މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ޗެއާމަނަކަށްް ސެންކޯ ޝަރީފް

Dec 17, 2021
1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) އައްޔަނުކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ފެބްރުއަރީ 6، 2019 އިން ފެށިގެން ޝަރީފް ހުންނެވީ އެމްޕީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަންކުރަނީ ރައީސް އޮފީހުން އެ ނަމެއް ފޮނުވުމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

އެމްޕީއެލްގެ ބޯޑުގައި ޝަރީފާ އެކު ޖުމްލަ ހަތް ބޭފުޅުން ތިއްބަވަ އެވެ. އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރަކަށް ހުންނެވީ ޝާހިދު އަލީ އެވެ.

މެރިޓައިމްގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ސެންކޯ ޝަރީފް ވަނީ 1986 އިން 2005 އަށް ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި -- އެމްއެންއެސްއެލްގައި މަސައްކަތް ކުރައްވާފަ އެވެ. އޭގެފަހުން 2005 އިން 2011 އަށް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.