މޯލްޑިވްސް ޕޮލިސް ސާވިސް

ޔޫޫއެންއޯޑީސީން ފުލުހުންނަށް ސީސީޓީވީ އިކުއިޕްމަންޓް ހަދިޔާކޮށްފި

Dec 16, 2021

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން، ދިވެހި ފުލުހުންނަށް ސީސީޓީވީ އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.

ކ. މާފުށި ކާނި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ތަކެއްޗާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ. ޔޫއެންއޯޑީސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރު ޖޯޝުއާ އަޓެޓާ ގޮންޒަލޭޒް އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ދެއްކެވި ވާހަކަ ފުޅުގައި، ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ޔޫއެންއޯޑީސީ އާއި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ޖަޕާން އެމްބަސީގެ ސާޒޭ ޑި އެފެއާޒް، މިސް ނައުމީ އަސާނޯ ވެސް ބައިވެރިވި އެވެ.

މާލެ ސަރަހައްދުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ފުލުހުން ގެންދަނީ މާލެ، ހުޅުމާލޭގެ އިތުރު ސަރަހައްދުތަކުގައި ވެސް ސީސީޓީވީ ކެމަރާ ހަރުކުރުމުންނެވެ.