ސްޓާ ޕްލަސްގެ އެއް ވަނަ ޝޯ "އަނޫޕަމާ"ގެ މަގްބޫލުކަން ދުވަހެއް ދުވަހަކަށް އަދިވެސް ދަނީ އިތުރު ވަމުންނެވެ.
ބެލުންތެރިން ބުނަނީ މިއީ މާއަން -- އަނޫޕަމާ އާއި އަނޫޖްގެ ޖޯޑަށް ލޯބިން ކިޔާނަން)ގެ ޖާދޫ އެވެ. އެ ދެ މީހުންގެ ކެމިސްޓްރީން ބެލުންތެރިންގެ ހިތްތަކާ ކުޅެލާފައިވާތީ ޝޯ ބަލާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވެ ޓީއާރްޕީ މިހާރު ވަނީ ދުވަހަކުވެސް ނުދާހާ މައްޗަށް ގޮއްސަ އެވެ.
ރާޖަން ޝާހީގެ "އަނޫޕަމާ" އެއްވަނަ ޝޯގެ ގޮތުގައި އޮންނަތާ އެތައް މަހެއް ވެފައިވީ ނަމަވެސް މީގެ ކުރިން ދުވަހަކުވެސް ޓީއާރްޕީ މިހާ މައްޗެއް ނުވެ އެވެ.
މި ޝޯގެ ޓީއާރުޕީ މިހާރުއުޅެނީ 4.4 ގައެވެ. އަނޫޖް ކަޕާޑިއާގެ ލޯބި ގަބޫލުކުރަން އަނޫޕަމާ ނިންމައި މުޅިން އާ ހަޔާތެއް ފެށިތަން ދައްކާފައިވާ އެޕިސޯޑުތަކަކީ އެންމެ މަތީ ޓީއާރްޕީ ލިބިފައިވާ އެޕިސޯޑުތަކެވެ.
ފާއިތުވީ ހަފުތާގެ ޓީއާރްޕީ ރޭޓިން އިއުލާން ކުރުމާއެކު "އަނޫޕަމާ"ގެ ފޭނުން ވަނީ ޝޯގެ ކާމިޔާބީ ސޯޝަލް މީޑިއާގައި ފާހަގަކޮށްފަ އެވެ.
ފޭނުން ބުނަނީ އަނޫޕަމާ އާއި އަނޫޖް ކަޕާޑިއާގެ ކެމިސްޓްރީ އަށް ވުރެ ރަނގަޅު ކެމިސްޓްރީއެއް ދެއްކޭނެ އެއްވެސް ޖޯޑެއް އެއްވެސް ޓީވީ ސިލްސިލާއެއްގައި މަސައްކަތް ނުކުރާ ކަމަށެވެ.
ޓީއާރްަޕީ ޗާޓުގެ ދެވަނައިގައި އޮތީ "ގުމް ހެ ކިސީކޭ ޕިޔާރް މޭ" އެވެ. ތިން ވަނައިގައި "އުޅާރިޔާން" އަދި ހަތަރު ވަނައިގައި "އިމްލީ" އެވެ. ޓޮޕް 5 ގެ ފަސް ވަނަ ލިބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށެވެ.