ހަބަރު

އުތީމު ތިންބަދަވިންގެ ޖިހާދުގެ ތެރެއަށް ރައީސް ދިންވެހިން ގަންބާލައިފި

  • ބޮޑު ތަކުރުފާނުގެ ޖިހާދުން އިބްރަތް ހާސިލް ކުރަން ގޮވާލި
  • ރައީސް ގައުމާ މެދު ދެކޭ ހުވަފެންތައް ހާމަކުރެއްވި
  • އެކި ފަރާތްތަކުގެ ފިއްތުންތައް އަޔަސް ގައުމު ގުރުބާން ނުކުރާނެ

ގައުމީ ދުވަހަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އެ ދުވަހެއްގެ ވާހަކަ ބަޔާން ކުރާ ހަމައެކަނި ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން އުތީމު ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރި ޖިހާދު ނިންމާލައި މިނިވަންކަން ހޯދި ފަހުރުވި ދުވަހެވެ. އެ ތާރީހުތައް ދިވެހިން ހިތުދަހެވެ. ބޮޑު ތަކުރުފާނު ކުރެއްވި އެ ވަރުގަދަ ހަނގުރާމައިގެ ތާރީހީ ހާދިސާތަކީ ގައުމީ ދުވަހެއްގައި އަބަދުވެސް އިވޭ ވާހަކަތަކެވެ. ދިވެހިންގެ ހިތާ އެންމެ ކައިރީގައިވާ އެންމެ ރީތި ވާހަކަ އެވެ.

މިފަދަ މުނާސަބަތަކާ ގުޅިގެން އާދަވެ އެއް ވާހަކަތަކެއް އިވޭ އިރު ފަހަކަށް އައިސް މިފަދަ ދުވަހެއްގައި ރައީސުލްޖުމްހޫރިއްޔާ އަކު ނުދެއްވާ ވަރުގެ ތަގުރީރެއް ރައީސް އަބްދުﷲ ޔާމީން، ފަހުރުވެރި އުތީމުގައި ހުންވައި މިއަދު ވަނީ ދެއްވައިފަ އެވެ. ފަހަކަށް އައިސް ގައުމީ ދުވަސް ފާހަގަކުރުން ވަޅޯ ކޮށް އޮތް ނަމަވެސް ބޮޑު ތަކުރުފާނުގެ އުފަން ވަޒަން، ހއ. އުތީމުގައި މި މުނާސަބާ ބާއްވަން ސަރުކާރުން މިފަަހަރު ނިންމެވީ އެ ތަކުރުފާނާއި ޖިހާދީ ޓީމްގެ ވަރުގަދަ ގައުމީ ޖިހާދުގެ ޝަރަފަށްޓަކަ އެވެ. ރައީސްގެ ތަގުރީރުން އެކަން ވަރަށް ބޮޑަށް ފަހުމްވި އެވެ. އެ މަނިކުފާނުގެ ތަގުރީރުގައި ދިވެހި ރާއްޖެ އާއި ދިވެހިންގެ ގައުމީ ވަންތަ ކަމާއި ގައުމިއްޔަތާއި ދީނީ ވަހުދަތުގެ ތެރެއަށް އިރުކޮޅަކަށް ނަމަވެސް މިއަދު ގަންބައިލަ ދިނެެވެ. އެމަނިކުފާނު ގައުމާ މެދު ދެކޭ ހުވަފެންތައް އާންމުންނަށް ބަންޑުން ކޮށްލެއްވި އެވެ.

އުތީމުގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ: "އަޅުގަނޑު އަބަދު ދެކެން ބޭނުންވާ އުންމީދު ކުރާ ރާއްޖެއަކީ އަމިއްލަ ބުރަ އަމިއްލަޔަށް އުފުލަން ދަންނަ ދައުލަތެއްގެ ގޮތުގައި ދިވެހި ރާއްޖެ އޮތުން. އަޅުގަނޑު އަބަދު ދެކެން ބޭނުންވަނީ އަމިއްލަ ބޭނުންތައް އަމިއްލަޔަށް ފުއްދޭވަރުގެ ކެރި ފޯރުންތެރިކަން ހުރި ރައްޔިތަކަށް ވުމުގެ ނަސީބު ދިވެހިންނަށް ލިބިފައި އޮތުމަށް. އަޅުގަނޑު އަބަދު ދެކެން ބޭނުން ވަނީ ރާއްޖޭގެ ކޮންމެ ރަށަކީ ފަތިހުގެ ބަންގީގެ އަޑާއެކު ދުވާލަށް ހިނިތުންވާ ރަށްތަކެއްގެ ގޮތުގައި އޮތުމަށް. މިނިވަން ފަޒާއަކަށް ނޭވާލާ މުޖުތަމައެއް އަބަދަށް ޓަކައި ލިބިފައިވާ ބަޔަކަށް ވުމުގެ ނަސީބު ދިވެހިންނަށް ލިބުމަށް، އަދި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް، އެމީހުންނަށް ލިބެންޖެހޭ ހުރިހާ ހައްގެއް ލިބި، މުޖުތަމައުގެ ތިޔާގިކަން އިތުރުވެގެން ދިއުމަކީ އަޅުގަނޑގެ އަބަދުގެ އުންމީދު،"

މިއީ އާދައިގެ ވާހަކަތަކެއް ނޫނެވެ؛ ރާއްޖޭގެ ބަދަލުވެފައިވާ މާހައުލުގައި ދިވެހިން ޣަރަގުވެފައިވާ ކަނޑުގެ ތެރެއިން މިންޖުވާން ލިބުނު ހިތްވަރުގެ ވާހަކަތަކެވެ. ގައުމީ ދުވަހެއްގެ މުނާސާބަތުގައި ފަހަކަށް އައިސް ގައުމުގެ ވެރިޔާގެ ކިބައިން ނީވޭ ވާހަކަތަކެވެ.

ރައީސްގެ މި ވާހަކަތަކީ ގައުމަށްޓަކައި ދިވެހިން އާ ވިސްނުމަކުން ފަށަން ޖެހޭ އަދި ގައުމުގެ މުއައްސަސާތަކުން އެމަނިކުފާނުގެ ވާހަކުފުޅުގައި ގެންނަވާފައިވާ ކަންކަން ދަމަހައްޓަން ގަދައަށް ދިރާސާކޮށް މަސައްކަތް ކުރާންޖެހޭނެ ވާހަކަތަކެވެ.

ރައީސް ތަގުރީރުގައި ރާއްޖެ ދުނިޔޭގެ ކުރިމަތީގައި ގަދަރުވެރި އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮތުމަކީ އަބަދުވެސް ދެކިވަޑައިގަންނަވާ ފޮނި ހުވަފެންފުޅެއް ކަމަށް ވިދާޅުވި ވިދާޅުވުމަކީ އަބަދުވެސް އިސްލާމީ ދައުލަތެއްގެ ގޮތުގައި އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމުގައި ރެނދު އަޅުވައިލަން މަސައްކަތްކުރާ ޖަމާއަތްތަކާއި މިޝަނަރީތަކާއި ގައުމުތަކަށް ޖެއްސެވި ވަރުގަދަ ގޮނެކެވެ.

ބޭރުގެ ބާރަކުން ރާއްޖެ އަޅުވެތި ކޮށް 15 އަހަރުވަން ދެން ތިބި ތިބުމަށް ބޮޑު ތަކުރުފާނު އޭރުގެ ގޮތުގައި ގޮން ޖެއްސެވީ ދުވާލު ކަނޑުގައި ރޭގަނޑު މެންދަމު އެއްގަމުގައި ކުރި "ގެއްރިލާ ހަނގުރާމަ" އިންނެވެ.

މިއަދު ރައީސް ޔާމީން ދެއްވި ޖަވާބަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީއްސުރެ މިހާތަނަށް ދެއްވި ގާތްގަނޑަކަށް ހުރިހާ ތަގުރީރެއްގައި ބޭރުގެ މިޝަނަރީތަކާއި ޖަމާއަތްތަކާއި ގައުމުތަކަށް ދެއްވާ ވަރުގަދަ އިންޒާރުގެ މެސެޖުން ޖެއްސެވި ގޮނެކެވެ. އެކަން ދެމެހެއްޓުން އޮތީ ހުރިހާ ދިވެހިންގެ އަތްމަތީގަ އެވެ. ރައީސްގެ އެ ބަސްތަކުގެ ފުނަށް ފީނައި ދިރާސާކޮށް ހިފެހެއްޓެން ހުރި ކަންކަން ހިފަހަޓައްޓައި ދޫވެފައިވާ ކަންކަން އަނބުރާ ހޯދަން ކުރަންޖެހޭ މަސައްކަތް ފަށަންޖެހެ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާ މެދު އެ މަނިކުފާނު ފޮނި އުންމީދުތަކެއް ކުރައްވާ ކަމަށެވެ. ގައުމީ ޝުއޫރު ހިތުގައި ކެކި އުތުރި އަރަމުން އަންނަ ދަނޑިވަޅެއްގައި، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ރާއްޖެއާ މެދު އެމަނިކުފާނު ދެކިވަޑައިގަންނަވަނީ އުންމީދީ ކުލަތަކުން ޖަރީކުރެވިފައިވާ ފޮނި ހުވަފެންފުޅުތަކެކެވެ. އެއީ ގައުމު ދެކެ ލޯބިވާ އެހެން ކޮންމެ މީހެއްގެވެސް ހުވަފެންތަކަކަށް ވާނެކަމަށް ގަބޫލުކުރެވުނަސް، ފަރުދެއްގެ ހައިސިއްޔަތުން އެ ވާހަކަތައް މިއަދު ހިއްސާކޮށްލައްވަން އެމަނިކުފާނު ބޭނުންފުޅުވީ އެވެ. އަދި އެމަނިކުފާނު އަސަރުގަދަ އިބާރާތްތަކަކުން ވިދާޅުވި އެވެ:

"އަޅުގަނޑުގެ ހުވަފެނަކީ، އަޅުގަނޑު ދެކެން ބޭނުންވާ ދިވެހި ރާއްޖެއަކީ ކުރިއަރާފައިވާ ރާއްޖެއެއް. ދުނިޔޭގެ މައިދާންތަކުގައި ދުނިޔޭގެ ވަސީލަތްތަކާ އެކީ، އަޅުގަނޑުމެންގެ ބަސް އުފުލޭ ވަރުގެ ދިވެހި ދައުލަތަކަށް ވުން. އަޅުގަނޑުމެންގެ ހުވަފެނަކީ މި ދައުލަތުގައި މިހިރަ ޖަޒީރާ ރަށްތަކުން ފަސް ވަގުތުގެ ބަންގީގެ އަޑު އަބަދު މެ އިވުން،"