ޑރ. އަފްރާޝީމް އަލީ

ޑރ. އަފްރާޝީމްގެ ހަނދާނީ މަރުކަޒު ހުޅުވައިފި

Dec 17, 2021

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފި އެވެ.

އިސްލާމީ މަރުކަޒު ހުޅުވީ ހުކުރު ނަމާދުގެ ވަގުތާ ދިމާކޮށްފަ އެވެ. މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މި މަރުކަޒު މިއަދު ހުޅުވާފައި މިވަނީ އެ އިމާރާތް ނިމުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް އެތަން ނުހުޅުވައިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި އުނގޫފާރު އިސްލާމީ މަރުކަޒަކީ ރާއްޖޭން އުތުރުގައި އިސްލާމީ ނޫރު އެކިކަންކޮޅުތަކަށް އަލިކޮށްދޭނެ ބިންގަލަކަށް ވެގެންދާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މަރުކަޒު އެޅުމަށް ހަވާލުކުރީ މާޗް 2، 2017 ގައި އެސްޖޭ ކޮންސްޓަރަކްޝަނަށެވެ.

އުނގޫފާރު އިސްލާމީ މަރުކަޒަކީ 1،000 މީހުންގެ ޖާގައިގެ ތަނެކެވެ. ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމް ތަކާއި މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ވަސީލަތްތަކެއް ގާއިމުކޮށްފައި ހުރެ އެވެ. އެ މަރުކަޒުގެ ކްލާސް ރޫމްތަކުގައި ހިންގާނީ ގުރުއާން ކްލާސް ތަކެކެވެ. އަދި ބައެއް ކްލާސްތައް ބޭނުންކުރާނީ އިދާރީ ބޭނުން ތަކަށެވެ.