މާލޭ ސިޓީ ކައުންސިލް

އާ މާރުކޭޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

Dec 16, 2021

މާލޭގައި ސިޓީ ކައުންސިލުން ހަދާފައިވާ ތިން މާރުކޭޓް، އެއް އިމާރާތަކަށް ބަދަލުކުރުމަށްޓަކައި އެޅުމަށް ހަމަޖެހިފައިވާ އާ މާރުކޭޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ އުތުރު ފަރާތުގައި ސިޓީ ކައުންސިލުން ހަދާފައިވާ ތިން މާރުކޭޓަކީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ އިތުރުން މަސް މާރުކޭޓެވެ.

މާލޭގައި އާ މާރުކޭޓެއް އެޅުމަކީ މިހާރުގެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

އަވަސްއާ ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާ މާރުކޭޓް ހަދާނީ ލޯކަލް މާރުކޭޓް މިހާރު ހުރި ބިމުގައި ކަމަށެވެ. މާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްވުމާ އެކު އާ މާރުކޭޓްގެ ޑިޒައިން ފާސްކޮށް އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެނެއް މަޑެއް ނުކުރާނަން ބަޖެޓެއް ލިބޭތޯ ނޫނިއްޔާ ގޮތެއް ފެނޭތޯއެއް. އަޅުގަނޑުމެންގެ ވިސްނުމަކީ އެއްގޮތުން ނުވިއްޔާ ކޮންމެވެސް އަނެއް ގޮތެއް އޮންނާނެއޭ. ކޮންމެވެސް ގޮތެއް ހޯދޭނެއޭ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާރުކޭޓްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އަންނަ އަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި އެންމެ ލަސްވެގެން އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

މާރުކޭޓް އިމާރާތް ހަދާނީ އެ އިމާރާތުގެ ސަބަބުން މާލޭގެ މަލަ މައްޗަށް އިތުރު ފުރިހަމަ ކަމެއް އަންނަ ގޮތަށް އަދި ދިވެހި ވަންތަ ޑިޒައިނަކަށް ކަމުގައި މޭޔަރު ވިދާޅުވި އެވެ. އެ އިމާރާތުގެ މަސައްކަތް ނިމޭއިރު އިމާރާތުގައި ޕާކް ކުރެވޭނެ ޖާގަ ހުންނާނެތީވެ އާ އިމާރާތާ އެކު މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމުގައި ވިދާޅުވި އެެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓް މިހާރު ހުރި ބިމަކީ މަސް މާރުކޭޓެއް ހިމެނޭ ގޮތަށް މާރުކޭޓް ހެދުމަށް ހިއްކި ބިމެއް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިމުގައި މަސް މާރުކޭޓެއް ނޭޅި އޮތީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މަސްވެރިން ބާނާ މަސްތައް އުފުލާލައިގެން މަގު ހުރަސްކޮށްފައި މާރުކޭޓަށް މަސް ގެންދިއުމުގެ ބަދަލުގައި ބަނދަރަށް ދޯނިތައް ކައިރިކޮށްފައި ސީދާ މާރުކޭޓަށް މަސް ބޭލޭނެ އިންތިޒާމެއް ހަމަޖެހިފައި ހުންނަންޖެހޭ ކަމުގައި ވިދާޅުވި އެވެ.