ވިޔަފާރި

އެންމެ މަގުބޫލު ސީޕްލޭން އޮޕަރޭޓަރަށް ޓީއެމްއޭ

  • ޓީއެމްއޭއަށް މިދިޔަ އަހަރުވެސް މި އެވޯޑު ލިބުނު
  • މަޝްހޫރު ކުންފުނިތައް ޓީއެމްއޭއާ ވާދަކުރި
  • ޓީއެމްއޭއަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު

ވޯލްޑް ޓްރެވަލް އެވޯޑުގައި ދޭ ދުނިޔޭގެ އެންމެ މަގުބޫލު ސީޕްލޭންގެ އޮޕަރޭޓަރުގެ މަގާމު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މި އަހަރު ވެސް ހޯދައިފި އެވެ.

މޮރޯކޯގައި އާދިއްތަ ދުވަހުގެ ރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ބޭއްވި ވޯލްޓް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރަކަށް ހޮވައިފައިވަނީ ރާއްޖޭގެ ޓީއެމްއޭ ކުންފުނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވެސް މި އެވޯޑު ލިބިފައިވެ އެވެ. އަދި އެ ކުންފުންޏާ ވާދަކޮށްފައިވަނީ އެއާ ވައިޓް ސަންޑޭ ކުންފުންޏެކެވެ. އަދި ތިންވަނަ ލިބިފައިވަނީ ހާބަ އެއާ ކުންފުންޏަށެވެ.

ޓީއެމްއޭއަށް ދުނިޔޭގެ އެންމެ މަގުބޫލު ސީޕްލޭން އޮޕަރޭޓަރުގެ މަގާމު ލިބުނުއިރު، އެ ކުންފުންޏަކީ މިހާރު ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ސީޕްލޭންގެ ހިދުމަތްދޭ ކުންފުންޏެވެ. މި ކުންފުނި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުންޏަށް ވެގެން ދިޔައީ ކުރިން ސީ ޕްލޭން ވިޔަފާރީގައި އެންމެ ވާދަވެރި މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި "ބްލެކް ސްޓޯން" އިން ގަތުމުންނެވެ. އެ ކުންފުނިން ދެ ކުންފުނި ގަނެފައިވަނީ ގާތްގަނޑަކަށް 255 މިލިއަން ޑޮލަރަށެވެ.

ޓީއެމްއޭގެ ފްލީޓުގައި މިހާރު 46 ފްލައިޓް އޮޕަރޭޓް ކުރަމުންދާއިރު، އެ ކުންފުނިން މިދިޔަ އަހަރު 983،990 ޓޫރިސްޓުން އުފުލާފައިވެ އެވެ.