ސިއްހަތު

ލޭބޭނުންވާ މީހުންނަށް ހާއްސަ އެޕެއް ތައާރަފްކޮށްފި

Dec 17, 2021

ލޭ ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން "ތިކި" ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެެވެ.

ލ. އަތޮޅަށް ނިސްބަތްވާ ޒުވާނުންތަކެއް އިސްނަގައިގެން ހަދާފައިވާ އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް އެވެ.

މިރަސްމިއްޔާތުގައި ހުސައިން ވިދާޅުވީ ލޭ ހޯދާ ފަރާތްތަކާއި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ޒުވާނުންތަކެއް އިސްވެ ތިބެ ހަމަޖައްސައިދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރަން ނިންމާފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކުގަ އެވެ.

މި އެޕްލިކޭޝަން ހެދުމުގެ ބޭނުމަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުންގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން އެއް ޕްލެޓްފޯމަކަށް ގެނައުމެވެ.

މި އެޕްލިކޭޝަންގައިވާ ފޯމެއް ފުރައިގެން ލޭ ހަދިޔާކުރާ މީހެއްގެ ގޮތުގައި މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވެވޭނެ އެެވެ. އަދި ލޭ ހަދިޔާކުރާ ދުވަހުން ފެށިގެން އެމީހާގެ ނަން 90 ދުވަހަށް އެޕްލިކޭޝަނުން ނުފެންނަ ގޮތް ހަދާނެ އެވެ. އެއީ ލޭ ދޭ މީހަކު ލޭ ހަދިޔާކުރުމަށްފަހު ތިން މަސް ދުވަހު މަޑުކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުން ލަފާ ދެއްވާތީ އެވެ.

ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތެއް ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެތެރެއިން ބައެއް ކުދިން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު ދަފްތަރުގައި އެވްރެޖު ގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުދިންނެވެ.