އެކްސިޑެންޓް

ބްރިޖުގައި އޮތް ކެރޭނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ބްރިޖްގައި އޮތް ކެރޭނެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ މާލެއިން ބްރިޖަށް އަރަން އޮންނަ ލޭންގެ މަސައްކަތެއް ކުރުމަށް ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ.

އެ ލޭނަށް އެރި ސައިކަލެއް ބްރިޖްގައި އޮތް ކެރޭނެއްގައި ޖެހި އެކްސިޑެންޓްވީ ރޭ ދަންވަރު 3:57 ހާއިރު އެވެ.

އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންނަށް އަނިޔާވެގެން ރޭ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން އެކްސިޑެންޓްވީ ސައިކަލް ވަނީ ޓޯ ކޮށްފަ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރޭގެ ހާދިސާގެ ބައެއް ފޮޓޯތައް އަވަސް އަށް ވަނީ ލިބިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލް ދުއްވަން އިން މީހާ އޮތީ ކެރޭނު ބިމަށް ހަރުކުރުމަށްޓަކައި ހުރަހަށް ދަމާފައިވާ ދަގަނޑު ބީމުގެ މައްޗަށް އަރާފަ އެވެ. އަދި އަނެއް މީހާ އޮތީ އެ ދިމާލު ޕޭވްމެންޓު މަތީގަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ދެ ޒުވާނުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.