މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާއި ގުޅިގެން އެޗްޑީސީއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވާ އަމުރު އެ ކޯޓުން މިއަދު ނެރެދީފި އެވެ. ސިޓީ ކައުންސިލާ ދެކޮޅަށް އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާށެވެ. އަދި އޭގެ ކުރީން އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފައިވެއެވެ.
ސިވލް ކޯޓުން ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލުގެ ނިންމުމުގެ ސަބަބުން އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން އަމުރުކުރާ ކަމަށެވެ. އެ އަމުރު މައްސަލަ ނިމެންދެން ދެމި އޮންނާނެ އެވެ.
އެ އަމުރު ނެރުނީ ހުޅުމާލެ ތަރައްގީ ކުރުމަށް ކުރި ހަރަދާއި އެކަމަށްޓަކައި ނެގި ލޯނުތަކަކީ އެޗްޑީސީގެ ޒިންމާގައި އޮތް އެއްޗަކަށްވާތީ އެކަމަށްވެސް ބަލާފައެވެ. އަމުރުގައި ބުނެފައިވަނީ އެޗްޑީސީން ހުޅުމާލޭގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުންވެސް އެއްވެސް ކަމެއް ނުކުރުމަށެވެ.
މި މައްސަލާގައި އެޗްޑީސީންބުނެފައިވަނީ ކައުންސިލްގެ ނިންމުމަކީ މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ އަދި ބިމާ ބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނާވެސް ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެހެން ބައެއްގެ އަތުގައި އޮތް ބިމެއްގެ ބެލެނިވެރިކަން ދެވޭނީ ޝަރުއީ ކޯޓަކަށް ކަމަަށެވެ.
އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެނިންމުން ބާތިލުކޮށް އަދި ގާނޫނީ އިމުގެ ތެރެއިން ކަންކުރުމަށް ސިޓީ ކައުންސިލަށް އެނގުމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ ކަމަށްވެސް ބުންޏެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީން ވިދާޅުވީ އާ ކައުންސިލް އިންތިހާބުވުމާއި އެކުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ ކައުންސިލްގެ ދަށަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވި ކަމަށެވެ. ހުޅުމާލެ، މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށާއި، އާ ސިޓީ ކައުންސިލަށް ހަ މަސް ފުރުނު އިރުވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެޗްޑީސީ އަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ބޭނުންކޮށްގެން އެ ކުންފުނިން ނަހަމަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
ނަރީޝްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. ރަޖިސްޓްރީ ބާތިލްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު އެވެ.