ވިޔަފާރި

މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތަކާ އެކު ޓާޓާ ފްލެޓްތައް ނިމެނީ

  • ގާކޮށީގައި 198 ފްލެޓް ހުންނާނެ
  • އަރަބިއްޔާ ބިމުގައި 98 ފްލެޓް
  • މަސައްކަތް ނިންމަން ކަނޑައެޅި މުއްތައް ނިންމާލެވޭނެ
  • ފްލެޓުގައި ޝޮޕިން މޯލްތަކެއް ހުރޭ

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތަކާއެކު، މާލޭގައި ހަދަމުން ގެންދާ ޓާޓާ ފްލެޓްތަކުގެ މަސައްކަތް ނިމުމާ ކައިރިވެއްޖެ އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި ހަދާ ޓާޓާ ފްލެޓްތަކުގެ މަސައްކަތްކުރާ، ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މަޖީދީ މަގު، އަރަބިއްޔާ ހުރި ބިމުގައި ހަދާ 98 ފްލެޓް މިމަހު ތެރޭގައި ނިންމާލާނެ ކަމަށެވެ.

"ގާކޮށީގައި ހަދާ 198 ފްލެޓްގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ. މިހާރު މަސައްކަތުގެ 80 ޕަސެންޓް ވަނީ ނިންމިފައި،" ޖަނާހު ވިދާޅުވި އެވެ.

މި ފްލެޓްތައް ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާގެ 65 ޕަސެންޓާއި އިންޑިޔާގެ އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ 35 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" އަށެވެ. މި ކުންފުންޏަށް ފްލެޓް އަޅަން ސަރުކާރުން މާލޭގެ ހަތަރު ބިމެއް 2010 ވަނަ އަހަރު ހަވާލު ކުރި އެވެ.

ނަމަވެސް މަސައްކަތް ހުއްޓާލާފައި އޮންނަތާ ޒަމާންތަކަށްފަހު ފްލެޓްތަކުގެ މަސައްކަތް އަލުން ފަށާފައިވަނީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިހާރު މި މަސައްކަތް ކުރަމުން ގެންދަނީ ރާއްޖެ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ރިސޯޓް ތަރައްގީ ކުރަމުން ގެންދާ ދިވެހި ކުންފުންޏެއް ކަމަށްވާ އެޗްއާރުސީ އިންނެވެ.

އެ ކުންފުނީގެ ޗެއާމަން ޖަނާހު ވިދާޅުވީ ގާކޮއްޓާއި އަރަބިއްޔާ ބިމުގައި ހަދާ ފްލެޓްތައް ކުރިންވެސް ނިންމަން ކަނޑައެޅި މުއްދަތައް ނިންމާލެވޭނެ ކަމަށެވެ.

"މި ދޭތެރެއިން ވިއްސާރަވެގެން ތިން މަހެއް ހިނގައްޖެ. އެކަމަކު އަޅުގަނޑުމެން ސަރުކާރަށް އިތުރު މުއްދަތެއް ނު ހޯދަން. އެހެން ނަމަވެސް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާނަން. ވަރަށް ބުރަ މަސައްކަތެއް މި ކުރަނީ،" މާލޭގައި ހިންގާ އެންމެ ބޮޑު ހައުސިން މަޝްރޫއާ ބެހޭ ގޮތުން، ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފްލެޓްތަކުގައި ހަދާ ޝޮޕިން މޯލްތައް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު ކަމަށެވެ.

"ފިހާރައިގެ ތިރީގައި ހުންނާނީ ޝޮޕިން މޯލްތައް. އެތަންތަން ވިއްކުމުގެ މަސައްކަތް ހުންނާނެ. އެކި ބްރޭންޑްތައް އަންނާނެ. އެންމެ މިޒަމާނުގެ އިންޓަނޭޝަނަލް ފެންވަރަށް ހުންނާނީ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ފްލެޓްގެ ވަށައިގެން ސައިކަލް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށެވެ.

"މިއީ ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު މަސައްކަތް. ގާކޮށީގައި ހަތަރު ޓަވަރަކީ 42،000 އަކަފޫޓު. އަރަބިއްޔާއަކީ 20،000 އަކަފޫޓު. ޖުމްލަ 62،000 އަކަފޫޓު. މިވަރުގެ މަސައްކަތެއް އަދި އެހެން ކޮންޓްރެކްޓަރެއް މާލެއަކު ނުކުރޭ،" ޖަނާހު ވިދާޅުވި އެވެ.