް ކަމަށް ބުނެފައި ވެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހިފައިވާ އިރުވެސް ދައުލަތަށް ނަގައިދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް ރިޕޯޓްގައިވެ އެވެ.