ރާއްޖެ ކުޅިވަރު

ސުނިލް ޗެތްރީ ގައުމީ ޓީމަށް ދޫކުރަން ކުލަބުން ދެކޮޅު ހަދައިފި

އިންޑިޔާގެ ގައުމީ ކެޕްޓަން ސުނިލް ޗެތްރީ ގައުމީ ފުޓްބޯޅަ ޓީމަށް ދޫކުރަން އޭނާގެ ކުލަބު ބެންގަލޫރު އެފްސީން ދެކޮޅު ހަދައިފި އެވެ.

އަންނަ ހަފުތާގައި އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އިންޑިޔާ ޓީމު ފަރިތަކުރަން ފަށާފައިވާއިރު ބެންގަލޫރު އެފްސީން ސްކޮޑަށް ނަގާފައިވާ އަނެއް ހަ ކުޅުންތެރިން ދޫނުކުރަން ވަނީ ނިންމައިފަ އެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނަށް ބެންގަލޫރު އެފްސީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޗެތްރީ އާއި އަނެއް ހަ ކުޅުންތެރިން ގައުމީ ޓީމަށް ދޫކުރާނީ ފީފާގެ ގަވާއިދުގައި ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަންޖެހޭ މުއްދަތުގައި ކަމަށެވެ. މިހެންވެ އެ ކުޅުންތެރިން ޓީމާ ގުޅޭނީ މުބާރާތް ފެށުމުގެ ތިން ދުވަސް ކުރިން ކަމަށެވެ.

މި ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޗެތްރީ އާއި އެހެން ކުޅުންތެރިން އިންޑިއަން ސުޕަ ލީގުގައި ގިނަ މެޗުތައް ކުޅެފައިވުމުން ވަރުބަލިވެފައިވާ ކަމަށެވެ. މިހެން ކުޅުންތެރިން އަރާމު ކުރަން ޖެހޭ ކަމަށާއި އެކަން ނުކޮށްފިނަމަ ޖެނުއަރީ ނުވަވަނަ ދުވަހު ފަށާ އިންޑިއަން ސުޕަ ލީގުގެ އާ ސީޒަނުގައި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އިންޑިޔާގެ ގައުމީ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ވަނީ ގައުމީ ސްކޮޑާ ގުޅެން ޗެތްރީއާ ވާހަކަ ދައްކައިފަ އެވެ. ނަމަވެސް ކުޅުންތެރިޔާ ވަނީ ކުލަބުން ހުއްދަނުދެނީސް އެކަން ކުރަން ނުކެރޭނެ ކަމަށް ބުނެފަ އެވެ.

ޗެތްރީގެ ކުލަބުން ބުނީ މުޅި ސީޒަނުގައި އޭނާ ވަނީ 52 މެޗު ކުޅެފި ކަމަށާއި މިހެންވެ އަރާމުކުރުމެއްނެތި ކުޅުންތެރިޔާ އަބަދު ފުޓްބޯޅަ ކުޅެން ދޫކޮށްނުލެވޭނެ ކަމަށެވެ.

އިންޑިއަން ސުޕް ލީގު ނިމުނުތާ މާގިނަ ދުވަހެއް ނުވެ ސާފް ސުކުޒީ ކަޕް ފަށާތީވެ އިންޑިޔާގައިވަނީ ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. މިހެންވެ މުބާރާތަށް ޖޫނިއާ ޓީމެއް ފޮނުވަން ބޭނުންވާ ކަމަށް ކޯޗުވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް މުބާރާތުގެ ތަށި ކާމިޔާބު ކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިއުމާއެކު ކޯޗުވަނީ މުހިންމު ހުރިހާ ކުޅުންތެރިން ހިމަނައިގެން 40 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފަ އެވެ.