މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން ރާވާ، ފުރުސަތެއް ނުދޭނަން: ފުލުހުން

ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން ރާވާފައިވާ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި އެ ހިދުމަތުން ދެކޭ ކަމަށެވެ.

އެހެން ކަމުން އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގައި ބައިވެރިންނާއި އެހެނިހެން މީހުންވެސް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާ ކަމުގައި ވާތީ އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދުގެ ސައިކަލު ބުރަކީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޕީޕީއެމް / ޕީއެންސީން ބާއްވަން ތާވަލުކުރި ސައިކަލު ބުރެކެވެ.

މިއީ ރައީސް އަބްދުﷲ ޔާމީން މިނިވަންވަޑައިގަތުމުން އުފާފާޅުކުރުމުގެ ގޮތުންނާއި އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވާތީ އަޑު އުފުލުމުގެ ގޮތުން ބާއްވާ ސައިކަލު ބުރެކެވެ. މިއީ ސައިކަލު ބުރެއް ނަމަވެސް ފައިމަގުގައި އުޅޭ މީހުންވެސް މި ހަރަކާތުގައި ބައިވެރިވާން ޕީޕީއެމުން އެދެ އެވެ.

އިންޑިއާގެ ނުފޫޒާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ހަރަކާތްތައް އިދިކޮޅުން ފުޅާކުރަމުން އަންނައިރު މީގެ ކުރިންވެސް ކޮންމެ ހަފްތާ އަކު އިދިކޮޅުން ދިޔައީ މިފަދަ އެއްވުންތަކެއް ބާއްވަަމުންނެވެ.