އެމްޑަބްލިއުއެސްސީ

މާޅޮހުގައި ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްފި

Dec 17, 2021

ބ. މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މާޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން މުހައްމަދު އަބްދުﷲ އެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅޮހަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ އިމާރާތުގެ މަސައްކަތުގެ 23 ޕަސެންޓް ވެސް މިހާރު ވަނީ ނިމިފަ އެވެ.

ފެނުގެ މަޝްރޫއުގެ ދަށުން މާޅޮހުގައި 4.94 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ އެވެ.

މާޅޮހުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 4.50 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް 250 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅައި ދެ ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ދޭނެ އެވެ.

މާޅޮހުގައި ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 60.45 މިލިއަން ރުފިޔާ އެވެ.