ސާފް ޗެމްޕިއަންޝިޕް ނުވަތަ ސާފް ސުޒުކީ ކަޕް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ބިޑްކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ބަނގަލްދޭޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝުހާގް ވިދާޅުވީ ސާކް ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވަން އެ ގައުމުން ޝައުގުވެރިވާ ކަމަށާއި ނަމަވެސް މިކަމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މިވަގުތު ގައުމުން ބޭރުގައި ހުންނެވި ބަނގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މިހަފުތާގައި އެނބުރި ވަޑައިގަތުމުން ކަމަށެވެ.
މުބާރާތުގެ މާކެޓިން ޕާޓްނަރު ވޯލްޑް ސްޕޯޓްސް ގްރޫޕުގެ އެދުމުގެ މަތީން ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް ބާއްވަން ޖެހެނީ އިންޑިޔާގަ އެވެ. މިހެންވެ 2017 ވަނަ އަހަރު މުބާރާތް ބާއްވާ ގައުމު ކަނޑައަޅަން ޖެނުއަރީ ދެ ވަނަ ދުވަހު އިންޑިޔާގައި ސާކުގެ އަށް ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަންގެ ވެރިން ބައްދަލުކުރާނެ އެވެ. މި ބައްދަލުވުމުގައި ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ބާއްވާނެ ގައުމެއް ވެސް ކަނޑައަޅާނެ އެވެ. މި މުބާރާތް މި އަހަރު ބޭއްވީ ބަނގްލަދޭޝްގަ އެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހިލާލް ވިދާޅުވީ މިހާތަނަށް އެއްވެސް ގައުމަކުން ރަސްމީކޮށް މުބާރާތް ބާއްވަން ބިޑްކޮށްފައިނުވާ ކަމަށާއި ނަމަވެސް ބޫޓާނާއި ސްރީލަންކާއިން މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވީ ސްރީލަންކާއާއެކު ހިއްސާވެގެން 2008ގަ އެވެ. އެ ފަހަރު ލަންކާގައި ކުޅުނު ފައިނަލް މެޗުގައި އިންޑިޔާ ބަލިކޮށް ތަށި ހޯދީ ރާއްޖެ އެވެ.
މި މުބާރާތް މިހާތަނަށް ބަނގްލަދޭޝްގައި ވަނީ ދެ ފަހަރަކު ބާއްވައިފަ އެވެ. އެއީ 2003 ވަނަ އަހަރާއި 2009ގަ އެވެ. މީގެ ތެރެއިން 2003 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ބަނގްލަދޭޝް އެވެ. އެއީ ފައިނަލުގައި ޕެނަލްޓީޖަހައިގެން ރާއްޖެ ބަލިކޮށްފަ އެވެ.