ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން ރާވާފައިވާ ސައިކަލު ބުރު ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ފުލުހުން ނިކުމެ މަގުތައް ބަންދުކޮށް ސައިކަލު ބުރު ހުއްޓުވައިފިއެވެ.
ސައިކަލު ބުރު ހުއްޓުވުމުން ޕީޕީއެމް އޮފީސް ސަރަހައްދަށް އެއްވެފައި ތިބި މީހުން މުޒާހަރާ ކުރަން ފެށިއެވެ. އެ ހަރަކާތް ހުއްޓުވުމުގެ ގޮތުން ފުލުހުން ފަހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހައި މުޒާހަރާ ރޫޅައިލައިފައެވެ.
ސައިކަލު ބުރު ހުއްޓުވާނެ ކަމުގެ އިންޒާރުދީ ފުލުހުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ މިއަދުގެ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި އެ ހިދުމަތުން ދެކޭ ކަމަށެވެ.
އެހެން ކަމުން އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގައި ބައިވެރިންނާއި އެހެނިހެން މީހުންވެސް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާ ކަމުގައި ވާތީ އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނަށް ރައްދު ދެއްވަމުން ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް އިން ހިންގާ އެއްވެސް ރެލީއެއްގައި ހަމަނުޖެހުން ހިންގަން އެ ޕާޓީއިން ރާވާފައި ނުވާނެ ކަމަށެވެ. މި ކަމަކީ "އިންޑިއާ އައުޓް" ގެ ނަމުގައި ޕީޕީއެމް އިން ހިންގާ ހަރަކާތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ސަރުކާރުން އޮތީ ވަރަށް ބޮޑަށް އިންޑިއާގެ ދަށުވެފަ. އިންޑިއާއިން ދޭ އިންސްޓްރަކްޝަންސްތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާ އައުޓް ހުއްޓުވަން،" ހީނާ ވިދާޅުވިއެވެ.