ދުނިޔެ

އުރުދުޣާން، އިލޮން މަސްކްއާ މަޝްވަރާ ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ޓެސްލާ ކުންފުނީގެ ވެރިޔާ އިލޮން މަސްކްއާ ވީޑިއޯ މެދުވެރިކޮށް ބައްދަލު ކުރައްވައިފި އެވެ.

ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ތުރުކީގެ ޖައްވީ ޕްރޮގްރާމާ ބެހޭ ގޮތުން އަދި ތުރުކީގައި ކަރަންޓް ކާރު އުފެއްދުމާ ގުޅޭގޮތުންނެވެ. ކްރިޕްޓޮކަރަންސީ އަށް ވެސް ދެބޭފުޅުން އަލިއަޅުއްވާ ލެއްވި އެވެ.

އުރުދުޣާން އާއި އިލޮން މަސްކް އަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. ދޭތެރެ ދޭތެރެއިން ފޯނުން ގުޅުންވައި މަޝްވަރާ ކުރައްވަ އެވެ.

އިލޮން މަސްކް 2017 ގައި ރަސްމީ ދަތުރެއްގައި ވަޑައިގެން އުރުދުޣާންއާ ބައްދަލު ވެސް ކުރެއްވި އެވެ. ބައްދަލު ކުރެއްވުން އޮތީ އުރުދުޣާން ރަސްމީ އޮފީހުގަ އެވެ.

ތުރުކީން ޖައްވަށް ސެޓެލައިޓް ފޮނުވުމުގައި ވެސް މަސްކްގެ އެހީތެރިކަން ވަރަށް ބޮޑެވެ. މިއަހަރު ކުރީކޮޅު، ޖެނުއަރީގައި ތުރުކީން ޖައްވަށް ފޮނުވި ޓާކްސެޓް 5ބީ ޖައްވަށް އުފުލައިދިނީ ވެސް އިލޮން މަސްކްގެ ކުންފުނި، ސްޕޭސްއެކްސްގެ ރޮކެޓެއްގަ އެވެ. ތުރުކީން ޖައްވަށް އުފުލާ ދެވަނަ ސެޓެލައިޓް ޓާކްސެޓް 5ބީ ވެސް ލަސްތަކެއް ނުވެ ޖައްވަށް ގެންދަން އޮތީ ހަމަޖައްސާފަ އެވެ.

އުރުދުޣާންއާ މަސްކް ދެއްކެވި ވާހަކަތުގައި ތުރުކީގައި ކަރަންޓް ކާރު އުފެއްދުން ހިމެނެ އެވެ. އަދި ކަރަންޓް ކާރުތަކަށް ބެޓެރީ އުފެއްދުމުގައި ތުރުކީ ސައިންސްވެރިން އާ އީޖާދެއް ކުރުމަކީ އެދެވޭ ކަމެއް ކަމަށް މަސްކް ވިދާޅުވި އެވެ.

ދެބޭފުޅުންގެ މަޝްވަރާތަކުން ދެފަރާތަށް ވެސް ފައިދާތަކެއް ވާނެ އެވެ. އިލޮން މަސްކްގެ ސްޕޭސް އެކްސް އިން ތުރުކީއަށް ޖައްވީ ޕްރޮގްރާމްގައި އެހީތެރިވެދޭ ގޮތަށް ތުރުކީގައި އިންވެސްޓްކުރަން ޓެސްލާއަށް ފުރުސަތު ދޭނެ އެވެ. އަދި ޓެސްލާ ކުންފުނީގެ އުފެއްދުންތައް މާކެޓްކުރުމުގައި ޚާއްސަ ލުއިތަކެއް ތުރުކީގައި އޮންނާނެ އެވެ.