އުރީދޫ

އޮގްމެންޓެޑް ރިއަލިޓީ ހިމަނައި އުރީދޫގެ ކަލަންޑަރު ނެރެފި

ޓެކްނޮލޮޖީގެ ގޮތުން މިހާރު އެންމެ ކުރިއަރާފައވާ އޮގްމެންޓެޑް ރިއަލިޓީ ފީޗާޒް ހިމަނައި އަންނަ އަހަރުގެ ކަލަންޑަރު އުރީދޫއިން ނެރެފި އެވެ.

"މަގޭ ރާއްޖެ"ގެ ނަމުގައި ނެރުނު މި ކަލަންޑަރު އިފްތިތާހުކޮށްދެއްވީ އުރިދީޫގެ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.

މި ކަލަންޑަރުގައި ހިމެނޭ ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. އަދި ކަލަންޑަރު ބޭނުންކުރާ މީހުންނަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް އޮގްމެންޓެޑް ރިއަލިޓީ މެދުވެރުކޮށް ތަޖުރިބާ ކުރެވޭނެ އެވެ.

މީގެ އިތުރުން އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރު ކުރެވޭ އޮރިގާމީ ކަރުދާހެއްވެސް ވަނީ ކަލަންޑަރުގައި ހިމަނާފައެވެ. މިއާއެކު ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވާނެ އެވެ.