މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި

Dec 16, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބާއްވާ "ޕޯޓް ސޭފްޓީ ވީކް ރަން"ގައި ބައިވެރިވުމަށް މިއަދު ހުޅުވާލައިފި އެވެ.

އެމްޕީއެލް އަދި ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ "އާކް"ގެ އިތުރުން އެހެން ބައެއް ފަރާތްތަކާ އެކު ކުރިއަށް ގެންދާ މި ދުވުން އިފްތިތާހުކުރި މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މި ދުވުން ފަށާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުންނެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ދުވުން ކުރިއަށް ގެންދާނީ ފަސް ކިލޯ މީޓަރުގެ ދުވުމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ދުވުމުގެ ތެރެއިން ޓީޝާޓު ވިއްކައިގެން ލިބޭ ލާރި އާކްއަށް ހަދިޔާ ކުރާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށެވެ. އަދި މި ދުވުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޝިއާރުތަކާއި ލޯގޯތައް ބޭނުން ކުރާނެ ކަމަށެވެ.

އާކުން ބުނީ މި ދުވުމުން ލިބޭ ފައިސާ ބޭނުންކުރާނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ހިންގާ ކެމްޕޭންތަކަށް ކަމަށެވެ.

ދުވުމުގައި ބައިވެރިންގެ ގޮތުގައި ބައިވެރިވެވެނީ ކުރިން ރަޖިސްޓްރީ ކުރާ ވަކި ބަޔަކަށް ކަމަށްވާތީ އަވަހަށް ރަޖިސްޓްރީވުމަށް އެމްޕީއެލް އިން އެދެ އެވެ. މި ދުވުމާ ގުޅޭ މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 9858685 ނުވަތަ 7926226 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.